ސާފް ސުޒުކީ ކަޕް: މިފަހަރު ތަރިންނަށް ވާނީ ކޮންބައެއް؟

Advertisement

ސާފް ސުޒުކީ ކަޕް: މިފަހަރު ތަރިންނަށް ވާނީ ކޮންބައެއް؟

ފަހުމިނެޓް

ދެކުނު އޭޝިޔާގެ ސަރަހައްދީ ފުޓުބޯޅަ މުބާރާތަކީ އަބަދުވެސް މި ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ އީދެވެ. ގޯލްޑް ކަޕްގެ ނަމުގައި 1993 ވަނަ އަހަރު ފެށި މި މުބާރާތުގެ ނަން ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި 2005 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ނަމަވެސް 2015 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ ސުޒުކީ ކުންފުނިން ސްޕޮންސަރ ކުރުމަށްފަހު މުބާރާތުގެ ނަން ސާޕް ސުޒުކީ ކަޕަށް ރީބްރޭންޑް ކުރެވިގެން ދިޔައެވެ.

ސަރަހައްދުގެ ގަދަ ބާރު އިންޑިޔާ ފިޔަވައި ދެން ހިމެނޭ ގައުމުތަކަށް ކުޅެލަން ލިބޭ އެންމެ ބޮޑު މުބާރާތަކަށް ވެސް ވެފައޮންނަނީ މިމުބާރާތެވެ. އެހެންކަމުން ސަރަހައްދީ މި މުބާރާތުގެ ތަށްޓަކީ ކޮންމެ ގައުމަކުންވެސް ކާމިޔާބުކުރަން އެހާމެ ބޭނުންވެފައިވާ ތަށްޓަކަށް ވަނީ ވެފައެވެ. މިހާތަނަށް އިންޑިޔާއިން ހަތް ފަހަރު މުބާރާތް ކާމިޔާބު ކުރިއިރު، ދިވެހިރާއްޖެ، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ސްރީ ލަންކާއިން ވަނީ އެއްފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ.

މިއަހަރުގެ މުބާރާތް މިއަދު ބަންގާޅުގައި ފެށިގެން ދާއިރު މި ބަލާލަނީ މުބާރާތުގައި ވާދަކުރާ ކޮންމެ ގައުމަކުންވެސް އެގައުމުގެ ތަރިއަކަށް ވެގެން ދާނެކަމަށް އެންމެ ބެލެވޭ ކުޅުންތެރިންނަށެވެ.

އިންޑިޔާ – ސުބަޝިޝް ބޯސް

ސުބަޝިޝް ބޯސް

އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާ ތަށި ދިފާއުކުރަން ނުކުންނަ ޓީމުގެ ސުބަޝިޝް ބޯސް އަކީ ނިމިދިޔަ ސީޒަނުގައި ބެންގަލޫރު އެފްސީއިން އިންޑިއަން ސުޕަރ ލީގުގެ ދެވަނަ ހޯދިއިރު އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ވާތްފަޅިން ފަހަތަށް ކުޅޭ އުމުރުން 23 އަހަރުގެ ބޯސް ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށީ މިއަހަރުގެ ޖޫން މަހު އިންޑިޔާއިން ބޭއްވި އެކުވެރިކަމުގެ މުބާރާތެއް ކަމަށްވާ ހީރޯ އިންޓަރކޮންޓިނެންޓަލް ކަޕުގެ ފުރަތަމަ މެޗުގައި ޗައިނީސް ތައިޕޭއާ ދެކޮޅަށެވެ. އިންޑިޔާއިން މިމުބާރާތް ކާމިޔާބުކުރިއިރު ބޯސް ވަނީ ހުރިހާ މެޗެއްގައި ވެސް ފުރަތަމަ އެގާރައިގައި ކުޅެފައެވެ.

ސްރީ ލަންކާ – ސުޖަން ޕެރޭރާ

ސުޖަން

ސުޖަން އަކީ 2015 ވަނަ އަހަރުން ފެށިގެން ދިވެހި ފުޓުބޯޅައިގައި ވަރަށް އާންމު ނަމަކަށް ވަނީ ވެފައެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ކުލަބް އީގަލްސްގެ ޖޯޒީގައި ކުޅެންފެށި ފުރަތަމަ އަހަރުވެސް ދިވެހި ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު އޭނާވަނީ ހޯދާފައެވެ. ޖެހިގެން އައި އަހަރު ލަންކާ ސީނިއާ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އޭނާއާ ހަވާލުކުރީވެސް އޭނާގެ ބުރަ މިންނެތް މަސައްކަތުގެ ސަބަބުންނެވެ. އެގައުމުގެ 23 އަހަރުން ދަށުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ 26 އަހަރުގެ ސުޖަން އަކީ މިހާރު ކުލަބް އީގަލްސްގެވެސް ކެޕްޓަނެވެ.

ޕާކިސްތާން – މުހައްމަދު އާދިލް

މުހައްމަދު އާދިލް

ގައުމުން ބޭރު ލީގުތަކުގައި ކުޅޭ ނިސްބަތުން ގިނަ ކުޅުންތެރިންތަކެއް ތިބި ޕާކިސްތާން ޓީމުގައި މިފަހަރު ކުޅޭ އެންމެ އުންމީދީ އެއް ކުޅުންތެރިއަކީ 26 އަހަރުގެ މުހައްމަދު އާދިލް އެވެ. އޮސްޓްރޭލިއާގެ ހަތަރުވަނަ ޑިވިޝަނުގެ ހޯކްސްބެރި ސިޓީ އަށް ކުޅެމުން އަންނަ އާދިލް ވަނީ އޭއެފްސީ ޗެލެންޖް ކަޕް އަދި ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ރަނގަޅު އުންމީދީ ކުޅުމެއް ދައްކާފައެވެ. 2011 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެންފެށި މިޑްފީލްޑަރު މިހާތަނަށް ގައުމީޓީމަށް ވިއްސަށްވުރެ ގިނަ މެޗު ކުޅެދީފައި ވީނަމަވެސް އަދި ގޯލެއް ޖެހޭގޮތް ވަނީ ނުވެފައެވެ. ބަންގްލަދޭޝް އާއި ނޭޕާލް އަދި ބޫޓާނާ އެއް ގުރޫޕެއްގައި ޕާކިސްތާން ވާދަކުރާއިރު މިއީ އާދިލް ތަފާތު ދައްކާލާނޭ ފަހަރަކަށް ވުން ވަރަށްވެސް ގާތެވެ.

ބަންގްލަދޭޝް – މަހްބުބުރް ރަހްމާން ސުފިލް

މަހްބުބުރް ރަހްމާން ސުފިލް

އުމުރުން އެންމެ 18 އަހަރުގެ ސުފިލް އަކީ ބަންގްލަދޭޝްގެ ސްކޮޑުގައި ހިމަނާފައިވާ އެންމެ ހަގު ކުޅުންތެރިޔާއެވެ. މިއަހަރު ލާއޯސް އާދެކޮޅަށް އެޓީމުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 2-1 އިން ބަލިވާން ދަނިކޮށް ދެވަނަ ހާފުގައި ކުޅެން އަރާ، ޓީމު ބަލިނުވެ ސަލާމަތްވީ މެޗު ނިމެނިކޮށް ސުފިލް ޖަހައިދިން ގޯލުންނެވެ. މިއީ އޭނާ ސީނިއާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުވެސް މެއެވެ. ސުފިލް އަކީ ބަންގްލަދޭޝްގެ 18 އަހަރުން ދަށާއި 19 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ. މިއަހަރު އޮތް އޭޝިއަން ގޭމްސްގައި ވާދަކުރި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުގައި ވެސް އޭނާވަނީ މޮޅަށް ކުޅެ، ގޯލެއް ޖަހާދީފައެވެ. އަމިއްލަ ގައުމުގައި މިއަދު ފެށޭ ސާފް ސުޒުކީ ކަޕުގައި ބަންގާޅުން ބޭނުންކުރާނޭ އެންމެ މުހިއްމު ހަތިޔާރަކީ މި ޒުވާން ފޯވަޑް ކަމަށް ވުމަކީވެސް އެކަށީގެން ވާކަމެކެވެ.

ނޭޕާލް – ބީމާލް ގަތްރީ މަގަރް

ބީމާލް ގަތްރީ މަގަރް

އުމުރުން އެންމެ 14 އަހަރުގައި ނޭޕާލްގެ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށި ބީމާލް ގަތްރީ އަކީ އެގައުމުގެ ފުޓުބޯޅައަށް ލިބިހުރި ޖަވާހިރެކެވެ. މިހާރު އުމުރުން 20 އަހަރު ވެފައިވާ މި ކުޅުންތެރިޔާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 26 މެޗު ކުޅެ، 6 ގޯލުވެސް ޖަހާދީފައެވެ. 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި އޭނާ ވަނީ މި މުބާރާތުގެ ދެ ރެކޯޑެއް ހަދާފައެވެ. އުމުރުން 15 އަހަރުގައި އޭނާ ވެފައި ވަނީ ސާފް ޗެމްޕިއަންޝިޕެއްގައި ކުޅެ، އަދި ގޯލެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ނެދަލޭންޑްސް އާއި ބެލްޖިއަމްގެ މަޝްހޫރު އެކަޑަމީތަކުން ގިނަ ތަމްރީނުތަކެއް ހަދާފައިވާ ފޯވަޑް ވަނީ މީގެކުރިން އިންޑިޔާގެ އައި-ލީގުގައި ވެސް ކުޅެފައެވެ.

ބޫޓާން – ޗެންޗޯ ގެޔެސްޓެން

ޗެންޗޯ

ބޫޓާންގެ ރޮނާލްޑޯގެ ނަމުން މަޝްހޫރުވެފައިވާ ޗެންޗޯގެ މިއަހަރުގެ އަމާޒަކީ ސާފް ސުޒުކީ ކަޕްގެ ފައިނަލެވެ. މިދިޔަ ސީޒަނުގައި އިންޑިޔާގެ މިނެރުވާ ޕަންޖާބާއެކު އައި-ލީގު ކާމިޔާބުކުރުމަށްފަހު މިސީޒަނަށް ބެންގަލޫރު އެފްސީއާ ގުޅިފައިވާ 22 އަހަރުގެ ފޯވަޑަކީ އޭނާގެ ހަލުވި ސްޕީޑުގައި އިދިކޮޅު ޓީމުގެ ޑިފެންސް ފޫއަޅުވާލުމުގައި ކުޅަދާނަ ކުޅުންތެރިއެކެވެ. މިހާތަނަށް ސީނިއާ ގައުމީ ޓީމަށް 10 ގޯލު ޖަހާދީފައިވާ ޗެންޗޯ ވަނީ ބޫޓާނާއި އިންޑިޔާގެ އިތުރުން ބަންގްލަދޭޝް އަދި ތައިލޭންޑް ލީގުގައި ވެސް އޭނާގެ ޖާދޫ ދައްކާލައިފައެވެ.

ދިވެހި ރާއްޖެ – ނާއިޒް ހަސަން

ދާދު. – ފޮޓޯ: މިހާރު/ނިޝާން

ގޯލުޖެހުމުގެ ދަތިތަކެއް ކުރިމަތިވެފައިވާ ރާއްޖޭގެ ޓީމުގައި އެންމެ ކުރީގައި ނަގާކިޔަން ހުންނާނެ އެކަކަނީ އުމުރުން 22 އަހަރުގެ ނާއިޒް ހަސަން ނުވަތަ އާންމު ނަމުންނަމަ ދާދު އެވެ. މިކަން އޭނާ އެންމެ ފަހުން ސާބިތު ކޮށްދިނީ ދިވެހިރާއްޖެ އޭޝިއަން ކަޕް ކޮލިފައިންގެ އެންމެ ފަހުމެޗުގައި އޭނާ ބޫޓާން ކޮޅަށް ޖެހި 4 ގޯލާއެކު އެވެ. ސާފް ސުޒުކީ ކަޕްގައި 2015 ވަނަ އަހަރު ބަންގްލަދޭޝް ކޮޅަށް ޖެހި މޮޅު ގޯލުން ބައިނަލްއަގްވާމީ ފުޓްބޯޅަ އަށް ތައާރަފްވި ދާދު ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ އަހަރުވެސް ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *