ޔޫރަޕްގެ ކްލަބްތަކަށް އިތުރު މުބާރާތެއް ތައާރަފް ކުރަނީ

ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ވާދަވެރި އިތުރު މުބާރާތެއް 22-2021 ސީޒަނުން ފެށިގެން ކުރިއަށް ގެންދަން ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުން (އީސީއޭ) ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާގައި އެދިއްޖެއެވެ.
އީސީއޭގެ ޗެއާމަން އެންދްރޭ އަގްނެއްލީ ބުނީ މި މުބާރާތް ބޭއްވޭ ގޮތަށް ހަމަޖެހިއްޖެ ނަމަ ކޮންމެ ސީޒަނެއްގައި ޔޫރަޕްގެ މުބާރާތްތައް ކުޅޭ ކްލަބްތަކުގެ އަދަދު 96 އަށް އަރާނެކަމަށެވެ. ޔޫރަޕްގެ ކްލަބްތަކަށް ހާއްސަކޮށްގެން މިހާރު ކުޅޭ ދެ މުބާރާތަކީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި 32 ކްލަބް ވާދަކުރާއިރު ޔޫރޮޕާ ލީގުގައި 48 ޓީމަކުން ކުޅެއެވެ. މި ދެ މުބާރާތާއެކު މިހާރު ޔޫރަޕްގެ މުބާރާތައް ކުޅޭ ކްލަބްތަކުގެ އަދަދަކީ 80 އެވެ. 96 އަށް ޔޫރަޕްގެ މުބާރާތްތަކުގައި ކުޅޭ ކްލަބްތަކުގެ އަދަދު އިތުރުވާނަމަ އަލަށް ތައާރަފް ކުރާ މުބާރާތުގައި ކުޅޭނީ 16 ޓީމެވެ.
މުބާރާތް ކުޅޭނޭ ފޯމެޓާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާއްސަކޮށްފައި ނުވިނަމަވެސް، މި މުބާރާތްވެސް ކުޅޭނީ ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގާއެކުކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
“ޔޫއެފާގެ އެކްޒެކެޓިވް ކޮމިޓީން މި މުބާރާތަށް ފެހި ސިގްނަލް ދީފަ އޮތީ. އެޕްރޫވަލް ލިބޭއިރަށް ޔޫރަޕްގެ ޓީމުތަކަށް ތިންވަނަ މުބާރާތެއް ތައާރަފް ކުރެވި 22-201 ވަނަ ސީޒަނުގެ ފެށިގެން ޔޫރަޕްގެ މުބާރާތްތައް ކުޅޭ ކްލަބްތަކުގެ އަދަދު 96 އަށް އަރާނެ” ކްރޮއޭޝިޔާގައި ބޭއްވި އީސީއޭގެ ޖެނެރަލް އެސެމްބްލީގައި އަގްނެއްލީ ބުންޏެވެ.
އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ޗެއާމަންކަންވެސް އަދާކުރަމުންދާ އަގްނެއްލީ ބުނީ ބޮޑަށް ބަލަންވީ އަމިއްލަ ގައުމުގައި މުބާރާތްތައް ބޭއްވުމަށްވުރެ ވާދަވެރި ގޮތަކަށް ޔޫރަޕްގެ ކްލަބްތައް މެޗުތައް ކުޅުމަށްކަމަށެވެ.
” މި މޮޑެލް ހުށަހެޅުމުގެ ކުރިން މިހާރު ކުޅެވެމުންދާ އިންޓަނޭޝަނަލް މެޗުތަކާގުޅޭ ތަފްސީލީ އެސެސްމަންޓެއް ހެދުން މުހިއްމު. މިހާރު މި ގެންގުޅޭ މޮޑެލް އެބަޖެހޭ ޒަމާނީ ކުރަން” އަލަށް ތައާރަފްކުރާ މުބާރާތް ބާއްވާއިރު ފީފާގެ ތާރީހުތަކުގައި ބާއްވާ އިންޓަނޭޝަނަލް މެޗުތަކާގުޅޭ އެސެސްމަންޓެއް ހެދުން މުހިއްމުކަން އޭނާ ފާހަގަ ކުރިއެވެ.
ޔޫއެފާއިން މީގެ ކުރިން ވަނީ ޔޫރަޕިއަން ސުޕަރ ލީގުގެ ނަމުގައިވެސް ކްލަބްތަކުގެ މެދުގައި އިތުރު މުބާރާތެއް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. ނަމަވެސް އީސީއޭގެ މި ހުށަހެޅުމާއެކު ދެން ކުރިއަށް ގެންދާނީ އަލަށް ތައާރަފް ކުރާ މުބާރާތެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަލަށް ތައާރަފްކުރާ މުބާރާތް ހާއްސަކުރާނީ ޔޫރަޕްގެ އެންމެ ދަށްފަތީގެ ގައުމުތަކުގެ ކްލަބްތަކަށެވެ.
ނުވަދިހައިގެ ފަހުކޮޅާއި ހަމައަށް ޔޫއެފާއިން ވަނީ ކްލަބްތަކަށް ހާއްސަކޮށްގެން ތިން މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ޔޫއެފާ ކަޕް ވިނާސްކަޕާއި ޔޫއެފާ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގެވެ. ޔޫރަޕްގެ ޑޮމެސްޓިކް ކަޕްތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު ކަޕްވިނާސް ކަޕް އުވާލީ 1999 ވަނަ އަހަރުއެވެ. އެމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިޓަލީގެ ލާޒިއޯ އެވެ. އޭގެފަހުން އެ މުބާރާތް ވަނީ ޔޫއެފާ ކަޕާއި އެއްކޮށްލުމަށްފަހު އެއް މުބާރާތަކަށް ހަދާފައެވެ. ޔޫއެފާ ކަޕްގެ ނަމުގައި ޔޫރަޕްގެ ކްލަބްތަކަށް އަމާޒުކުރި މުބާރާތް ރީބްރޭންޑްކޮށް ޔޫރޮޕާ ލީގުގެ ނަމުގައި ކުރިއަށް ގެންދަންފެށީ 2009 އިން ފެށިގެންނެވެ. މި ބަދަލާއެކު ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި މިހާރު ކުރިއަށްދާ ދެ މުބާރާތަކީ ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ޔޫއެފާ ޗެމްޕިއަންސް ލީގާއި ދެވަނަ ފަންތީގެ ކްލަބްތަކަށް ކުރިއަށްގެންދާ ޔޫއެފާ ޔޫރޮޕާ ލީގެވެ.
Advertisement


Leave a Reply