ލަނޑު ޖެހޭނެކަން ސާބިތުކޮށްދީ ރާއްޖެ ފައިނަލަށް

Advertisement

ލަނޑު ޖެހޭނެކަން ސާބިތުކޮށްދީ ރާއްޖެ ފައިނަލަށް

ޢަލީ ޝަހީމް

ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ނޭޕާލް 3-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރު ކޮށްފިއެވެ. މިއީ މި މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރި ފަސް ވަނަ ފަހަރެވެ. ރާއްޖެ ފައިނަލުގައި ވާދަކުރަން ޖެހޭނީ މިއަދު ކުޅޭ ދެވަނަ ސެމީ ފައިނަލުގައި އިންޑިޔާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ރާއްޖެ ސެމީ ފައިނަލަށް ދަތުރު ކުރީ ގްރޫޕް ސްޓޭޖުގައި އެންމެ ލަނޑެއްވެސް ނުޖެހި ޕޮއިންޓުގެ ގޮތުން ސްރީ ލަންކާއާއި އެއްވަރުގެ ގުރު ނަގައިގެން ކާމިޔާބު ވުމުންނެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާއާ 0-0 އިން އެއްވަރުވިއިރު ދެވަނަ މެޗުގައި އިންޑިޔާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ވަނީ 2-0 އިން ބަލިވެފައެވެ. މި މުބާރާތުގައި ވޭތުވެދިޔަ ތިން ފަހަރުވެސް ރާއްޖެ ސެމީ ފައިނަލުގައި ބަލިވީ އިންޑިޔާއާ ވާދަކޮށެވެ. ފައިނަލުގައި ރާއްޖެ އެންމެ ފަހުން ކުޅެފައިވަނީ 2009 ވަނަ އަހަރު އިންޑިޔާއާއި ދެކޮޅަށެވެ. އެފަހަރު ރާއްޖެ ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ އިންޑިޔާ އެވެ.

Advertisement

މިއަދު މެޗުގައި ރާއްޖޭ ޓީމަށް ކޯޗު ޕީޓާ ސެގާޓް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އިންޑިޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގައި ހިމަނާފައިނުވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ނާއިޒް ހަސަން (ދާދު) އަށްވެސް ފުރަތަމަ އެގާރައިން ވަނީ ފުރުސަތު ދީފައެވެ. މީގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ގެ ބަދަލުގައި މެދުތެރޭގައި ހިމެނީ ހުސައިން ނިހާން އެވެ. މުހައްމަދު މުޖުތާޒަށް އަނިޔާވުމުން ޓީމުގެ ޑިފެންސުން ފުރުސަތު ދީފައިވަނީ މުހައްމަދު ސަމްދޫހަށެވެ.

މެޗު ފެށިގެން ރާއްޖޭން މޮޅަށް ކުޅޭ ފުރަތަމަ ލަނޑު ޖެހީ އަކްރަމް އަބްދުލްގަނީ އެވެ. އަކްރަމް މި ލަނޑު ޖެހީ ރާއްޖޭ އަލީ ފާސިރުއަށް ނޭޕާލް ކުޅުންތެރިން ކުރި ފައުލަކުން އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ. އަކްރަމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗު ކުޅެމުންދިޔައިރު ބޯކޮށް ވާރޭވެހި ވިދާ ގުގުރާތީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުން ފެށިގެން މެޗުގެ ކުޅުންވަނީ މެދުކަނޑާލާފައެވެ. މެޗު މެދުކަނޑާލުމަށްފަހު އަލުން ފެށީ 30 ވަރަކަށް މިނެޓު ފަހުންނެވެ. ފުރަތަމަ ހާފުގެ ބާކީ ބައިގައި ނޭޕާލް ޓީމުން ވަނީ މޮޅަށްކުޅޭ ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައިވެސް ރާއްޖޭގޭ ގޯލް ކީޕަރު މުހައްމަދު ފައިސަލް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނާއިޒް ހަސަން (ދާދު) އަށެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލުމުން ނޭޕާލްގެ ގޯލް ކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައިވެސް ނޭޕާލުން ވަނީ ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ނޭޕާލް ޓީމުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ފައިސަލް އެވެ.

ރާއްޖޭން މެޗުގައި ފަހު ދެލަނޑު ޖެހީ މެޗުގެ ފަހު 10 މިނެޓުގައެވެ. މި ދެ ލަނޑުވެސް ޖެހީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. މެޗު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައިވަނިކޮށް އިއްބެގެ ފުރަތަމަ ލަނޑު ޖެހީ ނޭޕާލް ކުޅުންތެރިން ސާފުކޮށްލި ބޯޅައެއް އޭރިޔާތެރޭގައި ހުރެފައި ލިބުމުން އެއްފަހަރުން ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. އިއްބެގެ ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ޖެހީ އޭރިޔާ ތެރެއިން ނޭޕާލްގެ ޑިފެންޑަރުންނަށް ސާފު ނުކޮށްލެވުނު ބޯޅަ ލިބުމުން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އިއްބެ އަކީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ އަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ރާއްޖޭން ކުޅުނު ތިން މެޗުގައިވެސް ފުލްކޮށް ކުޅެފައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *