ދަގަނޑޭގެ ބަސް، މިއީ ގައުމީ މަސައްކަތެއް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ނޭޕާލާ ދެކޮޅަށް ނުކުންނައިރު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމަށް ހިތްވަރު ދީފިއެވެ. ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި އޭނާ ބުނެފައިވަނީ މިއީ ގައުމީ މަސައްކަތެއް ކަމަށާއި، މިއަދުގެ މެޗަށް ގައުމީ ޓީމަށް ކާމިޔާބީއަށް އެދޭކަމަށެވެ.
“މިއީ ވަކި މީހަކަށް ކޮށްދޭ ކަމެއް ނޫން. މިއީ ގައުމީ މަސައްކަތެއް. ގައުމަށްޓަކާ ކުރާކަމެއް. އިންޝާﷲ ގަދައަޅާ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ. މިއަދުގެ މެޗުން ދިވެހި ރާއްޖެއަށް ފުރިހަމަ ކާމިޔާބީއަށް އެދެން” ގަދަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި އޭނާ ބުނެފައިވެއެވެ.

ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި ގައުމީ ޓީމަށް ކާމިޔާބީއަށް އެދިފައި
ރާއްޖެ ކުޅޭ ކޮންމެ މެޗެއްގައިވެސް ދަގަނޑޭ އަކީ ގައުމީ ޓީމަށް ހިތްވަރުދޭ ކުޅުންތެރިއެކެވެ. މި ސީޒަނުގައި މިހާތަނަށް 25 ގޯލް ޖަހައި ރަނގަޅު ފޯމެއްގައި ހުރިނަމަވެސް، ކޯޗު ޕީޓަރ ސެގާޓް ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ. ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ވަނީ 2008 ވަނަ އަހަރު ރާއްޖޭން ސާފް މުބާރާތް ކާމިޔާބު ކުރިއިރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މީގެ އިތުރުން ދަގަނޑޭއަކީ ސާފް މުބާރާތުގެ ތާރީހުގައި 20 ގޯލާއެކު އެންމެ ގިނަ ގޯލުވެސް ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2013 ވަނަ އަހަރު ރާއްޖޭން ލަންކާ ކޮޅަށް 10 ލަނޑު ޖެހިއިރު އެމެޗުގައި ހަ ގޯލު ޖަހާފައެވެ.
ގައުމީ މަސައްކަތެއްގެ ގޮތުގައި މިއަދު މެޗު ސިފަކުރިއިރު ދިވެހި ޓީމުގެ ކޯޗުވެސް ވަނީ މިވަގުތު ޓީމަށް ބޭނުންވަނީ އެންމެންގެ ސަޕޯޓް ކަމަށާއި، ޓީމާއެކު ހުރިހާ ދިވެހި ރައްޔިތުންވެސް ތިބުމަށް އެދިފައެވެ.
Advertisement


Leave a Reply