ޝްނެއިޑާގެ ވަދާއި މެޗުން އެންމެންނަށް ލިބުނީ ހައިރާންކަން

Advertisement

ޝްނެއިޑާގެ ވަދާއި މެޗުން އެންމެންނަށް ލިބުނީ ހައިރާންކަން

ޢަލީ ޝަހީމް

މެޗު ނިމުމުން ނެދަލޭންޑްސްގެ ވެސްލީ ޝްނެއިޑާ ފެނުނީ ދަނޑުމަތީގައި ސޯފާއެއްގައި އިށީނދެގެން އިންދައެވެ. އެގައުމުގެ ޝަރަފްވެރި ސްޓޭޑިއަމް، އެމްސްޓެޑަމް އެރީނާގެ ދަނޑުގެ މެދުގައި އުމުރުން 34 އަހަރުގެ ޝްނެއިޑާއާއެކު އޭނާގެ ލޯބިވެރިޔާއާއި ދެކުދިން ތިބި ސޯފާގެ ކުރިމަތީގައި ޓީވީއަކާއި ކުޑަ މޭޒެއްގެ އިތުރުން ގޭތެރޭގެ މަންޒަރު ސިފަކޮށްދޭން ގިނަ ތަކެތި ބަހައްޓާއި ހުއްޓެވެ. ސިޓިންގް ރޫމެއް ގޮތަށް ދަނޑުގެ މެދު ތައްޔާރު ކޮށްފައިވާއިރު ކުރިމަތީގައި ހުރި ޓީވިން ފެނުނީ ޝްނެއިޑާއަށް އެގައުމުގެ ކުރީގެ ކުޅުންތެރިންނާއި މެނޭޖަރުން ދޫކޮށްފައިވާ މެސެޖްތަކެކެވެ. ރެކޯޑް ކޮށްފައިވާ އެ މަންޒަރުތައް ޓީވީން ދެއްކިއިރު ޝްނެއިޑާގެ ކުޑަ އާއިލާ މަޑުކޮށްލައިގެން ތިބީ އެ ވީޑިއޯ މެސެޖުތައް ބަލަން ދަނޑުގެ މެދުގައި ހުރި ސޯފާގައެވެ. މިއީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް 15 އަހަރު ކުޅެދިނުމަށްފަހު ރޭ ގައުމީ ޓީމުން އަލްވަދާއުކި ޝްނެއިޑާއަށް އެގައުމުން ކުރި ވަދާއީ އިހްތިރާމެވެ. މި މެޗަށްފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ޝްނެއިޑާއާއި ބައްދަލުކޮށްފައެވެ. ޝްނެއިޑާގެ ވަދާއި މެޗުގައި އެގައުމުން އަމަލުކުރި ގޮތުން ފުޓްބޯޅައިގެ ސަޕޯޓަރުންނަށް ވަނީ ހައިރާންކަން ލިބިފައެވެ. މިއީ އާއްމުކޮށް ކުޅުންތެރިންނަށް އަލްވަދާއު ކިޔާ ގޮތާއި ވަރަށް ތަފާތު ގޮތެކެވެ.

މެޗަށްފަހު ނެދަލޭންޑްސްގެ ކުޅުންތެރިން ޝްނެއިޑާ އުފުލާލައިގެން. އެގައުމުން އޭނާއަށް ދިނީ އަދަޔާ ހިލާފު އިހްތިރާމެއް

ނެދަލޭންޑްސް ރޭ ޕެރޫއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ޝްނެއިޑާ ވަނީ 62 މިނެޓު ކުޅެފައެވެ. މި މެޗު 2-1 އިން ކާމިޔާބު ކުރީ ނެދަލޭޑްސް އެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޕެރޫގެ ޕެޑްރޯ އަކުއިނޯ ގޯލެއް ޖަހާފައިވަނިކޮށް ނެދަލޭޑްސްގެ ދެ ލަނޑުވެސް މެޗުގެ ފަހު ހާފުގައި ޖެހީ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ މެންފިސް ޑިޕާއީ އެވެ.

2003 ވަނަ އަހަރު ނެދަލޭޑްސްގެ ޓީމަށް ކުޅެންފެށި ޝްނެއިޑާއަކީ އެގައުމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. 15 އަހަރުގެ މުއްދަތުގައި 134 މެޗު ޝްނެއިޑާ ކުޅެފައިވާއިރު 31 ގޯލު އެގައުމަށް ވަނީ ޖަހައިދީފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މެޗަށްފަހު ޝްނެއިޑާއާއި އެކު

18 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޝްނެއިޑާ މިހާރު ކުޅެނީ ގަތަރުގެ އަލް-ގަރާފާއަށެވެ. ނެދަލޭންޑްސްގެ އަޔަކްސް އިން ފުޓްބޯޅަ ދަނޑަށް ނުކތް ޝްނެއިޑާ ވަނީ އެ ކްލަބާއެކު ލީގު ކާމިޔާބު ކޮށްފައެވެ. އެއަށްފަހު 2007 ވަނަ އަހަރު ޝްނެއިޑާ ބަދަލުވީ މަޝްހޫރު ރެއާލް މެޑްރިޑަށެވެ. ރެއާލްގައި އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އޭގެފަހުން އިންޓަ މިލާނަށް ބަދަލުވެ އޭނާ ވަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އިންޓަރ މިލާނުން 2010 ވަނަ ޗެމްޕިއަންސް ލީގާއި އިޓާލިއަން ކަޕްގެ އިތުރުން އިޓަލީގެ ލީގު ކާމިޔާބު ކުރިއިރުވެސް ޝްނެއިޑާ ވަނީ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފައެވެ. ހަމަ އެއަހަރު ނެދަލޭންޑްސް ވޯލްޑް ކަޕް ފައިނަލުގައި ސްޕޭނާއި ވާދަކޮށް ބަލިވިއިރު ޝްނެއިޑާ ވަނީ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *