ނޭޝަންސް ލީގު: ރަން ބޫޓުގައި ކޭންއަށް ގޯލެއް ނުޖެހުނު

Advertisement

ނޭޝަންސް ލީގު: ރަން ބޫޓުގައި ކޭންއަށް ގޯލެއް ނުޖެހުނު

ޢަލީ ޝަހީމް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕެއިންއާއި ވާދަކޮށް 2-1 އިން އިންގްލެންޑް ބަލިވެއްޖެ އެވެ. ރޭގެ މެޗު ފެށުމުގެ ކުރިން މިފަހަރުގެ ވޯލްޑް ކަޕްގައި ހަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދި ހެރީ ކޭންއަށް ވަނީ ރަން ބޫޓު ހަވާލުކޮށްފައެވެ. ކޭން އަށް ރަންބޫޓު ހަވާލުކުރިއިރު ރޭގެ މެޗު ކޭން ކުޅުނީ ވެސް ރަނުން ޑިޒައިންގް ކޮށްފައިވާ ބޫޓެއްގައެވެ.

ރޭގެ މެޗަށް ކޭންގެ ބޫޓު އުފެއްދީ ނައިކް ކުންފުނިންނެވެ. އެ ކުންފުނިން ބުނީ ރަނުން ބޫޓެއް ތައްޔާރުކުރީ ކޭން ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ. ރަން ބޫޓެއްގައި ކުޅުނު ނަމަވެސް ރޭގެ މެޗުގައި ކޭންއަށް ސްޕެއިން ކޮޅަށް ލަނޑެއް ވައްދާލެވިފައެއް ނުވެއެވެ.

Advertisement

ރޭގެ މެޗު ފަށައިގެން މާގިނައިރެއް ނުވެ އިންގްލެންޑަށް ލީގު ނަގައިދިނީ ލޫކް ޝޯ ނަގައިދިން ހުރަހަކުން މާކަސް ރަޝްފާޑެވެ. އޭގެ ދެމިނެޓު ފަހުން ސްޕެއިންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮޑްރިގޯ ނަގައިދިން ހުރަހަކުން ސައުލް ނިގުއޭޒް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިންގެ ދެވަނަ ލަނޑު ޖަހައިދިނީ ރޮޑްރިގޯ އެވެ. ރޮޑްރިގޯ މި ލަނޑު ޖެހީ ސްޕެއިންއަށް ލިބުނު ހިލޭ ޖެހުމެއްގައި ތިއާގޯ އަލްސަންޓްރާ  ނަގައިދިން ހުރަހަކުންނެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ކޭންއަށް ހަވާލުކުރި ރަންބޫޓޫ ސަޕޯޓަރުންނަށް ދައްކާލަނީ. ފޮޓޯ: ޓްވިޓާ

ދެވަނަ ހާފު ފަށައިގެން އިންގްލެންޑަށް ލިބުނު ނުތަނަވަސް ކަމަކީ 2015 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރ ލޫކް ޝޯއަށް އަނިޔާވުމެވެ. މެޗުގެ 53 ވަނަ މިނެޓުގައި ޝޯއަށް އަނިޔާވީ ސްޕެއިންގެ ޑިފެންޑަރ ޑެނީ ކަރްވަހާލް އާއެކު މަތިން އައި ބޯޅައަކަށް މަސައްކަތްކުރި ވަގުތު ކަރްވަހާލްގެ ގައިގައި ޝޯގެ ބޯ ޖެހުމުންނެވެ. ޝޯ އަކީ މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާއެވެ. ބޮލަށް ލިބުނު އަނިޔާއަށްފަހު ޝޯ ހޮސްޕިޓަލަށް ގެންގޮސްފައި ނުވި ނަމަވެސް ޓީމުގެ ޑޮކްޓަރުން އޭނާއަށް ފަރުވާދިނުމުގައި ވަނީ ހަރަކާތްތެރި ވެފައެވެ.

ދެވަނަ ހާފުގައި އިންގްލެންޑުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމުގެ ކުރިއަށް ކުޅުނު ކުޅުންތެރިންނަށް ގޯލެއް ޖެހޭގޮތެއް ނުވިއެވެ. މި މެޗުގައި އިންގްލެންޑްގެ މާކަސް ރަޝްފާޑް ފޮނުވާލީ ތިން ހަމަލާއެއް ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދިން ނުވަ މިނެޓުގެ ތެރެއިން ހަތްވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ޑެނީ ވެލްބެކް ޖެހި ގޯލު ރެފްރީ ގަބޫލު ކޮށްފައެއް ނުވެއެވެ. ކުޑަ އޭރިޔާ ތެރެއަށް މަތިން ވެއްޓުނު އެ ބޯޅައަށް ޑޭވިޑް ޑެހެއާ އެރި ވަގުތު ވެލްބެކް ޑެހެއާ ގައިގައި ޖެހުމުން ބޯޅަ ވެއްޓުނު ވަގުތު ވެލްބެކް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް ކީޕަރު ގައިގައި ޖެހުމުން ރެފްރީ  ގަބޫލުނުކުރީ އެއީ ފައުލެއް ކަމަށް ބަލައެވެ. މި ނިންމުމަށް އިންގްލެންޑްގެ ކުޅުންތެރިންނާއި ކޯޗު ގަރެތް ސައުތުގޭޓް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ރޭގެ މެޗުގައި ސްޕެއިންގެ ދެވަނަ ލަނޑު ރޮޑްރިގޯ ޖަހަނީ. ފޮޓޯ: ޓްވިޓާަ

މި ބައްޔާއެކު އިންގްލެންޑް ވަނީ އެންމެ ފަހުން އެޓީމު ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކްރޮއޭޝިޔާއާ ވާދަކޮށް ބަލިވިއިރު ތިންވަނަ ހޮވި މެޗުގައި ބެލްޖިއަމް އަތުންވެސް އެޓީމު ވަނީ ބަލިވެފައެވެ. އެންމެ ފަހުން ޖެހިޖެހިގެން ތިންމެޗުން އިންގްލެންޑް ބަލިވީ 1988 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެފަހަރުގެ މުބާރާތުގައި އެޓީމު ކުޅުނު ތިން މެޗުންވެސް ވީ ބައްޔެވެ. އަނެއްކޮޅުން މިއީ އަމިއްލަ ދަނޑުގައި 2007 ވަނަ އަހަރުގެ ފަހުން ވާދަވެރި މެޗެއްގައި އިންގްލެންޑް ބަލިވި ފުރަތަމަ ފަހަރެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ސްވިޒަލެންޑާއި އައިސްލޭންޑް ބައްދަލުކުރި މެޗެވެ. މިމެޗު ސްވިޒަލެންޑް މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ނޭޝަންސް ލީގުގައި މިރޭކުޅޭ މެޗުތަކަށް ބަލާއިރު ފާހަގަ ކޮށްލެވެނީ ލީގު އޭ ގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ނެދަލޭންޑްސް ވާދަކުރާ މެޗެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 11:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *