ރާއްޖޭގައި އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބެއް އުފައްދައިފި

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ލިވަޕޫލްގެ އޮފިޝަލް ސަޕޯޓަރުންގެ ކްލަބެއް، އެ ކްލަބްގެ ރާއްޖޭގެ ސަޕޯޓަރުން އުފައްދައިފިއެވެ. މިއީ އެގައުމުގެ އަދި ޔޫރަޕުގެވެސް އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ލިވަރޕޫލްގެ ރާއްޖޭގެ ސަޕޯޓަރުންގެ ގްރޫޕަކަށް އޮފިޝަލް ސްޓޭޓަސް ލިބުނު ފުރަތަމަ ފަހަރެވެ.
ލިވަރޕޫލް ފުޓުބޯޅަ ކްލަބްގެ ސަޕޯޓަރުންގެ ކްލަބެއް ރާއްޖޭގައި އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބައްސާމް ރަޝީދު ބުނީ، އެ ގްރޫޕުން އޮފިޝަލް ސްޓޭޓަސް ހޯދަން މަސައްކަތް ކުރާތާ އެންމެ 6 ވަރަކަށް މަސް ތެރޭގައި އެކަން ކާމިޔާބު ވުން އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ޔޫރަޕުގެ ވަރުގަދަ ޓީމެއްގެ އޮފިޝަލް ސަޕޯޓަރުންގެ ކްލަބަކަށް ވުމަކީ ރާއްޖޭގެ ލިވަރޕޫލް ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް އަދި އުފަލެއް ކަމަށެވެ.
“އަހަރެމެން ވަރަށް ދުވަސް ވެއްޖެ އަންއޮފިޝަލް ކޮށް ފޭން ގްރޫޕެއް ހަދައިގެން އުޅޭތާ. ދެން މި އަހަރު ކުރީކޮޅު ވޯކިންގް ގްރޫޕެއް ހަދައިގެން ހަމަ ވަރަށް ސީރިއަސްކޮށް ޕްލޭން ތަކެއްކޮށް، އެކި ދުވަސްވަރު މަތިން ތަފާތު އިވެންޓްތައް ބާއްވާ، ޗެރިޓީ އިވެންޓެއްވެސް ބާއްވާފަ ލިވަރޕޫލްގެ އޯ.އެލް.އެސް.ސީ ޓީމާ ވާހަކަ ދައްކައިގެން އެކަން މި ކާމިޔާބު ވީ. ހަމަ ވަރަށް ގިނަ ބައެއްގެ މަސައްކަތް މީ” ބައްސާމް ބުންޏެވެ.
ރާއްޖޭގެ ލިވަރޕޫލް ސަޕޯޓަރުން އަންނަނީ އޮފިޝަލް ވުމުގެ ކުރިންވެސް ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެ ގްރޫޕުން ވަނީ މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނާ ގުޅިގެން، މިއަހަރުގެ ފިތުރު އީދު ދުވަހު ކ. ގުރައިދޫ ސެންޓަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އީދު ހަދިޔާ ދިނުމަށްޓަކައި ފައިސާ ޑޮނޭޓް ކޮށްފައެވެ. އަދި ރާއްޖޭގެ އެހެން ފޭން ގްރޫޕް ތަކަށް ދައުވަތު ދީގެން ފުޓްސަލް މެޗުތަކެއްވެސް އެކިފަހަރު މަތިން ކުޅެފައި ވެއެވެ. އޭގެ އިތުރުން ލޭ ހަދިޔާ ކުރުން ފަދަ ޕްރޮގްރާމްތައް މުސްތަގުބަލްގައި ކުރިޔަށް ގެންދިޔުމަށާއި، އެހެން ފޭން ގްރޫޕްތަކުގެ މެދުގައި އިންވިޓޭޝަނަލް ފުޓްސަލް ޓޯނަމެންޓް ފަދަ މުބާރާތްތައް ވެސް ކުރިޔަށް އޮތް ތަނުގައި ބޭއްވުމަށް ރާވާފައި ވާކަމަށް ބައްސާމް ބުންޏެވެ.
“އަހަރެމެން ވަރަށް ގިނަ އިވެންޓްތައް މިހާރުވެސް ޕްލޭން ކޮށްފަ ވާނީ. އެހެން ފޭން ގްރޫޕް ތަކާ ގުޅިގެން ވެސް އެކި ހަރަކާތްތައް ރާވަން އެބަ ވިސްނަން. އަދި ލިވަރޕޫލް ފޭންސް އަށް ހާއްސަކޮށް ވެސް އެކި ހަރަކާތްތައްވެސް އެބަ ގެންދަން. މިހާރުވެސް ލިވަރޕޫލް މެޗް އޮންނަ ކޮންމެ ދުވަހަކު ގިނަ މީހުން އެއްތަނަކަށް އައިސް މެޗު މި ބަލަނީ. ދެން އޭގެ އިތުރުން އޮންނާނީ ކޮންމެ މަހަކު 2 މީޓިންގ. އެއީ ކުރިޔަށް ރާވާފަ ހުރި ކަންތައްތައް ގެންދާނެ ގޮތް މަޝްވަރާކޮށް އެކަންތައް ކުރިޔަށް ގެންދިއުމަށް” ބައްސާމް ބުންޏެވެ.
ބައްސާމް ބުނީ އެ ގްރޫޕުން ހަމައެކަނި ސަޕޯޓަރުންނަށް ހާއްސަ 2 ހަރަކާތެއްވެސް ކުރިޔަށް ގެންދާ ކަމަށެވެ. އެއީ ފެންޓަސީ ޕްރިމިއަރލީގް ގެ ޕްރައިވެޓް ފޭންސް ލީގަކާއި، ސްކޯރ ޕްރެޑިކްޝަން ކޮމްޕެޓިޝަންއެކެވެ. އަދި އޭގެ އިތުރަށް ޕީ.އެސް މުބާރާތެއްވެސް ކުރިޔަށް އޮތް ތަނުގައި ބޭއްވުމަށް އުންމީދު ކުރާކަމަށްވެސް ބައްސާމް ބުންޏެވެ. ރާއްޖޭގެ ކޮންމެ ލިވަރޕޫލް ސަޕޯޓަރަކަށްވެސް މި ކްލަބްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އޮފިޝަލް ފޭސްބުކް ޕޭޖަށް މެސެޖް ކޮށްގެން އެކަން ކުރިޔަށް ގެންދެވޭނެ ކަމަށްވެސް ބައްސާމް ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 50 އަށްވުރެ ގިނަ ގައުމުގައި، 200 އަށް ވުރެ ގިނަ އޮފިޝަލް ލިވަރޕޫލް ސަޕޯރޓަރުންގެ ކްލަބް އުފައްދާފައި ވެއެވެ. އޮފިޝަލް އިންޓަރނޭޝަނަލް ފޭން ގްރޫޕް ތަކަކީ އެ ކްލަބެއްގެ ލޯކަލް ސަޕޯޓަރުން އެއްތަންވެ، ސަޕޯޓަރުންގެ މެދުގައި އެކި ހަރަކާތްތަށް ހިންގުމަށްޓަކައި އެ ކްލަބަކާ ގުޅިގެން ހިންގާ، އަދި އެމީހުންގެ އެންޑޯރޒްމަންޓް ލިބިގެން އުފައްދާފައިވާ ގްރޫޕް ތަކެކެވެ.
Advertisement


Leave a Reply