އިނގިރޭސި ސަޕޯޓަރުން ދިމާކުރުމުން ރާމޯސް ރުޅިގަދަވެއްޖެ

ނޭޝަންސް ލީގުގައި ރޭ އިންގްލެންޑާއި ސްޕެއިން ވެމްބްލީގައި ކުޅުނު މެޗުގައި އިނގިރޭސި ސަޕޯޓަރުން ސާޖިއޯ ރާމޯސް އާއި ދިމާކުރުމުން ރުޅިގަދަވެއްޖެއެވެ. ރޭގެ މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗަށް ރާމޯސް ދަނޑަށް އެރުމުން އިނގިރޭސި ސަޕޯޓަރުން ރާމޯސްއާ ދިމާކުރީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލުގެ މުހައްމަދު ސަލާހްއަށް އަނިޔާވީ ރާމޯސްގެ ސަބަބުން ކަމަށްބުނެއެވެ.
ޗެމްޕިއަންސް ލީގު ފައިނަލުގައި ރާމޯސް ކުރި ފައުލަކުން ސަލާހަށް މެޗު ފުރިހަމަ ނުކުރެވިގެން ވަނީ ބަދަލު ކޮށްފައެވެ. ލިވަޕޫލް 3-1 އިން ބަލިކޮށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ސަލާހަށް ކުރި ފައުލާއި ގުޅިގެން ފައިނަލް މެޗަށްފަހު ރާމޯސްގެ އާއިލާއަށް މަރުގެ އިންޒާރުވެސް ލިބުނެވެ.
މެޗަށްފަހު ރާމޯސް ބުނީ އެނޫން ގޮތަކަށް އިނގިރޭސި ސަޕޯޓަރުން އޭނާއާ މެދު އަމަލު ކުރާނެކަމަށް އުއްމީދުކުރި ކަމަށެވެ
“ކޮންމެ މީހަކަށްވެސް ހަނދާން ވަނީ ފައިނަލް އެކަމު އެއްވެސް މީހަކު ހަނދާނެއް ނުހުރޭ އަހަރެންގެ އާއިލާއާއި ކުދިންނަށް ކުރިމަތިވި މަރުގެ އިންޒާރުތަކެއް” ރޭގެ މެޗުގައި އިނގިރޭސި ސަޕޯޓަރުން އޭނާއާ ދިމާކުރުމުން ރުޅިގަދަވެފައި ހުރި ރާމޯސް ބުންޏެވެ.
ރާމޯސް ބުނީ އޭނާ ސަލާހް އަށް ގެއްލުމެއް ދޭން ފައުލް ނުކުރާ ކަމަށެވެ. އަދި ސަޕޯޓަރުން އޭނާގެ އާއިލާއި ކުދިންނަށް ނިސްބަތްވާގޮތަށް މަރުގެ އިންޒާރު ދިނުމަކީ އިންސާފެއް ނޫންކަމަށް ރާމޯސް ބުނެފައިވެއެވެ.
ނޭޝަންސް ލީގުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ސްޕެއިން ނުކުންނާނީ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނު ކްރޮއޭޝިޔާއާއި ދެކޮޅަށެވެ.
Advertisement


Leave a Reply