އަމިއްލަ ސަޕޯޓަރުން ކުރިމަތީ ބަންގްލަދޭޝް މުބާރާތުން ކަޓައިފި

Advertisement

އަމިއްލަ ސަޕޯޓަރުން ކުރިމަތީ ބަންގްލަދޭޝް މުބާރާތުން ކަޓައިފި

ޢަލީ ޝަހީމް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ދެމެޗުން މޮޅުވިނަމަވެސް، މިރޭ ނޭޕާލާއި ވާދަކުރި މެޗުން ބަލިވެ ބަންގްލަދޭޝް މުބާރާތުން ކަޓައިފިއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ޖާގަތައް ލިބުނީ ނޭޕާލް އަދި ޕާކިސްތާނަށެވެ. މިއަދު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނު ވަނީ 3-0 އިން ބޫޓާން ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ނޭޕާލުން ކުރި ހޯދީ 2-0 އިންނެވެ.

މި ނަތީޖާއާއެކު ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނަށްވެސް ލިބުނީ ހަ ޕޮއިންޓެވެ. ގްރޫޕުގެ އެއްވަނަ ނޭޕާލަށް ލިބުނީ ފައިދާ ފަސްގޯލާއެކުއެވެ. ގްރޫޕުގެ ދެވަނަ ފައިދާ ތިން ގޯލާއިއެކު ޕާކިސްތާނަށް ލިބުނުއިރު ބަންގްލަދޭޝްއަށް ތިންވަނަ ލިބުނީ ފައިދާ އެއްގޯލު އޮތުމުންނެވެ. ހުރިހާ މެޗަކުން ބަލިވެ ގްރޫޕުގެ ފުލަށް ދިޔައީ ބޫޓާނެވެ.

މިއަދުގެ މެޗުގައި ބޫޓާން ކޮޅަށް ލަނޑު ޖެހުމަށްފަހު ޕާކިސްތާނުގެ ކުޅުންތެރިން. ފޮޓޯ: ސާފް ސުޒުކީ ކަޕް ޓްވިޓަރ

މިރޭގެ  މެޗު އެއްވަރު ކޮށްލައިގެންވެސް ސެމީގެ ޖާގައެއް ލިބެން އޮތް ބަންގްލަދޭޝް ޓީމުގެ ހިތްވަރު އެލުނީ މެޗުގެ 33 ވަނަ މިނެޓުގައި އެޓީމުގެ ގޯލްކީޕަރ ޝާހިދުލް އާލަމް އަށް ހެދުނު ގޯހަކުން ވަން ގޯލުންނެވެ. ބަންގްލަދޭޝްގެ ހާފުގެ އޭރިޔާ ބޭރު އަރިމަތިން ލިބުނު ހިލޭޖެހުން ނޭޕާލްގެ ބިމަލް ގާތީ މަގަރް ފޮނުވާލުމުން ބޯޅަ ގޯލަށް ވަނީ ކީޕަރު ހިފަން އުޅުމުގެ ތެރޭގައެވެ. ލަނޑަށްފަހު ބަންގްލަދޭޝް ޓީމުން ކުރިއަށްޖެހި ނޭޕާލުގެ ގޯލަށް ނުރައްކާ ކުރެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ގޯލަށް ނުރައްކާކޮށް މާ ރަނގަޅު ހަމަލާއެއް ބަންގްލަދޭޝް ޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފު ފަށައިގެން ގިނަ ވަގުތު ބަންގްލަދޭޝް ޓީމުން ކުޅެމުންދިޔައީ ނޭޕާލްގެ ހާފުގައެވެ. ބަންގްލަދޭޝް ޓީމު ކުރިއަށް ޖެހުމުގެ ފައިދާ ނަގައި ނޭޕާލްގެ ހަލުވި ކުޅުންތެރިންދިޔައީ ބަންގްލަދޭޝްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ނޭޕާލަށް މެޗުގެ ދެވަނަ ލަނޑު ޖަހައިދިނީ ނަވާޔުގް ޝްރެސްތާ އެވެ. މި ލަނޑަށް ފަހު ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ. މި މެޗު ބެލުމަށް 28،000 ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ.

ގްރޫޕް އޭގެ މެޗުތަކަށްފަހު ޓޭބަލް ރޭވިފައިވާ ގޮތް. ފޮޓޯ: ސާފް ސުޒުކީ ކަޕް ޓްވިޓަރ

ބަންގްލަދޭޝް ވަނީ 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ފަހަކަށް އައިސް މި މުބާރާތުގައި އެޓީމަށް އެދެވޭ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

މިއަދު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނުން ބޫޓާން ކޮޅަށް ޖެހި ތިންގޯލުގެ ތެރެއިން ދެގޯލު ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ގޯލު 20 ވަނަ މިނެޓުގައި  މުހައްމަދު ރިޔާޒް ޖެހިއިރު ދެވަނަ ލަނޑު 29 ވަނަ މިނެޓުގައި ޖެހީ ހަސަން އެވެ. ފުރަތަމަ ހާފުގައި ޕާކިސްތާނަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ލިބިފައެވެ. ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ޕާކިސްތާނުގެ ތިންވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އަހްމަދު ފަހީމް އެވެ.

މިއީ 13 އަހަރަށްފަހު ޕާކިސްތާނަށް ސެމީގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެންމެފަހުން އެޓީމު ސެމީގައި ކުޅުނީ 2005 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް މުބާރާތުގައެވެ. އޭގެފަހުން ކުޅުނު ހަތަރު މުބާރާތުގެ ގްރޫޕް ސްޓޭޖުން އެޓީމު ކެޓިއިރު ގައުމުގެ އެތެރޭގައި ޖެހުނު މައްސަލަތަކާއިހެދި 2015 ވަނަ އަހަރުގެ މުބާރާތުގައި އެޓީމު ބައިވެރިވެފައެއް ނުވެއެވެ.

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *