ޕާކިސްތާން 13 އަހަރަށްފަހު ސެމީ ފައިނަލުގެ އުއްމީދުގައި

Advertisement

ޕާކިސްތާން 13 އަހަރަށްފަހު ސެމީ ފައިނަލުގެ އުއްމީދުގައި

ޢަލީ ޝަހީމް

ސާފް ޗެމްޕިއަންޝިޕްގައި މިއަދު ބޫޓާނާ ދެކޮޅަށް ނުކުންނައިރު މިއީ ޕާކިސްތާނަށް ތާރީހީ ދުވަހެކެވެ. ގްރޫޕުގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބިއޮތް ބޫޓާން އަތުން މިއަދު މޮޅުވެއްޖެ ނަމަ 13 އަހަރަށްފަހު އެޓީމަށް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރެވޭނެއެވެ. ޕާކިސްތާން އެންމެފަހުން ސެމީ ފައިނަލުގައި ކުޅެފައިވަނީ 2005 ވަނަ އަހަރު އެގައުމުގައި މުބާރާތް ބޭއްވި ފަހަރުއެވެ. އޭގެ ފަހުން ބޭއްވި ފަސް މުބާރާތުގެ ތެރެއިން އެޓީމު ކުޅެފައިވަނީ ހަތަރު މުބާރާތުގައެވެ. އެ ހަތަރު ފަހަރުވެސް އެޓީމު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އެންމެ ފަހުން 2015 ވަނަ އަހަރު އިންޑިޔާގެ ކެރެލާގައި ކުޅުނު މުބާރާތުގައި އެޓީމު ބައިވެރިވެފައެއް ނުވެއެވެ. އެގައުމުގެ ހައި ކޯޓުން ފުޓްބޯޅަ އިދާރާއަށް 2015 ވަނަ އަހަރު ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުން ވޭތުވެދިޔަ އަހަރުތަކުގައި އެގައުމުގެ ފުޓްބޯޅަ ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

ކުޅުނު ފުރަތަމަ މެޗުން ފަހު ވަގުތު ނޭޕާލް އަތުން 2-1 އިން މޮޅުވިއިރު ދެވަނަ މެޗުގައި ޕާކިސްތާން ވަނީ ބަންގްލަދޭޝްއާ ވާދަކޮށް 1-0 އިން ބަލިވެފައެވެ. ކޮންމެ ޓީމެއް ދެމެޗު ކުޅުނުއިރު ހަ ޕޮއިންޓާއި އެކު އެއްވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. ޕާކިސްތާނާއި ނޭޕާލަށްވެސް ތިން ޕޮއިންޓް ލިބޭއިރު ފައިދާ ގޯލުގެ ތަފާތުން ޕާކިސްތާނަށް ލިބެނީ ތިންވަނައެވެ.

މިއަދުގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕާކިސްތާނުގެ ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނީ ވަރުގަދަ މެޗަކަށްފަހު އެއްދުވަސްފަހުން ކުޅެން ޖެހޭތީ ޓީމުގެ ކުޅުންތެރިން ވަރުބަލިވެފައިވާ ކަމަށެވެ.

“ވަރުގަދަ މެޗަކަށްފަހު އެންމެ ދުވަހަކުން ހަމައަކަށް އެޅުމަކީ އުނދަގޫކަމެއް. އިންޓަނޭޝަނަލް ފުޓްބޯޅަ ކުޅެން ބޭނުންވާނަމަ އެންމެ ދުވަހެއް ނުފުދޭނެ. ކުދިކުދި އަނިޔާގެ މައްސަލަތައް އުޅުނަސް އަހަރެމެންގެ އޮފިޝަލުން އެބަ މަސައްކަތްކުރޭ ހުރިހާ ކުޅުންތެރިންވެސް މެޗަށް ތައްޔާރު ކުރަން. އަހަރެން އުއްމީދު އެބައޮތް ބޫޓާން ބަލިކުރަން ކުޅުންތެރިން އެމީހުންގެ އެންމެ ރަނގަޅު ކުޅުން ދައްކާނެކަމުގެ” ހަތަރު އަހަރަށްފަހު ބޮޑު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޕާކިސްތާނު ޓީމުގެ ކޯޗު ބުންޏެވެ.

މި ގްރޫޕުގެ ފަހު މެޗުގައި ބަންގްލަދޭޝް ނުކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. މި މެޗުގައި ބަންގްލަދޭޝް އިން ނޭޕާލް ބަލިކޮށްފިނަމަ ބޫޓާން މެޗު އެއްވަރު ވެގެންވެސް ޕާކިސްތާނަށް ސެމީ ފައިނަލުގެ ފުރުސަތެއް ލިބޭނެއެވެ.

“އަހަރެމެން  ޖެހޭ އަސްލު ފެންވަރު ދައްކަން. މި މެޗަށް ވަރަށް ތައްޔާރު ވާންޖެހޭ އެބަ. ހޯމް ޓީމު ކުޅޭނީ ނޭޕާލާ ދެކޮޅަށް. އަހަރެމެން އުއްމީދު ކުރަން އެމެޗުގެ ނަތީޖާ ނުކުންނާނީ އަހަރެމެން ބޭނުންވާ ގޮތަށްކަމަށް” ނޮގޭރާ ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނައިރު އަމިއްލަ ބާރު ނެތަސް ބޫޓާނަށްވެސް ސެމީ ފައިނަލަށް ދިއުމުގެ ހަނި ފުރުސަތެއް އެބައޮތެވެ. ބުޓާނަށް ސެމީގެ ޖާގައެއް ލިބޭނީ ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ބޮޑު ތަފާތަކުން ނޭޕާލް ބަލިކޮށްފި ނަމައެވެ. ކުޅުނު ދެމެޗުން ބަލިވެފައިވާ ބޫޓާން ފުލުގައި އޮތީ ގެއްލުން ހަ ގޯލާއި އެކުއެވެ.

“މިއީ ވަރަށް ޒުވާން ޓީމެއް. ކުރިން އެއްކޮށް ކުޅެފައިނުވާ ޓީމެއް. އެކަމު މި ޓީމުގަ އެބަހުރި ހިތްހަމަޖެހޭ ކަންތައްތައް. އަހަރެމެން އެޓޭކަށް ދާއިރު މިހާރު ނުރައްކާ ބޮޑު އަނެއްކާ ޑިފެންސް ކުރަންވެސް ޓީމު ރަނގަޅު. އަހަރެމެން މިދަނީ ރަނގަޅު މިސްރާބަކަށް އެކަމު ސެމީ ފައިނަލުގެ ފުރުސަތެއް ލިބުމަކީ ވަރަށް ދުރުކަމެއް. އެކަމު އަހަރެމެން މަސައްކަތްކުރާނަން ޕާކިސްތާން ބަލިކުރަން” ނޭޕާލް މެޗަށްފަހު ޓީމުގެ ހެޑް ކޯޗު ޓްރެވޯ މޯގަން ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިދެޓީމު މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ކުޅުނު މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ޕާކިސްތާނެވެ. ޕާކިސްތާނާއި ބޫޓާން ވާދަކުރާމެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު 3 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *