ކްރިކެޓްގެ ހަތުރުން އަހަރުތަކަކަށްފަހު ފުޓްބޯޅަ ދަނޑަށް
ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި ކްރިކެޓްގައި ވާދަވެރި އިންޑިޔާއާއި ޕާކިސްތާން ވާދަކުރާނެއެވެ. މި ދެޓީމު މިއަދުގެ ސެމީގައި ވާދަކުރާއިރު ކްރިކެޓްގައި މިއީ ވަރަށް ވާދަވެރި ދެގައުމެވެ. އެކަމަކު ފުޓްބޯޅައިގައި ޕާކިސްތާނާ އަޅާބަލާއިރު އިންޑިޔާ އޮތީ މާބޮޑަށްވެސް ކުރީގައެވެ. ފުޓްބޯޅައިގެ އިތުރުންވެސް މި ދެގައުމުގެ ވާދަވެރި މެޗުތަކެއް އެހެން ކުޅިވަރުތަކުގައިވެސް ބަންގްލަދޭޝްގައި ވަނީ ކުޅެފައެވެ. މިގޮތުން 2014 ވަނަ އަހަރުގެ އޭޝިޔާ ކްރިކެޓް ކަޕާއި 2017 ވަނަ އަހަރުގެ އޭޝިޔާ ކަޕް ހޮކީ މުބާރާތް ފާހަގަ ކޮށްލެވެއެވެ.
ނަމަވެސް މި ދެޓީމުގެ ދެމެދުގައި ކުޅެވޭ ކްރިކެޓް މެޗުތަކަކީ ދުނިޔޭގެ އެތައް ބިލިއަން މީހުން ސަމާލުކަން ހުއްޓޭ މެޗުތަކެކެވެ.
މިއީ ވޭތުވެދިޔަ ތިން އަހަރުތެރޭ ފުޓްބޯޅައިގެ ރަސްމީ މުބާރާތެއްގައި ޕާކިސްތާން ކުޅޭ ފުރަތަމަ ފަހަރެވެ. އެގައުމުގައި ފުޓްބޯޅައިގެ ހަރަކާތްތައް އަހަރުތަކެއް ވަންދެން މަޑުޖެހިފައި އޮތުމަށްފަހު މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރަން އެޓީމު ނުކުންނާނީ މި މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ ގަދަފަދަ އިންޑިޔާއާއި ދެކޮޅަށެވެ. ޕާކިސްތާން ވަނީ މި މުބާރާތުގެ ތާރީހުގައި ސެމީ ފައިނަލުގައި ވާދަކުރި ތިންފަހަރުވެސް ބަލިވެފައެވެ. އެއާ ހިލާފަށް މިއީ މި މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިޔާ ކުޅޭ 11 ވަނަ ފަހަރެވެ. އެޓީމު ވަނީ ސެމީ ފައިނަލުގައި އެންމެ ފަހުން ކުޅުނު ހަ ފަހަރުވެސް ވަނީ ފައިނަލާ ހަމައަށް ދަތުރު ކޮށްފައެވެ.
މި ދެޓީމުގެ ފަރަގު ވޭތުވެދިޔަ އަހަރުތަކުގައި ބޮޑުވީ ޕާކިސްތާނުގެ ފުޓްބޯޅައަށް ތިން އަހަރުގެ މެދުކެނޑުމެއް އައުމުންނެވެ. ދުނިޔޭގެ ރޭންކިންގައި އިންޑިޔާ މިހާރު އޮތީ ޕާކިސްތާނަށްވުރެ 105 ދަރަޖަ ކުރީގައެވެ. 211 ގައުމު ހިމެނޭ ދުނިޔޭގެ ރޭންކިންގައި ޕާކިސްތާނަށް ލިބެނީ 201 ވަނަ އެވެ.
މި މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނުނު އިންޑިޔާ ވަނީ ކުޅުނު ދެމެޗުންވެސް ފަސޭހަކަމާއެކު މޮޅުވެ ހަ ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. 23 އަހަރުން ދަށުގެ ޓީމަކާއެކު މިފަހަރުގެ މުބާރާތުގައި ވާދަކުރާއިރު އެޓީމު ވަނީ ސްރީ ލަންކާ އަދި ރާއްޖޭގެ މައްޗަށްވެސް 2-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.
ޕާކިސްތާން ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗުގެ ތެރެއިން އެޓީމު ވަނީ ނޭޕާލް އަދި ބޫޓާން ބަލިކޮށްފައެވެ. އެޓީމު ގްރޫޕް ސްޓޭޖުގައި ހަމައެކަނި ބަލިވީ މުބާރާތް ބާއްވާ ބަންގްލަދޭޝްއާއި ވާދަކޮށް 1-0 އިންނެވެ. ޕާކިސްތާނަށް ގްރޫޕުގެ ދެވަނަ ލިބުނީ އެއްވަނަ ލިބުނު ނޭޕާލާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ފައިދާ ގޯލުން ކުރި ނުލިބުމުންނެވެ.
ކްރިކެޓްގައި އިންތިހާއަށް ވާދަވެރި މި ދެގައުމުގެ ކޯޗުންވެސް ބުނީ، ސެމީ ފައިނަލް މެޗު ބަލާނީ ވަކި މެޗެއްގެ ގޮތުގައިކަމަށެވެ.
“މި މެޗަށްދާއިރު އަހަރެން މިހުރީ ވަރަށް ހަމަޖެހިފަ. ރޭންކިންގަ އިންޑިޔާ އޮތީ ކުރީގަ އަނެއްކާ މި ޓީމު އެމީހުން ތައްޔާރުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ. އިންޑިޔާގެ ކޮލިޓީ ވަރަށް ރަނގަޅު، ވަރަށް އަވަސް އަނެއްކާ ވަރަށް ރޭވުންތެރި. އެމީހުނަށް މެޗުގައި މިސްޓޭކެއް ހެދިއްޖެ ނަމަ އަހަރެމެން ބަލާނަން ފައިދާ ނެގޭތޯ” ޕާކިސްތާނުގެ ކޯޗު ބްރެޒިލްގެ ހޯސޭ ނޮގޭރާ ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.
އިންޑިޔާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނީ މިއަދުގެ މެޗަކީ މުޅިން އެހެން މެޗެއްކަމަށާއި، ޕާކިސްތާން ބަލިކޮށް ފައިނަލަށް ދާން އުއްމީކުރާކަމަށެވެ.
“މި މުބާރާތަށް އަހަރެމެން މިތިބީ ތައްޔާރުވެގެން. މިއީ އަނެއްކާވެސް އެހެން މެޗެއް. އަހަރެމެން ބަލިވެގެން މިކަން ނިމޭކަން ބޭނުމެއް ނޫން. އެހެންވީމަ އަހަރެމެންގެ އުއްމީދަކީ އެމީހުން ބަލިކޮށްފަ ފައިނަލަށް ދިއުން” ޒުވާން ޓީމާއެކު ފައިނަލަށް ދިއުމުގައި އުއްމީދު ބޮޑު އިންޑިޔާގެ ކޯޗު ބުންޏެވެ.
އިންޑިޔާއާއި ޕާކިސްތާން މި މުބާރާތުގައި މިހާތަނަށް ވަނީ ހަތް ފަހަރު ވާދަކޮށްފައެވެ. މި ހަތްމެޗުގެ ތެރެއިން ފަސް މެޗުން އިންޑިޔާ މޮޅުވެފައިވާއިރު އެއްމެޗު އެއްވަރުވެ އެއްމެޗުން ޕާކިސްތާން ވަނީ މޮޅުވެފައެވެ. ހަތް ފަހަރު މި ދެޓީމު ވާދަކުރިނަމަވެސް ސެމީ ފައިނަލުގައި ވާދަކޮށްފައިވަނީ ހަމައެކަނި 1997 ވަނަ އަހަރުގެ މުބާރާތުގައެވެ. އެމެޗު 2-0 އިން ކާމިޔާބުކުރީ އިންޑިޔާއެވެ. އިންޑިޔާ އަތުން ޕާކިސްތާން މޮޅުވެވުނީ 2003 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގައެވެ. މިއަދުވެސް މި ދެޓީމުގެ މެޗު ކުޅޭނީ 2003 ވަނަ އަހަރު ޕާކިސްތާނުން އިންޑިޔާ ބަލިކުރި ބަންގުބަންދު ސްޓޭޑިއަމްގައެވެ. ފުޓްބޯޅައިގެ ތާރީހުގައި މި ދެޓީމު 23 ފަހަރު ވާދަކޮށްފައިވާއިރު އިންޑިޔާއިން ވަނީ 14 ފަހަރު ޕާކިސްތާން ބަލިކޮށްފައެވެ. މި 23 މެޗުގެ ތެރެއިން ޕާކިސްތާނަށް މޮޅުވެވުނީ އެންމެ ތިން މެޗުންނެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އިންޑިޔާއާއި ޕާކިސްތާން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 6 ޖަހާއިރުއެވެ.
Advertisement
Leave a Reply