މިސީޒަނުގެ އެންމެ އަގުބޮޑު 10 ޓްރާންސްފަރ
ޔޫރަޕުގެ ފުޓްބޯޅަ ލީގުތަކުގެ 2018/2019 ސީޒަން ފެށިގެން ދިޔަތާ ދުވަސްކޮޅެއްފަހުން މި ހޫނުމޫސުމުގެ ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރު މިހާރު މިވަނީ ބަންދުވެފައެވެ. މިދިޔަ އޯގަސްޓްމަހުގެ 31 ވަނަދުވަހުގެ 23:59 އަށް މި ބާޒާރު ބަންދުވުމާއެކު ދެން އާކުޅުންތެރިން ބޭނުންވާ ކުލަބުތަކަށާއި ޓީމު ބަދަލުކުރަން ބޭނުންވާ ކުޅުންތެރިންނަށް ޖެހޭނީ ސީޒަނުގެ މެދުތެރެއިން އަންނަ ފިނިމޫސުމުގެ ބާޒާރަށް އިންތިޒާރު ކުރާށެވެ. އާދައެކޭ އެއްގޮތަށް މިފަހަރުވެސް ދުނިޔޭގެ އެންމެ މުއްސަނދި ލީގުތައް ކަމަށްވާ އިނގިރޭސި ޕްރެމިއަރލީގު، ސްޕޭންގެ ލަލީގާ، އިޓަލީގެ ސެރިއާ، ޖަރުމަނުގެ ބުންޑަސްލީގާ އަދި ފުރާންސްގެ ލީގު 1އިން މި ނިމިގެންދިޔަ ބާޒާރުގައި ބޮޑު ހޭދައެއްކޮށްފައިވެއެވެ. މިގޮތުން ބަލާއިރު މި 5ލީގުގައި ޖުމުލަ 1521 ކުޅުންތެރިންގެ ޑީލް ފުރިހަމަކޮށްފައި ވެއެވެ. އަދި މިޑީލުތަކުގެ އަގު 4.02 ބިލިއަން ޕައުންޑަށް އަރައެވެ. މިހާހިސާބުން މި ފަހަރުގެ ބާޒާރުގައި އެންމެ އަގުބޮޑު 10 ޓްރާންސްފަރއަށް ބަލާލަމާ ހިނގާށެވެ.
10- ވިނީޝިއަސް ޖޫނިއަރ 40.2 މިލިއަން ޕައުންޑު
ބުރެޒިލްގެ އަރަމުން އަންނަތަރި އުމުރުން އެންމެ 18 އަހަރުގެ ވިނީޝިއަސް ރަށުލީގުގެ ފުލެމިންގޯއިން ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއްކަމުގައިވާ ސްޕޭންގެ ރެއަލްމެޑުރިޑަށް ބަދަލުވުމުގެ އެއްބަސްވުން ހެދީ 2017 ގެ ކުރީކޮޅުއެވެ. އެއީ އޭނާގެ އުމުރުން 18 އަހަރު ފުރުމާއެކު ރެއަލްއަށް ވިނީޝިއަސްގެ ރައިޓްސް ލިބޭގޮތަށެވެ. ވިނީޝިއަސްއަށް 18 އަހަރު ފުރުނީ މިދިޔަ ޖުލައިގައެވެ. ރެއަލް އިން އޭނާގެ ސޮއި ހޯދިއިރު އުމުރުން 16 އަހަރުގެ ވިނީޝިއަސް ފުލެމިންގޯގެ ސީނިއަރޓީމަށް ކުޅެދީފައިވަނީ އެންމެ މެޗެކެވެ. ވިނީޝިއަސްގެ ސޮއި ހޯދުމަށް ރެއަލްއާއި ވާދަކުރި ޓިމުތަކުގެ ތެރޭގައި ވާދަވެރި ބާސެލޯނާއާއި މެންޗެސްޓަރޔުނައިޓެޑް ހިމެނެއެވެ. ވިނީޝިއަސް ވިދާލީ 2017 ގައި އޮތް ދެކުނު އެމެރިކާގެ 17 އަހަރުންދަށުގެ މުބާރާތުގައެވެ. އެމުބާރާތުގެ ތަށި ބުރެޒިލަށް ހޯދައިދީ އަދި ޓޮޕްސްކޯރާގެ މަޤާމު ހޯދުމަށްފަހު 2025 ޖޫންގެ ނިޔަލަށް ރެއަލްއަށް ބަދަލުވިއިރު ވިނީޝިއަސް ވެފައިވަނީ ބުރެޒިލްގެ ކުލަބަކުން ޔޫރަޕަށް ދެވަނައަށް އެންމެ ބޮޑުއަގުގައި ޓީމު ބަދަލު ކުރި ބުރެޒިލްގެ ކުޅުންތެރިއަށެވެ.
9- ފުރެޑް 43.7 މިލިއަން ޕައުންޑު
ޔޫކުރޭންގެ ޝަކުތަރޑޮނެސްކުން އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ފުރެޑަކީ ބުރެޒިލްގެ ގައުމީޓީމުގެ މިޑްފީލްޑަރެކެވެ. މިނިމުނު ބާޒާރުގައި އާކުޅުންތެރިން ހޯދުމުގައި މޮރީނިއޯއަށް މާ ބޮޑު ކާމިޔާބެއް ނުލިބުނުއިރު ފުރެޑްގެ ސޮއި ވެގެންދިޔައީ މޮރީނިއޯއަށް ވަރަށް މުހިއްމު ސޮޔަކަށެވެ. 25 އަހަރުގެ ބުރެޒިލް މިޑްފީލްޑަރުގެ ސަބަބުން ޔުނައިޓެޑްގެ މެދުތެރެ ހަމައަކަށް އެޅޭނެކަމަށް މޮރީނިއޯ ޤަބޫލުކުރެއެވެ. ފުރެޑް ޔުނައިޓެޑަށް ސޮއި ކުރީ 2023ގެ ސީޒަން ގެ ނިޔަލަށެވެ.
8- ޖޯޖީނިއޯ 50.4 މިލިއަން ޕައުންޑު
އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ނަޕޯލީއިން ޗެލްސީއަށް ބަދަލުވިއިރު ނަޕޯލީގެ ކޯޗް ސާރީވެސް މިވަނީ ޗެލްސީއަށް ބަދަލުވެފައެވެ. ޖޯޖީނިއޯއާއެކު ޗެލްސީގެ މެދުތެރެ އިތުރަށް ވަރުގަދަ ކޮށްފައިވާއިރު ކުރިން ޓިމު ދޫކޮށްލާނެ ކަމަށް ބެލެވުނު ހެޒާޑާއި ވިލިއަންވެސް ތިބީ ޓީމުގައެވެ. ބޮޑަށް ބެލެވެނީ ކޮންޓޭގެ ބަދަލުގައި ސާރީ އައުމާއެކު އެކުޅުންތެރިން މަޑުކުރީކަމަށެވެ. 26 އަހަރުގެ މި މިޑްފީލްޑަރ ކޮންޓުރެކްޓް ހަދާފައިވަނީ 2023 ގެ ޖޫންގެ ނިޔަލަށެވެ.
7- ތޯމަސް ލެމަރ 52.7 މިލިއަން ޕައުންޑު
މި ސީޒަން ފެށުމުގެ ކުރިން އެތުލެޓިކޯ މެޑްރިޑްގެ ތަރި ގްރީޒްމަން އެޓީމު ދޫކޮށްލާފާނެހެން ހީވި ދުވަސްކޮޅެއް ދިޔައެވެ. އަދި އޭނާ ގެންދަން އުޅުނީ ބާސާއިން ކަމަށްވުމާއެކު ގުރީޒްމަން އެތުލެޓިކޯ ދޫކޮށްލާނެކަމަށް ވަރަށް ބޮޑަށް ހީވެގެން ދިޔަމެއެވެ. މޮނާކޯގެ 22 އަހަރުގެ ފޯވާޑް ލެމަރގެ ސޮއި އެތުލެޓިކޯއިން ހޯދީ އެ ނުތަވަސްކަމުގެ ތެރޭގައެވެ. ލެމަރއަކީ ލަލީގާއަށް މިސީޒަނަށް އެންމެ ބޮޑުއަގުގައި ގެނެވުނު ކުޅުންތެރިޔާއެވެ. ފުރާންސްގެ ޤައުމީ ޓީމުގެ މިކުޅުންތެރިޔާ އެތުލެޓިކޯއަށް ސޮއި ކުރީ އާސެނަލް ނުވަތަ ލިވަޕޫލަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ. ކޮންމެއަކަސް ގްރީޒްމަން ޓީމުގައި މަޑުކުރިއިރު ލެމަރ ވެސް ހުރީ ޓީމުގައެވެ. އެކަމަކު ލީގުގެ 3 މެޗް ކުޅުނު އިރު އެޓީމަށް އަދި މޮޅުވެވިފައިވަނީ އެއްމެޗުންނެވެ. އެކަމަކު ސީޒަން އަދިއޮތީ ކުރިއަށެވެ. މި އިންޓަރނޭޝަނަލް ބުރޭކަށްފަހު ލީގުގެ ކުޅުން އަލުން ފެށޭއިރު ވާގޮތެއް ބަލަން ތިބެމާ ހިނގާށެވެ.
6- ނަބީ ކެއިޓާ 52.8 މިލިއަން ޕައުންޑު
ގިނީގެ ގައުމީޓީމުގެ ކެޕްޓަން ކެއިޓާ ޖަރުމަނުގެ ލިޕިޒް އިން އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ގެނެވުނުއިރު މިއީ މި ނިމުނު ބާޒާރުގައި ޕްރެމިއަރލީގަށް ގެނެވުނު 4 ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. 23 އަހަރުގެ މި މިޑްފީލަޑަރަކީ ލިވަރޕޫލަށް ޕްރެމިއަރލީގު ފުރަތަމަ ފަހަރަށް ހޯދައިދިނުމަށް އިސްރޯލެއް އަދާކުރާނެ ކުޅުންތެރިއެއްކަމަށް ކްލޮޕް އުއްމީދުކުރެއެވެ. ކެއިޓާ ލިވަޕޫލާއި ގުޅުނީ 5 އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
5- ރިޔާދު މާރޭޒް 60 މިލިއަން ޕައުންޑު
މީގެ ދެއަހަރުކުރިން ލެސްޓަރސިޓީ ޕްރެމިއަރލީގު ހޯދިއިރު މާރޭޒްއަކީ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އިނގިރޭސި ޕްރޮފެޝަނަލް ފުޓްބޯޅަކުޅުންތެރިންގެ އެސޯސިއޭޝަންގެ އެވޯޑް 2016ގައި ހޯދި އަލްޖޭރިއާގެ 27 އަހަރުގެ މިފޯވާޑް ލެސްޓަރ އިން މެންޗެސްޓަރސިޓީ އަށް ބަދަލުވީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ކިތަންމެ ބޮޑު އަގެއްގައި އައި ނަމަވެސް ލެސްޓަރއާއި ޚިލާފަށް މުޅިން ތަރިން ހިމެނޭ ސިޓީގެ ފުރަތަމަ 11ގެ ޖާގައެއް ކަށަވަރުކުރުމަށް މާރޭޒަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެކަން ޔަޤީނެވެ.
4- އެލިސަން 65 މިލިއަން ޕައުންޑު
ޢާއްމުގޮތެއްގައި ދުނިޔޭގެ ރެކޯޑްފީއަކަށް ގޯލުކީޕަރަކު ޓީމު ބަދަލުކުރުމަކީ ވޭތުވެދިޔަތަނުގައި ވެފަ އޮތްކަމެއްނޫނެވެ. އެހެންނަމަވެސް މި ނިމުނު ބާޒާރުގައި ޓީމުތަކުން ގޯލުކީޕަރުންނަށްވެސް ބޮޑު ޚަރަދުކުރަން ފަސް ނުޖެހޭކަން މިވަނީ ހާމަވެފައެވެ. ބުރެޒިލްގެ ގައުމީޓީމުގެ ކީޕަރު 25 އަހަރުގެ އެލިސަން އިޓަލީގެ ރޯމާއިން ލިވަޕޫލަށް 65 މިލިއަން ޕައުންޑަށް ބަދަލުވިއިރު މީގެ ކުރީގެ ރެކޯޑުއޮތީ 34.7 މިލިއަން ޕައުންޑަށް ބެންފީކާއިން މެންޗެސްޓަރސިޓީއަށް ބަދަލުވި ހަމަ ބުރެޒިލަށް ނިސްބަތްވާ ކީޕަރެއް ކަމުގައިވާ އެޑިސަން އަތުގައެވެ. ކޮންމެއަކަސް ޗެމްޕިއަންސްލީގުގެ ފައިނަލްގައި ކޭރިއަސްގެ ބުލަންޑަރ ތަކަށްފަހު ބޮޑުއަގުގައި ގެނައި އެލިސަންގެ އެހީގައި ލިވަޕޫލަށް ކިހާހިސާބަކަށް ދެވޭތޯ ބަލަން ތިބެމާ ހިނގާށެވެ. މިހާތަނަށް 4 މެޗު ކުޅެ 100% ރެކޯޑަކާއެކު ލިވަޕޫލް އޮތް ނަމަވެސް ލެސްޓަރއާއި އިދިކޮޅަށް ކުޅުނު މެޗުގައި 2024 ޖޫންގެ ނިޔަލަށް ލިވަޕޫލާއެކު ކޮންޓްރެކްޓް ހެދި އެލިސަން ހެދި ކޮސް ފެނުމުން އަނެއްކާވެސް ހަނދާންވަނީ ހަމަ ކުރިންބުނި ފައިނަލް މެޗެވެ.
3- ކެޕާ އެރިޒެބަލަގާ 71.6 މިލިއަން ޕައުންޑު
ދުނިޔޭގެ ރެކޯޑުފީއަކަށް އެލިސަން ލިވަޕޫލަށް ގެނައުމުން އެރެކޯޑު މުގުރާލުމަށް އަހަރުތަކެއް ނަގާނޭކަމަށް ހީވިއެވެ. އެކަމަކުވެސް އެރެކޯޑަށް މަހެއްވެސް ނުވަނީސް ޕްރެމިއަރލީގު ޓްރާންސްފަރ ދޮރު ލެއްޕިލެއްޕި ހުއްޓާ ވާދަވެރި ޗެލްސީއިން ވަނީ އެރެކޯޑު މުގުރާލައި އެތުލެޓިކް ބިލްބާއޯގެ 23 އަހަރުގެ ކީޕަރު ގެނެސްފައެވެ. އެއީ ކޯޓުއާ ރެއަލްއަށް ދޫކޮށްލުމަށްފަހުއެވެ. ކެޕާގެ މިޓްރާންސްފަރއަކީ މިނިމުނު ބާޒާރުގައި ޕްރެމިއަރލީގަށް ގެނެވުނު އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ކެޕާގެ އެއްބަސްވުން ހަމަވާނީ 2025 ޖޫން ގެ ނިޔަލަށެވެ.
2- ކްރިސްޓިއާނޯ ރޮނާލްޑޯ 88.5 މިލިއަން ޕައުންޑު
މި ނިމުނު ބާޒާރުގައި އެންމެ ގިނައިން ދެކެވެނު ޓްރާންސްފަރގެ ވާހަކައަކީ ރޮނާލްޑޯގެ ޓްރާންސްފަރގެ ވާހަކައޭ ބުނެވިދާނެއެވެ. ވޯލްޑުކަޕްގެ އެންމެ ފޯރިގަދަ ހިސާބުގައި މިޓްރާންސްފަރގެ ކަންތައް ކުރިއަށް ދިޔައިރު ވޯލްޑްކަޕްގެ ޚަބަރުތަކަށްވުރެ ރޮނާލްޑޯގެ ޚަބަރުތައް ވައިގައި ހިފާފައި ހުރުމަކީ މީގެ ހެއްކެކެވެ. ކޮންމެއަކަސް އުމުރުން 33 އަހަރުގައި ރެއަލް ދޫކޮށް ޔުވެންޓަސްއަށް އެހާ ބޮޑު އަގެއްގައި ބަދަލުވުމަކީ ގިބަޔަކަށް ގަބޫލުކުރަން ދަތިވި ޚަބަރެކެވެ. ޔުވެންޓަސްގެ އަމާޒަކީ ޗެމްޕިއަންސްލީގެވެ. ކޮންމެއަކަސް އާސީޒަނުގެ ފުރަތަމަ 3 މެޗުން 9 ޕޮއިންޓް ހޯދިނަމަވެސް ޔުވެންޓަސް ޖާޒީގައި ރޮނާލްޑޯއަށް އަދި ލަނޑެއް ޖެހިފައެއްނުވެއެވެ. ރޮނާލްޑޯ ޔުވެންޓަސްއާއެކު ކޮންޓްރެކްޓް ހެދީ 4 އަހަރަށެވެ.
1- ކިލިއަން އެމްބާޕޭ 159.3 މިލިއަން ޕައުންޑު
ފުރާންސް ވޯލްޑްކަޕް ހީރޯ އެމްބާޕޭ މޮނާކޯއިން ޕީއެސްޖީއަށް މިދިޔައަހަރު ލޯނެއްގެ ދަށުން ކުޅުމަށްފަހު ދާއިމީކޮށް މިއަހަރު އެކުލަބަށް ބަދަލުވި އިރު މިޓްރާންސްފަރއަކީ މިހާތަނަށް މުޅިދުނިޔޭގަވެސް 2 ވަނައަށް އެންމެ އަގު ބޮޑު ޓްރާންސްފަރއެވެ. 19 އަހަރުގެ މި ފޯވާޑް ޕީއެސްޖީއާއެކު އެއްބަސްވުން ހަދާފައިވަނީ 2022ގެ ޖޫންގެ ނިޔަލަށެވެ.
Advertisement
Leave a Reply