އެންމެ މޮޅު ކުޅުންތެރިއަކީ މެސީ: އެންރީކޭ
ފީފާއިން ހޮވާ މިއަހަރުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައި ނުވިޔަސް ލިއޮނެލް މެސީ އަކީ އެހެން ކުޅުންތެރިންނަށްވުރެ މަތީ ފެންވަރެއްގެ ކުޅުންތެރިއެއްކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ. އެންރީކޭ މިހެން ބުނީ ނޭޝަންސް ލީގުގައި މިރޭ ސްޕެއިންއާއި ކްރޮއޭޝިޔާ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.
މިރޭ ސްޕެއިންއާ ދެކޮޅަށް ނުކުންނަ ކޮރެއޭޝިޔާ ޓީމުގެ ލޫކަ މޮޑްރިޗަކީ ފީފާއިން ހޮވާ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މޮޑްރިޗާއެކު އެ ލިސްޓުން ޖާގާ ލިބުނު އަނެއް ދެ ކުޅުންތެރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މުހައްމަދު ސަލާހް އެވެ. މިދިޔަ ސީޒަނުގައި ރޮނާލްޑޯ އާއި މޮޑްރިޗް ވަނީ ރެއާލް މެޑްރިޑުން ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފައެވެ. ކްރޮއޭޝިޔާ އިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ހޯދިއިރު މޮޑްރިޗް ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މީގެ އިތުރުން މިއަހަރު ޔޫއެފާއިން ހޮވި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ މޮޑްރިޗެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ފުރަތަމަ ސީޒަނުގައި އެޓީމުގައި ތަފާތު މޮޅު ކުޅުމެއްދައްކާ ލިވަޕޫލް ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދީފައެވެ. ގަދަ ތިނެއްގައި ހިމެނިފައި ނުވިޔަސް މެސީ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާއާއެކު ސްޕެނިޝް ލީގުގެ އިތުރުން ކޮޕަޑެލްރޭ ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަނުގައި 45 ގޯލު ޖަހައިގެން ޔޫރަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީވެސް މެސީ އެވެ.
އެންރީކޭ ބުނީ ކޮރޮއޭޝިޔާގެ އިވާން ރަކިޓިޗާއި މޮޑްރިޗް އަކީ ވަރަށް މޮޅު ދެކުޅުންތެރިން ކަމަށެވެ.
“އަހަރެން ކްރޮއޭޝިޔާގެ ކުޅުންތެރިންގެ ވާހަކަ ދައްކާނަމަ ބުނާނީ މޮޑްރިޗާއި ރަކިޓިޗް ވާހަކަ. އެ ދެކުޅުންތެރިންނަށްވެސް ވަކިވަކި ކުޅުންތެރިންނަށްދޭ އެވޯޑު ހައްގު. އެކަމު ދުނިޔޭގަ ހުރި އެންމެ މޮޅު ކުޅުންތެރިޔާގެ ވާހަކަ ދައްކާނަމަ އެ އެވޯޑު ލިބެނީ މެސީއަށް. އެއީ މެސީއަކީ އެހެން ހަރުފަތެއްގައި ހުރި ކުޅުންތެރިއެއް” 2014 އިން 2017 އަށް މެސީއާއެކު ބާސެލޯނާގައި މަސައްކަތްކުރި ކޯޗު ބުންޏެވެ.
އެންރީކޭގެ ކޯޗުކަމުގެ ދަށުން ސްޕެއިން ވަނީ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި 2-1 އިން އިންގްލެންޑް ބަލިކޮށްފައެވެ. ނޭޝަންސް ލީގުގައި ސްޕެއިން އާއި ކްރޮއޭޝިޔާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 11:45 ގައެވެ.
Advertisement
Leave a Reply