މުބާރާތަށްފަހު ފާޑުކިޔަސް މައްސަލައެއް ނެތް: ސެގާޓް

Advertisement

މުބާރާތަށްފަހު ފާޑުކިޔަސް މައްސަލައެއް ނެތް: ސެގާޓް

ޢަލީ ޝަހީމް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ނޭޕާލާ ވާދަކުރާއިރު މެޗުގެ ކުރިން މީޑިޔާއިން ޓީމަށް ފާޑު ނުކިޔާ މުބާރާތަށްފަހު އެވާހަކަތައް ދެއްކިޔަސް މައްސަލައެއް ނެތްކަމަށް ދިވެހި ޓީމުގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ. ސެގާޓް ބުނީ ސެމީ ފައިނަލް މެޗުގެ ކުރިން މީޑިޔާއިން އުޅެނީ މެޗުގެ ފޯކަސް ގެއްލުވާލަންކަމަށެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވަނީ ދިވެހި މީޑިޔާގައި ފަތުރަމުންދާ ހަބަރުތަކާއި ގުޅޭގޮތުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

“ބައެއް ކުޅުންތެރިން އަހަރެން ގާތަށް އައިސް ވާހަކަ ދައްކަން ބޭނުންވި ރާއްޖޭގެ ބައެއް ޖާނަލިސްޓުން ލިޔެފަ ހުންނަ ހަބަރުތަކާ ގުޅޭގޮތުން. އަހަރެން ބުނިން ކުޅުންތެރިންގާތު މީޑިޔާގައި އުޅޭ މީހުންގެ ވާހަކަތައް އަޑުނާހަން. އަހަރެން ގަބޫލުކުރާ ގޮތުގަ މީޑިޔާއިންވެސް އަހަރެމެނަށް ޖެހޭނީ ސަޕޯޓް ދޭން. އަހަރެމެން މިތަނަށް އައިސް މިތިބީ މުބާރާތެއް ކުޅެން. މިކަން ސިޔާސީ ނުކުރޭ. މުބާރާތަށްފަހު އަހަންނަށް ފާޑުކިޔަސް މައްސަލައެއް ނެތް. އެކަމަކު ސެމީ ފައިނަލް މެޗެއްގެ ކުރިން އޮޅުންއަރާގޮތަށް ވާހަކަ ނުދައްކާ” ދިވެހި މީޑިޔާއިން ފަތުރާ ހަބަރުތަކާ ގުޅޭގޮތުން ވަރަށް ރުޅިގަދަވެފަ ހުރެ ސެގާޓް ބުންޏެވެ.

Advertisement

ގްރޫޕް ސްޓޭޖުގައި ލަނޑެއް ނުޖެހި ސްރީ ލަންކާއާއި ހުރިހާ ގޮތަކުން އެއްވަރުވެ ރާއްޖެއަށް ސެމީ ފައިނަލުގެ ޖާގައެއް ލިބުނީ ގުރު ނަގައިގެންނެވެ. މިއީ ސާފް ސުޒުކީ ކަޕްގެ ތާރީހުގައިވެސް ލަނޑެއް ނުޖެހި ރާއްޖޭން ގްރޫޕް ސްޓޭޖް ނިންމާލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުބާރާތްތަކުގައި ރާއްޖޭން ވަނީ ގްރޫޕް ސްޓޭޖުގައި ގިނަ ލަނޑުތަކެއް ޖަހާފައެވެ. ރާއްޖެއަށް ލަނޑެއް ނުޖެހި އެންމެ ޕޮއިންޓަކާއެކު ނަސީބު އެހީވެގެން ސެމީއަށް ދިއުމުން ގިނަ ބަޔަކު އަންނަނީ ކޯޗު ސެގާޓަށް ފާޑު ކިޔަމުންނެވެ.

މުބާރާތުގެ ސެމީ ފައިނަލާ ހަމައިންވެސް އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ކުޅަދާނަ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ޓީމަށް ނުނެގި މައްސަލައެވެ. ދަގަނޑޭއާ ގުޅޭގޮތުން ސުވާލުކުރުމުން ބައްދަލުވުމުގައި ސެގާޓް ވަނީ އިތުރަށް ރުޅިގަދަވެ ޓީމާއެކު ނުތިބޭ ކުޅުންތެރިންގެ ވާހަކަ ނުދައްކަން ބުނެފައެވެ. ދަގަނޑޭ ޓީމަށް ނުނެގި މައްސަލައިގައި ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން އެންމެ ބޮޑަށް ހިތްހަމަނުޖެހީ މި ސީޒަނުގައި ދަގަނޑޭ ރަނގަޅު ފޯމެއްގައި ހުރުމެވެ. ސީޒަނުގައި މިހާތަނަށް 25 ގޯލު ދަގަނޑޭ ޖަހާފައިވާއިރު ލަނޑު ލިސްޓުގައި ދަގަނޑޭއާ ވާދަކުރަނީ 17 ގޯލު ޖަހާފައިވާ އަލީ ފާސިރު (ސެންޓޭ) އެވެ. މިދިޔަ ދެއަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ސެންޓޭ ލަންކާ މެޗުގައި ފުލްކޮށް ކުޅުނު ނަމަވެސް އިންޑިޔާއާ ދެކޮޅަށް ކޯޗު ވަނީ ސެންޓޭ ބެންޗު ކޮށްފައެވެ. މީގެ އިތުރުން ލަންކާ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) ވެސް އިންޑިޔާ މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއް ނުވެއެވެ. މަދު މެޗުތަކެއް ކުޅެންޖެހޭ މުބާރާތެއްގައި ޓީމުގެ ފުރަތަމަ އެގާރައަށް ބޮޑު ބަދަލެއް ގެންނާތީ ބައެއް ފަރާތުން ގަބޫލުކުރަނީ ސެގާޓަށް އަދިވެސް ދިވެހި ޓީމު ދަސްނުވާކަމަށެވެ.

ސެގާޓްގެ އަމަލުތައް ހުންނަގޮތުން ދިވެހި ސަޕޯޓަރުން އޭނާއާމެދު ހިތްހަމަ ނުޖެހުން ސޯޝަލް މީޑިޔާގައި ފާޅުކުރާއިރު ގިނަ ބަޔަކު ދަނީ އޭނާގެ އިސްތިއުފާއަށް ގޮވަމުންނެވެ.

ސުޒުކީ ކަޕްގެ ސެމީ ފައިނަލުގައި ރާއްޖެއާއި ނޭޕާލް ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ 3:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *