ނޭޝަންސް ލީގު: ފްރާންސާއި ޖަރުމަނަށް ހަމަހަމަ ފެށުމެއް

Advertisement

ނޭޝަންސް ލީގު: ފްރާންސާއި ޖަރުމަނަށް ހަމަހަމަ ފެށުމެއް

ޢަލީ ޝަހީމް

ޔޫއެފާއިން އަލަށް ތައާރަފްކުރި ނޭޝަންސް ލީގުގައި ފްރާންސާއި ޖަރުމަނު ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ. ހަތަރު ލީގެއްގައި 55 ގައުމަކުން ވާދަކުރާއިރު ޖަރުމަނާއި ފްރާންސް ހިމެނެނީ ލީގު އޭގައެވެ. ލީގު އޭގައި ހަތަރު ގްރޫޕް ހިމެނޭއިރު މި ގްރޫޕްތަކުގައި ވާދަކުރާނީ ޔޫރަޕްގެ ވަރުގަދަ ޓީމުތަކެވެ. ފްރާންސާއި ޖަރުމަނުގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނެނީ ނެދަލޭންޑްސް އެވެ. ފްރާންސާއި ނެދަލޭންޑްސް މި ގްރޫޕުގައި ވާދަކުރާ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރޭ ޕެރިހުގައެވެ.

ޖަރުމަނުގެ ބެޔާން މިއުނިކް ސްޓޭޑިއަމްގައި  ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ދެޓީމު ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ފްރާންސުން ފޮނުވާލި ހަމަލާތަކުގައި ބޮޑު ހިއްސާއެއްވީ އެންޓޮއިން ގްރިޒްމަން އެވެ. ނަމަވެސް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މާބޮޑު އުނދަގުލަކާ ނުލާ ގްރިޒްމަން ޖެހި ދެ ހަމަލާއެއް ދިފާއު ކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ޖަރުމަނު ޓީމުން ކުޅުން ރަނގަޅުކޮށް ފްރާންސްގެ ގޯލެއް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. މެޗުގެ ފަހު 15 މިނެޓުގައި އެއްކޮށް ކަހަލަ ގޮތަކަށް ޖަރުމަނުން މެޗު ޑޮމިނޭޓް ކުރިއިރު ފްރާންސްގެ ބަދަލު ކީޕަރު އަލްފޮންސޭ އަރެއޯލާ ވަނީ ގިނަ ހަމަލާތަކެއް ހިފަހައްޓާފައެވެ. ރޭގެ މެޗުން އަރެއޯލާއަށް ފުރުސަތު ލިބުނީ، ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ ކެޕްޓަން ހޫގޯ ލޮރިސް އަނިޔާގައި ހުރުމުންނެވެ. ވޯލްޑް ކަޕް ފައިނަލް މެޗުގައި ކުޅެން އެރި ފުރަތަމަ އެގާރައިގެ ތެރެއިން ރޭގެ މެޗުގައި ޓީމަށް ގެނައި ހަމައެކަނި ބަދަލަކީވެސް އަރެއޯލާ އެރުވުމެވެ. ރޭގެ މެޗަކީ އަރެއޯލާ ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ނޭޝަންސް ލީގުގެ އެހެން މެޗުތަކަށް ބަލާއިރު ލީގު ބީގައި ހިމެނޭ ޔޫކްރެއިން ރޭގެ މެޗުގައި ޗެކްރިޕަބްލިކް 2-1 އިން ބަލިކުރިއިރު ރަޔާން ގިގްސްގެ އިރުޝާދުގެ ދަށުން ވޭލްސް ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި 4-1 އިން އަޔަލޭންޑް ވަނީ ބަލިކޮށްފައެވެ. ލީގު ސީގައި ރޭ ކުޅުނު ދެމެޗު ކާމިޔާބުކުރީ ނޯވޭއާއި ބަލްގޭރިޔާއެވެ. ސައިޕްރަސް އަތުން 2-0 އިން ނޯވޭ މޮޅުވިއިރު ބަލްގޭރިޔާ މޮޅުވީ ސްލޮވޭނިޔާއާ ވާދަކޮށް 2-1 އިންނެވެ. ލީގު ޑީގައި ރޭ ކުޅުނު މެޗުތައް ކާމިޔާބު ކުރީ ޖޯޖިޔާއާއި އަރްމޭނިޔާ އަދި މެސަޑޮނިޔާ އެވެ.

ނޭޝަންސް ލީގުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން ފާހަގަ ކޮށްލެވެނީ ލީގު އޭގެ ގްރޫޕް ތިނެއްގައި އިޓަލީއާއި ޕޮލެންޑް ވާދަކުރާ މެޗެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 11:45 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *