ރޮނާލްޑޯ ނެތަސް ޕޯޗުގަލުން ތަފާތު ދައްކައިފި
ނޭޝަންސް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލާ ކުޅުނު ޕޯޗުގަލްއިން 1-0 އިން އިޓަލީ ބަލިކޮށްފިއެވެ. ރޮނާލްޑޯގެ އެދުމުގެ މަތިން މިފަހަރުގެ ޓީމުން އޭނާ ބާކީކުރިއިރު ޕޯޗުގަލްގެ ޒުވާން ކުޅުންތެރިން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ރޮނާލްޑޯ ނެތި މިދިޔަ ބުރާސްފަތި ދުވަހު ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ވަނީ ޕޮލެންޑާއި ވާދަކުރި މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ނުދޭ ނުވަ ކުޅުންތެރިއަކު ރޭގެ މެޗުގައި ހިމަނާފައެވެ. މި ގްރޫޕުގެ ފުރަތަމަ މެޗުގައި އިޓަލީ އާއި ޕޮލެންޑް ވާދަކުރިއިރު އެމެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ރޭގެ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ޕޯޗުގަލުންނެވެ. ޕޯޗުގަލްއިން އުފެއްދި ހަމަލާތަކުގައި އިޓަލީގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ އަހަރުގެ މާޗްމަހު ނެދަލޭންޑްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ފަހަރަށް އިޓަލީގެ ގައުމީ ޖޯޒީގައި ކުޅެން ފެށިއިރު އޭނާގެ އުމުރަކީ އެންމެ 18 އަހަރެވެ. ޑޮންނަރުއްމާއަކީ އިޓަލީގެ ތާރީހުގައިވެސް އެގައުމުގެ ގޯލު ބެލެހެއްޓި އެންމެ ޒުވާން ކީޕަރެވެ. ނެދަލޭންޑްސް މެޗުގައި ގޯލު ބެލެހެއްޓިއިރު ޑޮންނަރުއްމާގެ އުމުރަކީ 18 އަހަރާއި 1 މަހާއި 5 ދުވަހެވެ.
⚽️ Monday's results!
Performance of the night? ????#NationsLeague pic.twitter.com/BCUAKQDuaD
— UEFA EURO 2024 (@EURO2024) September 10, 2018
ގިނަ ހަމާލަތަކެއް އުފެއްދި ނަމަވެސް ޕޯޗުގަލްއަށް ލަނޑެއް ޖެހުނީ މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައެވެ. ޖަރުމަނުގެ ރެޑްބުލް ލީޕްޒިގްއަށް ކުޅޭ ބްރުމާގެ އެހީތެރިކަމާއެކު މި ލަނޑު ޖެހީ އުއްމީދީ ފޯވާޑް އެންދްރޭ ސިލްވާ އެވެ. މިދިޔަ ސީޒަނުގައި އިޓަލީގެ އެސީ މިލާނުގައި ފެންވަރު ސާބިތުކޮށްނުދެވުމުން ލޯނު އެއްބަސްވުމެއްގެ ދަށުން ސިލްވާ މިހާރު ކުޅެމުންދަނީ ސްޕެއިންގެ ސެވިއްޔާއަށެވެ. މިދިޔަ ސީޒަނުގައި މިލާނުގައި ކުޅުނު 24 މެޗުގައި ސިލްވާއަށް ޖެހުނީ އެންމެ 2 ގޯލެވެ. އެކަމު މި ސީޒަނުގައި މިހާތަނަށް ސެވިއްޔާއަށް ކުޅެދިން ތިން މެޗުގައި ސިލްވާ ވަނީ ތިން ގޯލު ޖަހާފައެވެ.
ޕޯޗުގަލްގެ ލަނޑަށް ފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރާނެ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ރޭގެ މެޗުގައި ޕޯޗުގަލް ޓީމުގެ މެދުތެރޭގައި އިނގިރޭސިވިލާތުގެ ވުލްވްސްއަށް ކުޅޭ ރުބެން ނެވާސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނެވާސްގެ އިތުރުން މެޗުގައި ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ.
ނޭޝަންސް ލީގުގައި ޕޯޗުގަލް ކުޅޭ ދެވަނަ މެޗުގައި އަންނަމަހު ރަށުން ބޭރުގައި ނުކުންނާނީ ޕޮލެންޑާއި ދެކޮޅަށެވެ. އޮކްޓޯބަރ އިންޓަނޭޝަންލް ބްރޭކުގައި ރަހްމަތްތެރިކަމުގެ މެޗެއްގައި އިޓަލީން ޔޫކްރޭންއާ ދެކޮޅަށް ނުކުންނައިރު ހަމަ އެހަފްތާ ނޭޝަންސް ލީގުގައި އިޓަލީ ވާދަކުރަނީ ޕޮލެންޑާއެވެ.
މުބާރާތުގެ ހަތަރު ލީގުގެ ގްރޫޕްތަކުގެ ގިނަ މެޗުތަކެއް ރެވޭސް ވަނީ ކުޅެފައެވެ. ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ސްވިޑެންއާއި ތުރުކީ ބައްދަލުކުރި މެޗެ. އެނެމް ފަހުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު ސްވިޑެން އަމިއްލަ ދަނޑުގައި ބަލިވީ 3-2 އިންނެވެ.
Advertisement
Leave a Reply