އަމިއްލަ ބާރު އޮތަސް ރާއްޖެ އޮތީ އިންޑިޔާގެ ހިޔަނީގައި
ސާފް ސުޒުކީ ކަޕްގައި މިއަދު ދިވެހި ރާއްޖެއާއި އިންޑިޔާ ވާދަކުރާއިރު މިމެޗު މުހިއްމު ވަނީ ރާއްޖޭގެ ޓީމަށެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ގްރޫޕް ސްޓޭޖުން ކަޓާފައިނުވާއިރު މިއަދުގެ މެޗުން އިންޑިޔާ އަތުން ދެ ލަނޑަށްވުރެ ބޮޑު ތަފާތަކުން ބަލިވެއްޖެ ނަމަ ރާއްޖެ ޖެހޭނީ މުބާރާތާއި އަލްވަދާއު ކިޔާށެވެ.
ގްރޫޕް ބީ ގައި މިދެޓީމުގެ އިތުރުން ސްރީ ލަންކާ ހިމެނޭއިރު ސެމީ ފައިނަލަށް ދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ މިއަދު އިންޑިޔާއާއި ރާއްޖެ މެޗު ނިމޭ ގޮތަކުންނެވެ. ސެމީގެ ދެވަނަ ޖާގައަށް ވާދަކުރަނީ ރާއްޖެއާއި ލަންކާއެވެ. މެޗު އެއްވަރު ކޮށްލައިގެންވެސް ރާއްޖެއަށް ސެމީގެ ޖާގައެއް ކަށަވަރު ވާއިރު ހަމަ މި ނަތީޖާއިން އިންޑިޔާއަށް ގްރޫޕުގެ އެއްވަނަވެސް ލިބޭނެއެވެ. 2-0 އިން ރާއްޖެ ބަލިވެއްޖެނަމަ ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައަޅާނީ ފެއާޕްލޭ ރޫލްއަށް ބެލުމަށްފަހު އެވެ. ލަންކާ ޓީމަށް މިހާތަނަށް ދެ ރީނދޫ ކާޑު ދައްކާފައިވާއިރު ރާއްޖެ މުބާރާތުން ކަޓާނީ ތިން ރީނދޫ ކާޑާއި 2-0 ގެ ނަތީޖާއަކުން ބަލިވެއްޖެ ނަމައެވެ. މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ކާޑެއް ދައްކާފައެއް ނުވެއެވެ. ރާއްޖެ ލަނޑެއް ޖަހައިގެން ދެ ލަނޑުގެ ތަފާތުން ބަލިވިނަމަވެސް މުބާރާތުގެ ސެމީގެ ޖާގައެއް ރާއްޖެއަށް ޔަގީން ވާނެއެވެ.
މުބާރާތުގައި އިންޑިޔާއިން 23 އަހަރުން ދަށުގެ ޓީމެއް ބައިވެރި ކުރިނަމަވެސް، ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ވަނީ ތަފާތު ދައްކައިފައެވެ. މި މުބާރާތަށް ޒުވާން ޓީމެއް އިންޑިޔާއިން ނެރުނީ އަންނަ އަހަރުގެ ކުރީކޮޅު އޮންނަ އޭޝިއަން ގޭމްސްގެ ކުރިން ޒުވާން ކުޅުންތެރިންނަށް މި މުބާރާތުގައި ފުރުސަތު ދިނުމުގެ ގޮތުންނެވެ. އިންޑިޔާއިން ވަނީ 2008 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބުކޮށް 2011 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި ވެސް ކުޅެފައެވެ.
ލަންކާއާ ވާދަކޮށް 2-0 އިން އިންޑިޔާގެ ޒުވާން ޓީމު މޮޅުވިއިރު މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނީ އެޓީމެވެ. ސީނިއާ ޓީމުގެ ގޮތުގައި ރާއްޖެ މި މުބާރާތުގައި ވާދަކުރިޔަސް ޓީމުގެ ފުރަތަމަ އެގާރައިގައި ނިސްބަތުން ކުޅެނީ ޒުވާން ކުޅުންތެރިންތަކެކެވެ. ނަމަވެސް ލަންކާއާ ދެކޮޅަށް ރާއްޖޭގެ ޓީމަށް ލަނޑެއް ނުޖެހުމުން ގިނަ ބައެއްގެ ފާޑުކިއުން މިހާރުވެސް ވަނީ އަމާޒުވެފައެވެ. 2013 ވަނަ އަހަރު ލަންކާ ކޮޅަށް 10 ލަނޑު ޖެހި ރާއްޖެ ޓީމު މިފަހަރުގެ މުބާރާތުގައި ލަންކާ އަތުން ބަލިނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެމެޗަށްފަހު ކޯޗު ޕީޓަ ސެގާޓް ބުނީ ލަންކާ މެޗުގައި ރާއްޖެ ޓީމުގެ ނަސީބު ދެރަކަމަށާއި، ސެމީއަށް ދިއުމުން އަމިއްލަ ބާރު އޮތުމުން ހިތްހަމަ ޖެހޭކަމަށެވެ.
ފެންވަރަށް ބަލާއިރު ރާއްޖެ އޮތީ މާ ފަހަތުގައި
ފުޓްބޯޅައިގެ ތާރީހުގައި ރާއްޖެއާއި އިންޑިޔާ 18 ފަހަރު ވާދަކޮށްފައިވާއިރު އިންޑިޔާ ވަނީ 13 ފަހަރު މޮޅުވެފައެވެ. ދެ މެޗު އެއްވަރުވިއިރު ރާއްޖެ މޮޅުވީ އެންމެ ތިން މެޗުންނެވެ. ރާއްޖެއަށް އިންޑިޔާ އަތުން މޮޅުވެވުނީ 2000 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ގޯލްޑަމް ޖުބިލީ ފުޓްބޯޅަ މުބާރާތުގައާއި 2008 ވަނަ އަހަރުގެ ފައިނަލުގައި އަދި 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައެވެ. 2008 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރިއިރު 2009 ވަނަ އަހަރުގެ ފައިނަލުގައި އިންޑިޔާގެ 23 އަހަރުގެ ދަށުގެ ޓީމުން ފައިނަލުގައި ރާއްޖެ ވަނީ ބަލިވެފައެވެ.
ދުނިޔޭގެ ރޭންކިންއަށް ބަލާއިރު 2015 ވަނަ އަހަރަކީ އިންޑިޔާ އެންމެ ދަށަށް ވެއްޓުނު އަހަރެވެ. އެ އަހަރު ދުނިޔޭގެ ރޭންކިންގައި 173 ވަނައިގައި އޮތަސް ވޭތުވެދިޔަ ތިންއަހަރު އެގައުމުގެ ފުޓްބޯޅައަށް އައި ކުރިއެރުމާއެކު މިދިޔަ އޮގަސްޓް މަހު ފީފާއިން ނެރުނު ރޭންކިންގައި އެގައުމު އޮތީ ދުނިޔޭގެ 96 ވަނައިގައެވެ. ދުނިޔޭގެ ރޭންކިންއަށް ބަލާއިރު ރާއްޖެ މިހާރު އޮތީ އިންޑިޔާއަށްވުރެ 54 ދަރަޖަ ފަހަތުން 150 ވަނައިގައެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި ދެ ގައުމުގެ މެދުގައި ބޮޑު ފަރަގެއް އައިސްފައިވާއިރު ސާފް ޗެމްޕިއަންޝިޕުގައި އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް ރާއްޖެ ވަނީ އިންޑިޔާ އަތުން ބަލިވެފައެވެ. 2015 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި 3-2 އިން ބަލިވިއިރު ދެން ބަލިވީ 2013 އަދި 2011 ވަނަ އަހަރުގެ މުބާރާތުގައެވެ.
އިންޑިޔާގެ ކޯޗު ތަކުރާރުކޮށް ބުނަނީ އެމީހުންނަކީ ފޭވަރިޓުންނެއް ނޫންކަމަށް
މުބާރާތުގެ ކުރިންވެސް އިންޑިޔާގެ ކޯޗު ސްޓެފަން ކޮންސްޓެންޓައިން ބުނީ އެޓީމަކީ ފޭވަރިޓުންނެއް ނޫން ކަމަށެވެ.
“އަހަރެން އަބަދުވެސް ބަލަމުން އައީ ޒުވާންކުޅުންތެރިންނަށް ބައިނަލްއަގްވާމީ ތަޖްރިބާ ހޯދައިދެވޭނެ ފުރުސަތަކަށް. މި މުބާރާތަށް 23 އަހަރުން ދަށުގެ ޓީމެއް އަހަރެން ގޮވައިގެންއައި ސަބަބަކީވެސް އެއީ. އެހެން ހުރިހާ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް އަހަރެމެން މިއައީ ތަށި ހޯދަން. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަން ހާސިލްކުރުމަށް ފަހި ފުރުސަތެއް އަހަރެމެންނަށް އެބައޮތް. އެކަމަކު އަހަރެމެން މުބާރާތް ފަށަނީ ފޭވަރިޓުންގެ ގޮތުގައެކޭ ނުބުނާނަން” 2015 ވަނަ އަހަރު އެގަމާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ކޯޗް ބުންޏެވެ.
ރާއްޖެގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޮންސްޓެންޓައިން ބުނީ މިއަދުގެ މެޗުގެ ކާމިޔާބު ކުރުމުގެ ފުރުސަތެއް އެޓީމަށް އެބައޮތް ކަމަށެވެ.
“މި މުބާރާތުގައި އެއްވެސް މެޗެއް އަހަރެމެން ފަށާނީ ފޭވަރިޓުންގެ ގޮތުގައެއް ނޫން. އަހަރެމެންނަނީ ޒުވާން ތަޖުރިބާ މަދު ޓީމު އަނެއްކާ އަހަރެމެން މި ކުޅެނީ ސީނިއާ ޓީމުތަކާ ދެކޮޅަށް. އަހަރެމެނަށް ބުނެވިދާނެ މި މެޗު ކާމިޔާބު ކުރުމުގެ ފުރުސަތެއް އެބައޮތޭ. އެކަމުން މެޗުގެ ކުރިން އަހަރެމެންނަކީ ފޭވަރިޓުންގެ ގޮތުގައި ލޭބަލް އެއް ނުކުރެވޭނެ” ރާއްޖެއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކޯޗު ބުންޏެވެ.
މިއަދު މެޗަށް ނުކުންނައިރު އެންމެ ބޮޑު ޕްރެޝަރެއް އޮތީ 2015 ވަނަ އަހަރު އަފްގާނިސްތާނާއި އެކު އިންޑިޔާއާ ދެކޮޅަށް ފައިނަލުގައި ނުކުތް މިހާރު ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓަށެވެ. އެ އަހަރުގެ ފައިނަލުގައި އަފްގާނިސްތާނާއި ވާދަކޮށް އިތުރު ވަގުތުގައި އިންޑިޔާ މޮޅުވީ 2-1 އިންނެވެ. މެޗުގެ ކުރިން ސެގާޓް ވަނީ އިންޑިޔާގެ ޒުވާން ކުޅުންތެރިންނަށް ތައުރީފް ކޮށްފައެވެ.
“އަހަރެމެން ޖެހޭނެ އިންޑިޔާއަށް އިހްތިރާމް ކުރަން. ވަރަށް ޒުވާން ވަރަށް މޮޅު ކުޅުންތެރިންތަކެއް. އެމީހުން ދުވެލި ބާރުވެފަ އަދި އަހަރެމެނަށް ދެ ދުވަހުން މި މެޗަށް ތައްޔާރުވާން އުނދަގޫވާނެ” ސެގާޓް ބުންޏެވެ.
ސެގާޓް ވަނީ އިންޑިޔާއިން ޒުވާން ޓީމެއް މި މުބާރާތަށް ނެގުމަކީ ރަނގަޅު ވިސްނުމެއް ކަމަށާއި، އެއީ އިންޑިޔާއަކީ މިހާރު އޭޝިއަން ކަޕްގައި ވާދަކުރާ ފެންވަރުގެ ގައުމަކަށް ވާތީކަމަށެވެ.
2015 އަހަރުގެ ފައިނަލަށްފަހު އަނެއްކާވެސް މި ދެކޯޗުންގެ ވާދަވެރިކަން މިއަދު ފެނިގެންދާ މި މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު 6 ޖަހާއިރު އެވެ.
Advertisement
Leave a Reply