މޮރީނިއޯގެ ބަދަލުގައި ޔުނައިޓެޑުން ގެންދަންވީ ގާޑިއޯލާ: ކެންޓޯނާ
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ބަދަލުގައި ޔުނައިޓެޑުން ގެންދަންވީ މިހާރު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާކަމަށް އެ ކްލަބުގެ ލެޖެންޑް އެރިކް ކެންޓޯނާ ބުނެފިއެވެ. 1992 އިން 1997 އަށް ޔުނައިޓެޑުގައި ފަސް އަހަރު ހޭދަކުރި ކެންޓޯނާވަނީ ޔުނައިޓެޑާއެކު ހަތަރު ފަހަރު ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފައެވެ.
މޮރީނިއޯގެ ކޯޗު ކަމުގައި މި ސީޒަނުގައި ޔުނައިޓެޑުން ދައްކާ ކުޅުމާމެދު ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް ކެންޓޯނާ ބުނީ، ޔުނައިޓެޑުން ތަށި ހޯދާނެ ކަމަށް އޭނާ ގަބޫލު ކުރިޔަސް ކުޅުމުގެ ފެންވަރު ދަށްވުމަކީ މައްސަލައެއް ކަމަށެވެ.
“މިއީ ސީޒަނުގެ ކުރީކޮޅު. މާ އަވަސް މިވާހަކަ ދައްކަން. ޔުނައިޓެޑަކީ ހައިބަތު ބޮޑު ކްލަބެއް. އެކަމު އެމީހުން ކުޅޭ ގޮތް؟. ރަނގަޅެއް ނޫން. މޮރީނިއޯ ކުޅުންތެރިން ބޭނުންކުރާ ގޮތުން ސަޕޯޓަރުން ހިތްހަމައެއް ނުޖެހޭ އެއްވެސް ކަހަލަ ކްރިއޭޓިވިޓީ އެއް ނުހުރޭ” ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި ކެންޓޯނާ ބުންޏެވެ.
ގާޑިއޯލާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ސިޓީން 100 ޕޮއިންޓް ހަމަކޮށް ޕްރިމިއަރ ލީގު ހޯދުމުން ކެންޓޯނާ ވަނީ ގާޑިއޯލާއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.
“އަހަންނަށް މޮރީނިއޯ ކަމުދޭ. އެކަމް ޔުނައިޓެޑަކަށް ރަނގަޅެއް ނޫން. ޔުނައިޓެޑުން އަސްލު ގެންދަންވީ ގާޑިއޯލާ. އެއީ ޔުނައިޓެޑުގަ ހުންނަންވީ މީހަކީ. ގާޑިއޯލާ މިހާރު އެ ހަދަނީ އެ ކްލަބާއެކު ޖާދޫ. އަހަންނަށް އެ ކްލަބުގެ ނަމެއް ނުބުނެވޭނެ” ގާޑިއޯލާއަށް އަބަދުވެސް ސަޕޯޓްކުރާ ކެންޓޯނާ ބުންޏެވެ.
ކެންޓޯނާ ޔުނައިޓެޑަށް ކުޅުނުއިރު ޓީމުގެ ކޯޗަކަށް ހުރީ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކޯޗު ސަރ އެލެކްސް ފާގަސަން އެވެ. ފާގަސަން ހުރިއިރު ޔުނައިޓެޑް ޓީމުގެ އެކުވެރިކަމާއި ވަކިވަކި ކުޅުންތެރިންގެ ހުނަރު ފެނިގެންދިޔަ ކަމަށް ކެންޓޯނާ ބުންޏެވެ.
“ފާގަސަން މަސައްކަތް ކުރީ ކޮންމެ ކުޅުންތެރިއަކީ ވަކި މީހެއް ގޮތަށް ދެކިގެން. އެމީހުންގެ ހުނަރު ދައްކުވައިދޭން މަސައްކަތް ކުރި. ފާގަސަންއާމެދު އަހަރެމެން ދެކުނީ ހާއްސް މީހެއް ގޮތުގައި. އެންމެވެސް ވަރަށް ލޯބިވޭ ފާގަސަން ދެކެ. ވަރަށް ރަނގަޅު ލީޑަރެއް. ވަރަށް ރަނގަޅު މީހެއް” ޔުނައިޓެޑުގެ ކޯޗުކަން ހަވާލު ކޮށްފިނަމަ އުފަލުން ގަބޫލުކުރާނެކަމަށް ބުނަމުން ކެންޓޯނާ ބުންޏެވެ.
މި ސީޒަނުގައި ޕްރިމިރަ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 10 ވަނައިގައެވެ. މޮރީނިއޯއާއެކު ޔުނައިޓެޑުން ނެރެމުންއަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ވަރަށް އަވަހަށް އޭނާ ކްލަބުން ވަކިކުރާނެކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
މޮރީނިއޯ ވަކިކޮށްފި ނަމަ ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވާނީ މިދިޔަ ތިން ސީޒަނުގައި ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށްފަހު ކުއްލި ގޮތަކަށް އެ ކްލަބް ދޫކޮށްލި ޒިނެދިން ޒިދާން ކަމަށް ބެލެވެއެވެ. ޒިދާން އާއި ޔުނައިޓެޑާއި ގުޅުވައިގެން ގިނަ ވާހަކަތަކެއް މީޑިޔާގައި ދެކެވޭއިރު ޒިދާންވެސް ބުނެފައިވަނީ އޭނާ ވަރަށް އަވަހަށް ކޯޗިންގެ ދާއިރާއިން ފެންނާނެކަމަށެވެ.
Advertisement
Leave a Reply