ސެގާޓަށް މުހިއްމުވީ ދަގަނޑޭއެއް ނޫން، ބައްސާމް

Advertisement

ސެގާޓަށް މުހިއްމުވީ ދަގަނޑޭއެއް ނޫން، ބައްސާމް

ޢަލީ ޝަހީމް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ މިއަދު ނޭޕާލާ ވާދަކުރާ ސެމީ ފައިނަލް މެޗާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުކީ ފަހަކަށް އައިސް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކު ދިން އެންމެ ތަފާތު އެއް އިންޓަވިއުއެވެ. 12 މިނެޓުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވަނީ ދިވެހި ފުޓްބޯޅައާ ގުޅޭގޮތުން އޭނާގެ ހިތުގައި އޮތް ގިނަ ކަންތައްތަކެއް ހިއްސާކޮށްފައެވެ.

ސެގާޓްގެ އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ މީޑިޔާއެވެ. މީޑިޔާއިން ހަބަރުފަތުރާ ގޮތުން ސެގާޓް ބުނީ ޓީމުގެ ބައެއް ކުޅުންތެރިން އޭނާއާ އެކަމުގައި ވާހަކަވެސް ދައްކަން ބޭނުންވި ކަމަށެވެ. ނަމަވެސް ރާއްޖޭގައި ހިންގާ މޯލްޑިވްސް ސޮކާ ވެބްސައިޓަށް ޓީމުގެ ބައެއް ކުޅުންތެރިން ނަން ހާމަ ނުކުރުމަށް އެދި ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންގެ ހިތްހަމަ ނުޖެހުންތައް ސެގާޓާ ހިއްސާކުރަން ދިއުމުން އެ ފުރުސަތު ކުޅުންތެރިންނަށް ނުލިބުނު ކަމަށެވެ. އެއަށްފަހު ކުޅުންތެރިންގެ ވާހަކަތަކުން ފާހަގަވީ މިފަހަރުގެ މުބާރާތުގައި ޓީމު ތެރޭގައި އިންތިހާއަށް މައްސަލަތައް ބޮޑުވެފައިވާކަމެވެ.

މީޑިޔާއާ ހަމައިން ސެގާޓް ނިންމައެއް ނުލައެވެ. ލަނޑެއް ނުޖެހި ގުރު ނަގައިގެން ސެމީއަށް ދިއުމުންވެސް ސެގާޓް ވީ ފަހުރެވެ. އޭނާ ބުނީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ދިވެހި ޓީމު ދިޔައީ ސެމީއަށް ކަމަށާއި، މިފަހަރުވެސް ދިވެހި ޓީމު ކުޅޭނީ ސެމީގައި ކަމަށެވެ. އެހެން ފަހަރުތަކުގައި ތަރިން ގޮވައިގެން ސެމީއަށް ދިޔައިރު މިފަހަރު އޭނާ ޓީމު ގޮވައިގެން ސެމީއަށް ދިޔައީ ޒުވާން ކުޅުންތެރިންނާއި އެކު ކަމަށް ސެގާޓް ވަނީ ބުނެފައެވެ.

ސެގާޓްގެ ވާހަކަތަކުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި ގުޅޭގޮތުން އޭނާ ވާހަކަ ދެއްކި ގޮތާއި ރާގެވެ. ބައްސާމުގެ ވާހަކަ ޕްރެސްތެރޭ ނޫސްވެރިއަކު ނުވެސް އަހަނިސް ބައްސާމަކީ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމާއި، ބައްސާމްގެ ދިފާއުގައި އޭނާ ހުރިކަމަށް ވަނީ ބުނެފައެވެ.

“އަހަރެން މިހުރީ އޭނާގެ ދިފާއުގައި. ސަބަބަކީ އެއީ އަހަރެންގެ ރައީސް. އަހަރެން ގެނައީ އޭނަ. އެކަމު އެހެން މީހަކު އޭނަގެ މަގާމް ބޭނުންވާނަމަ އަހަރެން ޖެހޭނެ މަގާމް ދިފާއު ކޮށްދޭން މަސައްކަތް ކުރަން. އެކަމަކު މިއީ އަހަރެން އަދި އެހެން މީހުންގެ ވަޒީފާއެއްވެސް ނޫން ސެމީ ފައިނަލް މެޗުގެ ކުރިން ފެޑަރޭޝަންގެ ވާހަކަ ދައްކަން. މިއީ ސިޔާސީ ކުރަންޖެހޭ ވަގުތެއް ނޫން. މިއީ ސެމީ ފައިނަލަށް ތައްޔާރުވާންވީ ވަގުތު” ބައްސާމާ ގުޅޭގޮތުން ކޯޗު ބުންޏެވެ.

ބައްސާމުގެ ދިފާއުގައި ސެގާޓް ހުރިކަން ހާމަކުރިއިރު މުހިއްމު އެތައް ކުޅުންތެރިންތަކެއް ނުހިމަނައި ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާތީ ގިނަ ބައެއގެ ފާޑުކިޔުން ކޯޗަށް ވަނީ އަމާޒުވެފައެވެ. 27 ކުޅުންތެރިންނާއި އެކު ގަތަރުގައި ހެދި ފަރިތަކުރުންތަކަށްފަހު އުނިކުރި ފަސް ކުޅުންތެރިންގެ ތެރޭގައި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އުމެއިރު ހިމެނޭ އިރު ކޯޗު އޭރު ބުނީ އުމެއިރު ވަކިކުރީ އަނިޔާގެ ސަބަބުން ކަމަށެވެ. އޭގެ ފަހުން ރާއްޖޭގެ އެހެން މީޑިޔާއަކަށް އުމެއިރު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ބާކީކުރީ އަނިޔާގެ ސަބަބުން ނޫން ކަމަށެވެ. އުމެއިރުގެ ވާހަކައިގެ އިތުރުން ގިނަ ބަޔަކު އަދިވެސް ހުއްޓާނުލާ ދައްކާ ވާހަކައަކީ އަލީ އަޝްފާގް (ދަގަނޑޭ) ޓީމަށް ނުނެގި މައްސަލައާއި އަޝްފާގުގެ މައްސަލައިގައި ކޯޗު ދައްކާ ވާހަކަ ތަފާތުވުމެވެ.

އަޝްފާގު ނެތުމުގެ އިހުސާސް ކުރަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ކޯޗު ފުރަތަމަވެސް ޖަވާބު ދިނީ މަލާމާތުގެ ރާގެއްގައެވެ.

“އަހަރެންނަށް މިވަގުތަށް ހަމައެކަނި ވާހަކަ ދެއްކޭނީ މިތާތިބި ކުޅުންތެރިންނާ ގުޅޭގޮތުން. މިއީ ސެމީ ފައިނަލުގެ ވާހަކަ ދައްކަންވީ ވަގުތު. ތަރިންނާއެކު މިދިޔަ 10 އަހަރު އެއްވެސް އެއްޗެއް ނުލިބުނު. މި ޒުވާން ކުޅުންތެރިންނާއެކު މި ދިޔައީ އެހެން އަހަރުތަކުގައިވެސް ގޮސްފައިވާ ހިސާބަށް. އަހަރެންނަށް ހީވަނީ ބެކެމްބާ (ފްރެންޒް) އަކީ ވަރަށް މޮޅު ކުޅުންތެރިއެއްހެން. ޖަރުމަނުގެ ބައެއް މީހުން ބޭނުންވެދާނެ އޭނާ މިހާރު ގައުމީ ޓީމަށް ގެންދަން. އެކަމަކު އެއީ ނުވާނެ ކަމެއް” ޖަރުމަނު ޓީމަށް ހަތްދިހައިގެ އަހަރުތަކުގައި ކުޅުނު ފްރެންޒް ބެކެންބާ މިހާރު ޖަރުމަނު ޓީމަށް ގެންނަން ބޭނުންވިޔަސް ނުގެނެވޭނެކަމަށްބުނެ ސެގާޓުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

ކޯޗު މިހެން ބުނީ މި ސީޒަނުގައި މިހާތަނަށް 25 ގޯލު ޖަހާފައިވާ ދަގަނޑޭ ގައުމީ ޓީމަށް ނުނެގި މައްސަލައިގައި ގިނަ ބަޔަކު ފާޑުކިޔާފައި ވަނިކޮށް ދަގަނޑޭއަކީ ގައުމީ ޓީމަށް ކުޅޭ ވަރަށްވުރެ އުމުރު ދޮށީ ކުޅުންތެރިއެއްކަން ހާމަކުރުމުގެ ގޮތުންކަމަށް ބެލެވެއެވެ. ދަގަނޑޭއާ ގުޅޭގޮތުން ކުރި ސުވާލަށް މަލާމާތުގެ ރާގަކަށް ސެގާޓް ޖަވާބު ދިންއިރު އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެހީތެރިކަން ޒުވާން ކުޅުންތެރިންނަށް ބޭނުންވާނެކަމަށް ކޯޗު މީގެ ކުރިން ވަނީ ބުނެފައެވެ. އެކަމަކު ދާދިފަހުން ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުމުން ދަގަނޑޭ ޓީމުން ސަސްޕެންޑް ކުރިއެވެ. އެހިސާބުން ދަގަނޑޭއާ ސެގާޓް މައްސަލަ ޖެހުނަމަވެސް ގިނަ ބަޔަކު އުއްމީދުކުރީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރުމުން ސާފް ސުޒުކީ ކަޕް ސްކޮޑަށް ދަގަނޑޭ ނަގާނެކަމަށެވެ. އެހެންނަމަވެސް، ދަގަނޑޭގެ އުމުރު މާ ދޮށީ ކަމަށާއި ޓީމަށް ބޭނުންވަނީ ސަތޭކެ ޕަސެންޓް ދޭ ކުޅުންތެރިންކަމަށް ސެގާޓް ވަނީ ބުނެފައެވެ. ފަހުން ކޯޗު ބުނީ ދަގަނޑޭ ޓީމަށް ނުނެގީ ބޫޓާން މެޗުގެ ޕްރެސް އަށް ހާޒިރުނުވެ އެ މައްސަލައިގައި ދަގަނޑޭ މައާފަށް އެދުން ލަސްވުމުން ކަމަށެވެ.

ދަގަނޑޭގެއާ ގުޅޭގޮތުން ކޯޗު ދައްކާ ވާހަކަ ދިމާނުވާއިރު އަދިވެސް ގިނަބަޔަކު ދަނީ ދަގަނޑޭ ޓީމުގައި ނުހިމެނުމުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެކަމަކު ކޯޗުގެ ވާހަކައިން ގައުމީ ޓީމަށް ދަގަނޑޭ އަދިވެސް މުހިއްމު ނުވާއިރު އެފްއޭއެމްގެ ރައީސް ދިފާއުކުރަން އޭނާ ޖެހޭނެކަމަށް ވަނީ ބުނެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *