ނޭޝަންސް ލީގު: ސްޕެއިނުން ފެންވަރު ދައްކާލައިފި

Advertisement

ނޭޝަންސް ލީގު: ސްޕެއިނުން ފެންވަރު ދައްކާލައިފި

ޢަލީ ޝަހީމް

ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ކްރޮއޭޝިޔާ ކޮޅަށް ހަ ލަނޑު ޖަހައި ސްޕެއިންއިން ފެންވަރު ދައްކާލައިފިއެވެ. ކްރޮއޭޝިޔާއަކީ މިދިޔަ ޖުލައި މަހު ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޓީމެވެ. ފައިނަލުގައި އެޓީމު ފްރާންސް އަތުން ބަލިވީ 4-2 އިންނެވެ. ވޯލްޑް ކަޕްގައި ސްޕެއިން ކެޓީ މުބާރާތުގެ ދެވަނަ ބުރުގައި ރަޝިޔާއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ.

ރޭގެ މެޗާއެކު ނޭޝަންސް ލީގުގައި ސްޕެއިން ހިމެނޭ ގްރޫޕުގެ އެއްވަނަ އެޓީމަށް ލިބެނީ ކުޅުނު ދެމެޗުން ލިބުނު ހަ ޕޮއިންޓާއި އެކުއެވެ. މި ގްރޫޕުގައި ސްޕެއިނާއި ކޮރޮއޭޝިޔާގެ އިތުރުން ހިމެނެނީ އިންގްލެންޑެވެ.

މިއީ އާ ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެޓީމުން ވަނީ ރަށުން ބޭރުގައި 2-1 އިން އިންގްލެންޑް ބަލިކޮށްފައެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން ވަނީ ތިން ލަނޑު ޖަހާފައެވެ. އިންގްލެންޑް ކޮޅަށްވެސް ލަނޑުޖެހި ސައުލް ނިގުއޭޒް ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑު ޖެހީ ޒުވާން ތަރި މާކޯ އެސެންސިއޯ އެވެ. ސްޕެއިންގެ ތިންވަނަ ލަނޑަކީ ކްރޮއޭޝިޔާގެ ބަދަލު ކީޕަރު ލޮވްރޭ ކަލިނިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ވަނީ އެސެންސިއޯ ދުރުން ފޮނުވާލި ބާރު ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތުގައި ކީޕަރުގެ ގައިގައި ޖެހިފައެވެ.

ދެވަނަ ހާފުގައި ސްޕެއިންގެ ލަނޑުތައް ޖަހައިދިނީ ރޮޑްރިގޯ އާއި ސާޖިއޯ ރާމޯސް އަދި އިސްކޯ އެވެ. މި ތިން ލަނޑު ޖަހަންވެސް މަގުފަހި ކޮށްދިނީ މެޗުގައި ތަފާތު މޮޅު ކުޅުމެއްދެއްކި އެސެންސިއޯ އެވެ.

މި ގްރޫޕުގައި ހިމެނޭ އިންގްލެންޑް ރޭ ވަނީ އެކުވެރިކަމުގެ މެޗެއްގައި ސްވިޒަލޭންޑާއި ދެކޮޅަށް ކުޅެފައެވެ. މި މެޗު 1-0 އިން އިންގްލެންޑް ކާމިޔާބު ކުރިއިރު މެޗުގެ ހަމައެކަނި ލަނޑު ޖެހީ މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރަޝްފާޑެވެ. ރޭ ކުޅުނު އެކުވެރިކަމުގެ އެހެން މެޗަކަށް ބަލާއިރު ބްރެޒިލް ވަނީ އެލް ސެލްވެޑޯއާއި ކުޅުނު މެޗުން 5-0 އިން މޮޅުވެފައެވެ. މި މެޗުގައި ބްރެޒިލް ޓީމުގައި އަލަށް ހިމެނުނު އެވަޓަންގެ ރިޗާލިސަން ވަނީ ދެ ލަނޑު ޖަހާފައެވެ. ބްރެޒިލްގެ އަނެއް ތިން ލަނޑު ޖެހީ ނޭމާއާއި ފިލިޕް ކުޓީނިއޯގެ އަދި މާކީނިއޯސް އެވެ. މި މެޗުގައި ނޭމާ ލަނޑުޖެހީ ރިޗާލިސަންއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް ވަނީ 3-0 އިން އައިސްލޭންޑް ބަލިކޮށްފައެވެ. މި މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އެޑެން ހެޒާޑާއި ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *