ދުނިޔޭގެ ޗެމްޕިއަނެއް ގަދަ ތިނެއްގައި ހިމެނެންޖެހޭ: ގްރިޒްމަން
ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މިއަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފްރާންސް ޓީމުގެ ކުޅުންތެރިއަކު ހިމެނެންޖެހޭ ކަމަށް ވޯލްޑް ކަޕް ފްރާންސަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެންޓޮއިން ގްރިޒްމަން ބުނެފިއެވެ. ގްރިޒްމަން ބުނީ މި އަހަރު ލިބުނު ކާމިޔާބީއާއެކު ގަދަ ތިނެއްގެ ލިސްޓުން އޭނާއަށް ޖާގައެއް ހައްގުކަމަށެވެ. ގްރިޒްމަން ވަނީ އެތްލެޓިކޯއާއެކު މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގާއި މި ސީޒަނުގެ އޫއެފާ ސުޕަރ ކަޕް ކާމިޔާބު ކޮށްފައެވެ. 20 އަހަރަށްފަހު ފްރާންސުން މިއަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ގްރިޒްމަން ވަނީ އެ މުބާރާތުގައި ހަތަރު ގޯލު ޖަހާ ތިން ގޯލުޖަހަން އެހީތެރިވެދީފައެވެ.
ފީފާއިން ހޮވާ ދުނިޔޭގެ ގަދި ތިނެއްގައި ހިމެނިފައިވަނީ މިދިޔަ ދެއަހަރުވެސް މި މަގާމް ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކްރޮއޭޝިޔާއާއެކު ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރި ލޫކަ މޮޑްރިޗާއި މިދިޔަ ސީޒަނުގައި ލިވަޕޫލުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދެއްކި މުހައްމަދު ސަލާހް އެވެ. މި ތިން ކުޅުންތެރިންވަނީ ދާދިފަހުން ޔޫއެފާއިން ހޮވި ޔޫރަޕްގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. ޔޫއެފާއިން ހޮވި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މޮޑްރިޗެވެ.
2016 ވަނަ އަހަރުގެ ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީގެ ފަހަތުން ގްރިޒްމަން އަށް ލިބުނީ ތިންވަނައެވެ. އެފަހަރު ގްރިޒްމަން ގަދަ ތިނެއްގައި ހިމެނުމީ އެއްވެސް ކާމިޔާބީއެއް ނުލިބެއެވެ. 2016 ވަނަ އަހަރު ފްރާންސާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވިއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގައިވެސް ރެއާލް މެޑްރިޑާއި ވާދަކޮށް އެސީޒަނުގައި އެތްލެޓިކޯ މެޑްރިޑް ވަނީ ބަލިވެފައެވެ. ގްރިޒްމަން ބުނީ 2016 ވަނަ އަހަރު ގަދަ ތިނެއްގައި ހިމެނުނުއިރު މިފަހަރު ގަދަ ތިނެއްގައި ނުހިމެނުމުން އިތުރަށް ހޯދާނެ ކާމިޔާބީއެއް އޭނާއަށް ނޭނގޭ ކަމަށެވެ.
“2016 ވަނަ އަހަރާ އަޅާކިޔާއިރު، އަހަރެން ތިން ފައިނަލުން ބަލިވި އެކަމު މިފަހަރު އަހަރެން ތިން ފައިނަލް ކާމިޔާބު ކޮށްފިން. އަހަރެން ހިތަށްއަރާ ދެން އިތުރަށް ކޮންކަމެއްތޯ ކުރެވޭނީ. ތިން ތަށި ހޯދާފަ މުހިއްމު ވަގުތުތަކުގައި ޓީމު ސަލާމަތް ކޮށްދިނިން. އެކަމު ވޯޓު ލަނީ އަހަންނެއް ނޫން” ގަދަ ތިނެއްގައި ނުހިމެނުމުން މާޔޫސްވެފައި ހުރި އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.
ފީފާއިން އިންތިޒާމުކުރާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު ފްރާންސް ކުޅުންތެރިއަކު ނެތުމުން ގްރިޒްމަން ބުނީ އެއީ ވަރަށް ބޮޑު ލަދެއް ކަމަށެވެ.
“ވަރަށް ނުވާ ކަމެއް. އަނެއްކާ އެއީ ލަދެއް. އެއީ ފީފާއިން ދޭ ޓްރޮފީއެއް ނޫންތަ؟. ވޯލްޑް ކަޕްވެސް އިންތިޒާމް ކުރަނީ ފީފާއިން. އަހަރެމެންނަކީ ޗެމްޕިއަނުން. އެކަމު ފްރާންސް ކުޅުންތެރިއަކު ނެތް. އެއީ އެމީހުންގެ ނިންމުން އެކަމު ދުނިޔޭގެ ޗެމްޕިއަނެއް ގަދަ ތިނެއްގައި ނެތުމަކީ ވަރަށް ބޮޑު ސަޕްރައިޒެއް” ކްލަބާއި ގައުމުގައިވެސް މިއަހަރު މޮޅު ކުޅުމެއްދެއްކި ކުޅުންތެރިޔާ ބުންޏެވެ.
Advertisement
Leave a Reply