ފީފާ އެވޯޑަށްވެސް މެސީ ނޮމިނޭޓެއް ނުވި

Advertisement

ފީފާ އެވޯޑަށްވެސް މެސީ ނޮމިނޭޓެއް ނުވި

ޢަބްދުﷲ އަޝްރަފް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފިއެވެ. 2016 ވަނަ އަހަރުން ފެށިގެން އެ އިދާރާއިން ހޮވަމުން އަންނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް މިފަހަރު ނޮމިނޭޓްވި ތިން ކުޅުންތެރިންނަކީ ޕޯޗްގަލްއާ ޔުވެންޓަސް ގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، މިސްރާއި ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާޙް ގެ އިތުރުން ކްރޮއޭޝިޔާއާ އަދި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ލޫކަ މޮޑްރިޗެވެ.

މި ފަހަރުގެ ނޮމިނޭޝަންއާއެކު އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއް ކަމަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮން ޑިއޯ އެވޯޑް ފަސް ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ލިސްޓްގައި ނުހިމެނުމެވެ. ޔޫއެފާއިން މިއަހަރު ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރި ތިން ކުޅުންތެރިންގެ ތެރޭގައިވެސް މެސީ ނުހިމެނެއެވެ. ފީފާގެ އެވޯޑަށްވެސް ވާދަކުރާ ތިން ކުޅުންތެރިން ނޮމިނޭޓްވި ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ މޮޑްރިޗެވެ.

ފީފާގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން. މިއީ 2006 ވަނަ އަހަރުގެ ފަހުން މިފަދަ އެވޯޑަކަށް މެސީ ނޮމިނޭޓް ނުވާ ފުރަތަމަ ފަހަރު

މިފަހަރުގެ ފީފާ އެވޯޑަށް ވާދަކުރާ ރޮނާލްޑޯއަކީ މިހާތަނަށް މި އެވޯޑް ހާސިލްކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ. ރޮނާލްޑޯ ވަނީ މި ދިޔަ ސީޒަންގައި ރެއާލް މެޑްރިޑާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި ހޯދައިފައެވެ. ނިމިގެންދިޔަ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މޮޑްރިޗް ވަނީ އެ މުބާރާތުގެ ފައިނަލަށް ކްރޮއޭޝިޔާ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޞަލާޙް ވަނީ މިދިޔަ ސީޒަންގައި ލިވަޕޫލަށް 44 ގޯލް ޖަހައިދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދީފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިބުނު އަނިޔާއާއެކު ވޯލްޑް ކަޕްގައި ސަލާހުގެ ވިދުން ފަނޑުވިއިރު މިސްރު ޓީމު މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ފީފާ އިން ދޭ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް އެންމެ ފުރަތަމަ ހޮވަނީ ދިހަ ނަމެކެވެ. އެ ނަންތައް ހޮވަނީ ފީފާއިން ކަނޑައަޅާ ލެޖެންޑުންނާއި، ތަޖްރިބާކާރުންގެ ޓީމަކުންނެވެ. އެއަށްފަހު މި ދިހަ ނަމަށް ވޯޓް ދޭނީ ގައުމީ ޓީމްތަކުގެ ކެޕްޓަނުންނާއި، ކޯޗުންގެ އިތުރުން ފީފާއިން ހޮވާ ނޫސްވެރިންނާއި، ސަޕޯޓަރުން ހިމެނޭ ޕެނަލަކުންނެވެ. މިއިން ކޮންމެ ބަޔަކު ކުޅުންތެރިޔާއަށް ދޭ މާކްސްގެ ފަންސަވީސް އިން ސައްތަ ހިއްސާކުރާނެއެވެ. މިއަހަރު ފީފާ އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިބޭ ފަރާތް އިއުލާންކުރުން އޮންނާނީ މި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގެ ރޯޔަލް ފެސްޓިވަލް ހޯލްގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *