ނެދަލޭންޑްސް ބަލިކޮށް ފްރާންސުން ވޯލްޑް ކަޕްގެ ކާމިޔާބީ ފާހަގަކޮށްފި

Advertisement

ނެދަލޭންޑްސް ބަލިކޮށް ފްރާންސުން ވޯލްޑް ކަޕްގެ ކާމިޔާބީ ފާހަގަކޮށްފި

ޢަލީ ޝަހީމް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ގައުމުގައި ނެދަލޭންޑްސް 2-1 އިން ބަލިކޮށް ފްރާންސުން ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީ ފާހަގަ ކޮށްފިއެވެ. ރޭގެ މެޗަކީ ވޯލްޑް ކަޕްގެ ކާމިޔާބީއަށްފަހު އެޓީމުން އަމިއްލަ ގައުމުގައި ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗު ކުޅުނު ސްޓޭޑް ޑި ފްރާންސް ސްޓޭޑިއަމަކީ 1998 ވަނަ އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޓޭޑިއަމެވެ. 80،000 މީހުންގެ މި ސްޓޭޑިއަމް ބޭނުންކުރަނީ ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ މެޗުތަކަށާއި ގައުމީ އެހެން ބައެއް ކުޅިވަރުތައް ކުޅުމަށެވެ. ރޭގެ މޮޅާއެކު އެ ގްރޫޕުގެ އެއްވަނައިގައި ފްރާންސް އޮތީ ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކުއެވެ. ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ޖަރުމަނާއި ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައިވެސް ފްރާންސް ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ އެންމެ ފަހުން ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރި 11 ކުޅުންތެރިންނެވެ. އަނިޔާގެ ސަބަބުން ނުކުޅެވުނު ގޯލް ކީޕަރ ހޫގޯ ލޮރިސް ގެ ބަދަލުގައި ރޭގެ މެޗުގައިވެސް ގޯލު ބެލެހެއްޓީ ޖަރުމަނު މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލްފޮންސޭ އަރެއޯލާ އެވެ. ފްރާންސާއި ދެކޮޅަށް ނުކުތް ނެދަލޭންޑްސް އަކީ އެންމެ ފަހުން ބޭއްވި ޔޫރޯ އަދި މިއަހަރު ކުޅުނު ވޯލްޑް ކަޕަށްވެސް ކޮލިފައިވެފައިވާ ޓީމެއް ނޫނެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ފްރާންސްގެ ފުރަތަމަ ގޯލު ޖަހައިދިނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައިވެސް އެގައުމަށް ހަތަރު ގޯލު ޖަހައިދިން އުމުރުން 19 އަހަރުގެ ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭ މި ގޯލު ޖެހީ ނެދަލޭންޑްސް ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބްލައިސް މަޓުއީޑީ ނަގައިދިން ހުރަހަކުންނެވެ. މެޗުގެ ދެވަނަ ހާފުގައި ނެދަލޭންޑްސް އިން އެއްވަރުކުރީ ކުރިން ލިވަޕޫލަށް ކުޅުނު ރަޔަން ބަބެލް އެވެ. އެއަށްފަހު ފްރާންސުން ލަނޑެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ފްރާންސް މެޗުން މޮޅުވީ އެޓީމުގެ އޮލިވިއޭ ޖިރޫ ޖަހައިދިން ހިތްގައިމު ލަނޑުންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި ޖިރޫ މި ގޯލު ޖެހީ ބަދަލު ކުޅުންތެރިޔާ ބެންޔަމިން މެންޑީ ނަގައިދިން ހުރަހަކުންނެވެ. މިއީ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެދިން 11 މެޗުގައި ޖިރޫ ޖެހި ފުރަތަމަ ގޯލެވެ. މެޗަށްފަހު ފްރާންސްގެ ކުޅުންތެރިންވަނީ ސަޕޯޓަރުންނާއެކު ވޯލްޑް ކަޕްގެ ތައްޓާއެކު ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޑެންމާކް ވަނީ 2-0 އިން ވޭލްސް ބަލިކޮށްފައެވެ. މި މެޗުގައި ޑެންމާކުގެ ދެ ލަނޑުވެސް ޖަހައިދިނީ ކްރިސްޓިއަން އެރިކްސަން އެވެ. ނޯވޭގެ މައްޗަށް ބަލްގޭރިޔާ 1-0 އިން ކުރި ހޯދިއިރު ހަމަ މި ނަތީޖާއިން ޔޫކްރެއިން ވަނީ ސްލޮވޭކިޔާވެސް ބަލިކޮށްފައެވެ. މީގެ އިތުރުން ރަހްމަތްތެރިކަމުގެ މެޗެއްގައި ރޭ ޖަރުމަނު ވަނީ 2-1 އިން ޕެރޫ ބަލިކޮށްފައެވެ.

ނޭޝަންސް ލީގުގައި މިރޭ ކުޅޭ ފާހަގަ ކޮށްލެވޭ މެޗަކީ ޕޯޗުގަލް އާއި އިޓަލީ ވާދަކުރާ މެޗެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 11:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *