ނޭޝަންސް ލީގު: މަންޗިނީގެ ފުރަތަމަ މެޗުން ޕޮއިންޓެއް

Advertisement

ނޭޝަންސް ލީގު: މަންޗިނީގެ ފުރަތަމަ މެޗުން ޕޮއިންޓެއް

ފަހުމިނެޓް

ޔޫއެފާ ނޭޝަންސް ލީގުގައި އިޓަލީ އާއި ޕޮލެންޑު ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ. އިޓަލީގައި ރޭ ކުޅެވުނު މި މެޗަކީ އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ މިއަހަރުގެ މޭމަހު މަގާމާ ހަވާލުވުމަށްފަހު ކުޅެވުނު ވާދަވެރި ފުރަތަމަ މެޗެވެ.

ލީގު އޭގެ ތިންވަނަ ގުރޫޕްގެ މި މެޗުގައި، ފުރަތަމަ ހާފުގެ ފަހު ފަސް މިނިޓު ތެރޭދައި ޕޮލެންޑުން ވަނީ ލީޑު ނަގާފައެވެ. ކެޕްޓަން ލެވަންޑޯސްކީގެ ޕާހަކުން ޕޮލެންޑުގެ މި ލަނޑު ޖަހައިދިނީ އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޒީލިންސްކީއެވެ. ދެވަނަ ހާފުގައި މެޗުގެ 78 ވަނަ މިނިޓުގައި އިޓަލީ ބަލިނުވެ ސަލާމަތްވީ މި ސީޒަނަށް ނަޕޯލީއިން އިނގިރޭސި ވިލާތުގެ ޗެލްސީއަށް ބަދަލުވި ޕްލޭމޭކަރު، ޖޯޖީނިއޯ ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލުންނެވެ. މި ޕެނަލްޓީއަކީ ޕޮލެންޑުގެ ޔަކުބް ބްލަޝުކޯވްސްކީ އިޓަލީގެ ފެޑެރިކޯ ޗިއެޒާއަށް ކުރި ފައުލަކާގުޅިގެން ލިބުނު ޕެެނަލްޓީއެކެވެ.

އެންމެ ފަހު ވޯލްޑް ކަޕުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ރަޝިޔާއިން ވެސް ވަނީ އެމީހުންގެ ފޯމު ދަމަހައްޓާފައެވެ. ލީގު ބީގެ ގުރޫޕް ދޭއްގައި ތުރުކީއާ ދެކޮޅަށް ރަޝިޔާ ކުޅުނު މެޗުގައި ޑެނިސް ޗެތީޝެވް ރަޝިޔާއަށް ލީޑު ނަގާދީފައި ވަނިކޮށް ތުރުކީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސާދާރް އަޒިޒް އެވެ. ރަޝިޔާއަށް އަލުން ލީޑު ނަގައިދީ ތިން ޕޮއިންޓް ހޯދައިގިން ގޯލު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ އަރްތުމް ޒީޔުބާ އެވެ.

ރަޝިޔާ އާއި ތުރުކީ ކުޅުނު މެޗުގެ ތެރެއިން.

ލީގު ސީގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ އަލްބޭނިއާ ވަނީ އަމިއްލަ ފަސްގަނޑުގައި އިޒްރޭލުގެ މައްޗަށް ކުރިކޯދައިފައެވެ. 1-0 އިން ނިމުނު މިމެޗުގައި އަލްބޭނިއާގެ ހަމައެކަނި ގޯލު ޖަހައިދިނީ ތޫލަން ޒަކާއެވެ. މި ލީގުގެ ގުރޫޕް ހަތަރެއްގެ ދެ މެޗުވެސް ރޭ ކުޅެވިގެން ދިޔައިރު ސާބިއާއިން ވަނީ ޑޫސަން ޓަޑިޗްގެ ހަމައެކަނި ގޯލުން ލިތުއޭނިއާ ބަލިކޮށްފައެވެ. ނަމަވެސް ރޮމޭނިއާ އަދި މޮންޓެނީގްރޯ ކުޅުނު މެޗު ނިމުނީ ދެޓީމުންކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި މުބާރާތުގައި ލީގު ސީގެ ތިންވަނަ ގުރޫޕްގެ މެޗުތައްވެސް ރޭ ކުޅެވިގެން ދިޔައިރު ފެރޯ އައިލެންޑްސް ވަނީ 3-1 އިން މާލްޓާ ބަލިކޮށް ގުރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. މި ގުރޫޕުގައި ދެން ހިމެނޭ އަޒަރުބައިޖާން އަދި ކޮސޯވޯ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. މިއީ 2016 ވަނަ އަހަރު ޔޫއެފާގެ މެންބަރުކަން ހޯދުމަށްފަހު ކޮސޯވޯއިން ޔޫރަޕުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބާއްވާ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި މިރޭވެސް ވާދަވެރި މެޗުތަކެއް ކުޅެވިގެންދާއިރު އެންމެ ފާހަގަ ކޮށްލެވެނީ ލީގު އޭގެ އިންގްލެންޑާއި ސްޕެއިން ބައްދަލުކުރާ މެޗެވެ. އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވިގެންދާ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 23:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *