އަހަރެމެންނަކީ ފޭވަރިޓުންނެއް ނޫން : އިންޑިޔާ ކޯޗް

Advertisement

އަހަރެމެންނަކީ ފޭވަރިޓުންނެއް ނޫން : އިންޑިޔާ ކޯޗް

ޢަބްދުﷲ އަޝްރަފް


އިންޑިޔާ މި ފަހަރުގެ ސާފް ސުޒުކީ ކަޕް ފަށަނީ ފޭވަރިޓުންގެ ގޮތުގައި ނޫންކަމަށާއި، އެކަމަކު މުބާރާތާ ކުރިމަތިލީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށް އިންޑިޔާގެ ގައުމީ ޓީމުގެ ކޯޗް ސްޓެފަން ކޮންސްޓެންޓައިން ބުނެފިއެވެ. އުމުރުން 55 އަހަރުގެ ކޯޗް މިހެން ބުނެފައިވަނީ މުބާރާތުގައި މިއަދު ހަވީރު ސްރީލަންކާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
“އަހަރެން އަބަދުވެސް ބަލަމުން އައީ ޒުވާންކުޅުންތެރިންނަށް ބައިނަލްއަގްވާމީ ތަޖްރިބާ ހޯދައިދެވޭނެ ފުރުސަތަކަށް. މި މުބާރާތަށް 23 އަހަރުން ދަށުގެ ޓީމެއް އަހަރެން ގޮވައިގެންއައި ސަބަބަކީވެސް އެއީ. އެހެން ހުރިހާ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް އަހަރެމެން މިއައީ ތަށި ހޯދަން. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަން ހާސިލްކުރުމަށް ފަހި ފުރުސަތެއް އަހަރެމެންނަށް އެބައޮތް. އެކަމަކު އަހަރެމެން މުބާރާތް ފަށަނީ ފޭވަރިޓުންގެ ގޮތުގައެކޭ ނުބުނާނަން.” އިންޑިޔާގެ ކޯޗް ބުންޏެވެ.
“މުޅި ޓީމު އޮތީ މުބާރާތް ފަށަން ކެތްމަދުވެފަ. އަހަރެން ބުނެލާ ހިތަވޭ ކޮންމެ ކުޅުންތެރިޔަކުވެސް ތިބީ ހަމަ އެވަގުތަށް އިންތިޒާރުކޮށްގެންނޭ. މިއީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ރަގަޅު ތަޖުރިބާއެއް.” އިންޑިޔާގެ ސީނިއާ ޓީމްގެވެސް ހެޑް ކޯޗެއްގެ ގޮތުން މަސައއްކަތްކުރަމުން އަންނަ ކޮންސްޓެންޓައިން ބުންޏެވެ.
އިއްޔެ ފެށި ސާފް ސުޒުކީ ކަޕްގައި އިންޑިޔާ ވާދަކުރަނީ ގްރޫޕް ބީ ގައެވެ. ތިން ޓީމް ހިމެނޭ މި ގްރޫޕްގައި ދެން ވާދަކުރަނީ ރާއްޖެއާއި ސްރީލަންކާއެވެ.
އިންޑިޔާ މި މުބާރާތަށް އައީ އޮސްޓްރޭލިޔާ ގައި 17 ދުވަހުގެ ތަމްރީން ދަތުރެއް ފުރިހަމަ ކުރުމަށްފަހުއެވެ. އޭގެ ކުރިން ޖުލައި މަހުން ފެށިގެން އިންޑިޔާގައި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް އައީ ބާއްވަމުންނެވެ. އޮސްޓްރޭލިޔާގައި އިންޑިޔާ ޓީމް ތަމްރީންތައް ހެދިއިރު ރަހްމަތްތެރިކަމުގެ 3 މެޗް ކުޅެފައިވެއެވެ. މި ތިން މެޗްގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އޮސްޓްރޭލިޔާގެ އެންމެ ޝަރަފްވެރި ލީގް ކަމަށްވާ އޭ ލީގްގެ ތަށި އެންމެ ފަހުން ހޯދި ސިޑްނީ އެފްސީ އާ ވާދަކޮށް ކުޅުނު މެޗެވެ. އެ މެޗް 0-3 އިން ކާމިޔާބުކުރީ ސިޑްނީ އެފްސީ އެވެ.
އިންޑިޔާގެ ކޯޗް ކޮންސްޓެންޓައިން ގަބޫލުކުރާގޮތުގައި އޮސްޓްރޭލިޔާގައި އިންޑިޔާ ޓީމުން ހެދި ތަމްރީންތަކަކީ ވަރަށް ވަރުގަދަ ތަމްރީން ތަކެކެވެ. އަދި ވަކިން ހާއްސަކޮށް ސިޑްނީ އެފްސީ އާ ދެކޮޅަށް އިންޑިޔާއިން ކުޅުނު ރަހްމަތްރެރިކަމުގެ މެޗަކީ ވަރަށް ރަގަޅު ފިލާވަޅުތަކެއް ލިބުނު މެޗެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.
“އޮސްޓްރޭލިޔާގައި ފުރިހަމަކުރި ތަމްރީން ދަތުރުން ވަރަށް ޕޮޒިޓިވް ކަންތައްތަކެއް ފެނުނު. އޭގެ ފައިދާ މި މުބާރާތުގެ ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެމެންނަށް ކުރާނެކަމަށް އުއްމީދުކުރަން.” އިންޑިޔާގެ ކޯޗް ބުންޏެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗްގައި މިއަދު އިންޑިޔާއާ ސްރީލަންކާ ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާލޭ ގަޑިން ހަވީރު 6 ޖަހާއިރު އެވެ. މި މުބާރާތުގައި އިއްޔެ ވަނީ ދެ މެޗް ކުޅެފައެވެ. ފުރަތަމަ މެޗް ނޭޕާލާއި ވާދަކޮށް 1-2 އިން ޕާކިސްތާން ކާމިޔާބުކުރިއިރު ދެވަނަ މެޗް ބޫޓާނާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް ވަނީ ކާމިޔާބުކޮށްފައެވެ. އިންޑިޔާއަކީ އެންމެ ފަހުން ބޭއްވި ސާފް ސުޒުކީ ކަޕްގެ ތަށި ހޯދި ޓީމުގެ އިތުރުން އެންމެ ގިނަ މުބާރާތް ކާމިޔާބުކުރި ޓީމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *