ޕޮއިންޓެއް ހޯދަން ބަންގްލަދޭޝް މިއަދު ނޭޕާލާ ދެކޮޅަށް

ސާފް ސުޒުކީ ކަޕްގައި މިއަދު ނޭޕާލާއި ދެކޮޅަށް ނުކުންނައިރު ފުރަތަމަ ދެމެޗުން މޮޅުވިޔަސް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމަށް ބަންގްލަދޭޝްއަށް މިއަދު މަދުވެގެން ޕޮއިންޓެއް ބޭނުންވެއެވެ. ފުރަތަމަ މެޗުގައި ބޫޓާން އަތުން 2-0 އިން މޮޅުވި އިރު ދެވަނަ މެޗުގައި ފަހުވަގުތު ޕާކިސްތާނު ކޮޅަށް ޖެހި ގޯލާއި އެކު އެޓީމު މޮޅުވީ 1-0 އިންނެވެ. މިއަދު އެޓީމާއި ދެކޮޅަށް ނުކުންނަ ނޭޕާލް އޮތީ ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ދެވަނައިގައެވެ.
މިއަދުގެ މެޗުން ނޭޕާލް އަތުން ބަލިވެ ޕާކިސްތާނާއި ބުޓާން ވާދަކުރާ މެޗުން ޕާކިސްތާން މޮޅުވެއްޖެނަމަ ބަންގްލަދޭޝް މުބާރާތުން ކަޓާނެއެވެ. ބޫޓާން ފުރަތަމަ ދެމެޗުން ބަލިވެފައިވާއިރު މިއަދު މެޗުން ޕާކިސްތާން މޮޅުވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ބަންގަލްދޭޝް އަތުން ނޭޕާލް މޮޅުވެއްޖެ ނަމަ ހަ ޕޮއިންޓާއެކު އެޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނީ ފައިދާ ގޯލުގެ ތަފާތުން ބަންގްލަދޭޝްއަށްވުރެ ކުރި ލިބޭނެތީއެވެ. މަދުވެގެން ޕޮއިންޓެއް ހޯދަން ބަންގްލަދޭޝް ނުކުންނައިރު އިދިކޮޅަށް ނުކުންނަ ނޭޕާލް ޓީމު ވަނީ މި މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައެވެ.
“އަހަރެމެން ދެމެޗުން މޮޅުވެއްޖެ އެކަމު ތިންވަނަ މެޗުވެސް ކުޅެން އެބަޖެހޭ، އަހަރެމެން ބޭނުމެއްނޫން މިހިސާބުން މުބާރާތުން ވަކިވާކަށް. މަސައްކަތް ކުރާނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދަން” ބަންގްލަދޭޝްގެ ކޯޗު ޖެމީ ޑޭ ޕާކިސްތާނު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުންޏެވެ.
އެ މެޗަށްފަހު ބަންގްލަދޭޝް ޓީމު އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ޕާކިސްތާނާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ކުޅެން ނުކުތް އެއްވެސް ކުޅުންތެރިއަކު ބައިވެރިވެފައެއް ނުވެއެވެ. އިއްޔެގެ ފަރިތަކުރުންތަކުގައި ޑޭ ބޭނުންކުރީ އެމެޗުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ނުކުޅޭ އަށް ކުޅުންތެރިންނެވެ.
“ނޭޕާލް އަކީ ވަރަށް މޮޅު ޓީމެއް. އެމީހުން އަހަރެމެނަށް މައްސަލަތައް ކުރިމަތި ކުރުވާނެ. ޕާކިސްތާން މެޗުގަ އެމީހުންގެ ނަސީބު ވަރަށް ދެރަ. ފަހުން ބޫޓާން ކޮޅަށް އެމީހުން ހަތަރު ގޯލު ޖެހި. އަހަރެމެން އެމީހުންގެ ނަތީޖާއާހެދި ކަންބޮޑެއް ނުވޭ. އެކަމުގެ ގޯލުގެ ތަފާތުން ފަހަތުގައި އޮތުމަކީ މައްސަލައެއް” އިއްޔެގެ ފަރިތަކުރުންތަކަށްފަހު ޑޭ ބުންޏެވެ.
ޑޭ ބުނީ މިއަދުގެ މެޗުން ބަލިވެއްޖެނަމަ ވަރަށް މާޔޫސްވާނެކަމަށެވެ. ބަންގްލަދޭޝް އެންމެފަހުން ސެމީ ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައެވެ. އޭގެފަހުން 2011 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމު ކެޓީ ރާއްޖެ އާއި ޕާކިސްތާން ބަލި ނުކުރެވުމުންނެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަ ނޭޕާލް ޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމަށް މިއަދު މޮޅުވުން މަޖުބޫރެވެ. ފުރަތަމަ މެޗުގައި ޕާކިސްތާނާއި ވާދަކޮށް ފަހުވަގުތު ބަލިވިޔަސް އެޓީމު ވަނީ އެމެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ މެޗުގައި ބޫޓާން ކޮޅަށް ހަތަރު ލަނޑު އެޓީމުން ޖެހިއިރު އެތަނުން ތިން ލަނޑު ޖެހީ ސެޓްޕީސް ތަކުންނެވެ.
“މި ޓީމުގެ ފެންވަރަށް ބަލާއިރު، މިފަހަރުގެ މުބާރާތުގައި ކުޅޭ ކޮންމެ ޓީމެއްވެސް ބަލިކުރެވިދާނެކަމަށް ގަބޫލުކުރަން. އަހަރެން އުއްމީދުކުރަން ބަންގްލަދޭޝްއާ ދެކޮޅަށްވެސް ކުރިން މެޗުގައި ދެއްކި ކުޅުން ތަކުރާރު ކުރެވޭނެކަމަށް” މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓީމުގެ ކޯޗު ބާލް ގޯޕާލް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގައި އެންމެފަހުން މިދެޓީމު ވާދަކުރީ 2013 ވަނަ އަހަރުއެވެ. އެމެޗުން ނޭޕާލް މޮޅުވީ 2-0 އިންނެވެ. ފުޓްބޯޅައިގެ ތާރީހުގައި މިދެޓީމު މިހާތަނަށް 18 ފަހަރު ވާދަކޮށްފައިވާއިރު 12 މެޗުން ބަންގްލަދޭޝް ވަނީ މޮޅުވެފައެވެ. އެއްމެޗު އެއްވަރުވިއިރު ނޭޕާލަށް މޮޅު ލިބިފައިވަނީ ފަސް މެޗުންނެވެ. ބަންގްލަދޭޝްއާއި ނޭޕާލް ވާދަކުރާމެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 6 ޖަހާއިރުއެވެ.
Advertisement


Leave a Reply