ލައިބީރިޔާގެ ރައީސް އުމުރުން 51 އަހަރުގައި ގައުމީ ޓީމުގައި

Advertisement

ލައިބީރިޔާގެ ރައީސް އުމުރުން 51 އަހަރުގައި ގައުމީ ޓީމުގައި

ޢަލީ ޝަހީމް

މިއަހަރުގެ ޖެނުއަރީ މަހު ލައިބީރިޔާގެ ރައީސްކަމާއި ހަވާލުވި ކުރީގެ ފުޓްބޯޅަ ތަރި ޖޯޖް ވެއާ އުމުރުން 51 އަހަރުގައި ގައުމީ ޓީމަށް މެޗެއް ކުޅެދީފިއެވެ. ރޭ ލައިބީރިޔާ ގައުމީ ޓީމުން ނައިޖީރިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި 79 މިނެޓު ވެއާ ވަނީ ކުޅެފައެވެ. ލައިބީރިޔާގެ މޮންރޮވިއާގައި ކުޅުނު މި މެޗު 2-1 އިން ކާމިޔާބު ކުރީ ނައިޖީރިޔާއެވެ. މިމެޗު އެގައުމުން ހާއްސަ ކުރީ ވެއާ ގައުމީ ޓީމުގައި ބޭނުންކުރި 14 ނަންބަރު ޖޯޒީ ރިޓަޔާ ކުރުމުގެ ގޮތުންނެވެ.

ރޭގެ މެޗަށް ނައިޖީރިޔާއިން ނެރުނީ ނިސްބަތުން ވަރުގަދަ ޓީމެކެވެ. އިނގިރޭސި ކްލަބް ލެސްޓާ ސިޓީއަށް ކުޅޭ ވިލްފްރެޑް އެންޑިޑީ އާއި ވޯލްޑް ކަޕްގައި އެޓީމުގައި މޮޅު ކުޅުމެއް ދެއްކި ޕީޓާ އިޓޭބޯ ފުރަތަމަ އެގާރައިގައި ހިމެނިއިރު ކެލެޗީ އިހެނާޗޯ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މެޗުގައި ނައިޖީރިޔާއިން ދެ ލަނޑު ޖަހާފައިވަނިކޮށް ލައިބީރިޔާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުއެވެ.

Advertisement

ލައިބީރިޔާގެ ރައީސް ކުޅުނު މެޗެއްގެ ތެރެއިން. އޭނަވަނީ 1995 ވަނަ އަހަރު ފީފާއިން ހޮވި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައި

1995 ވަނަ އަހަރު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ވެއާއަކީ މި މަގާމް ހޯދި އެފްރިކާއަށް ނިސްބަތްވާ ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާއެވެ. ރޭގެ މެޗުގައި ވެއާ ބަދަލުކުރި ވަގުތު މުޅި ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ސަޕޯޓް ދީފައިވެއެވެ. ޖޯޖް ވެއާގެ ދަރިފުޅު ޓިމޮތީ ވެއާއަކީވެސް މިހާރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޓިމޮތީ އަކީ މިހާރު ފްރާންސްގެ ގަދަބާރު ޕީއެސްޖީގެ ކުޅުންތެރިއެކެވެ.

ވެއާ އަކީ ފުޓްބޯޅަ ކުޅުނު ދުވަސްވަރު ފްރާންސްގެ މޮނާކޯއާއި ޕީއެސްޖީގެ އިތުރުން އިޓަލީގެ އޭސީ މިލާނުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ކުރު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުން 2000 ވަނަ އަހަރު އިނގިރޭސި ކްލަބް ޗެލްސީ އާއި މެންޗެސްޓަރ ސިޓީއަށް ވެސް ކުޅެފައެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް 11 މެޗު ކުޅެދިންއިރު ވެއާ ވަނީ ތިން ގޯލު އެޓީމަށް ޖަހައިދީފައެވެ. އެއަށްފަހު ސިޓީގެ ޖޯޒީގައި ވެއާ ކުޅުނު ހަތް މެޗުގައި އެއް ލަނޑު ވަނީ ޖަހާފައެވެ.

ގައުމީ ޓީމަށް ކުޅެދިން 61 މެޗުގައި 22 ގޯލް ވެއާ ޖަހާފައިވާއިރު އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި 23 އަހަރު ކުޅުމަށްފަހުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *