ރޮނާލްޑޯގެ ދަރިފުޅު ފުރަތަމަ މެޗުގައިވެސް ވިދާލައިފި
މި ސީޒަނަށް ޔުވެންޓަސް އަށް ބަދަލުވުމަށްފަހު ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގޯލެއް ޖެހިފައި ނުވިނަމަވެސް އޭނާގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ އެ ކްލަބުގެ ޔޫތް ޓީމުގައި ވިދާލައިފިއެވެ. ޕްރޮފެޝަނަލް ތަމްރީނުތައް ފުރަތަމަ ފަހަރަށް ޔުވެންޓަސްގެ ޔޫތު އެކަޑަމީގައި ހޯދަން ފެށި ކްރިސްޓިއާނޯ ޖޫނިއާ ވަނީ ނުވަ އަހަރުން ދަށުގެ ޔޫތް ޓީމު ކުޅުނު ފުރަތަމަ މެޗުގައިވެސް ހަތަރު ގޯލް ޖަހާފައެވެ. ޔޫތް ޓީމުގައި ރޮނާލްޑޯގެ ދަރިފުޅު ބޭނުންކުރަނީ ބައްޕަގެ މަޝްހޫރު 7 ނަންބަރު ޖޯޒީ އެވެ.
ޔުވެންޓަސްގެ ނުވަ އަހަރުން ދަށުގެ ޓީމާއި ލުސެންޓޯގެ ނުވަ އަހަރުން ދަށުގެ ޓީމު ވާދަކުރި މެޗުގައި ކްރިސްޓިއާނޯ ޖޫނިއާ ވަނީ ކޮންމެ ހާފެއްގައި ދެގޯލު ޖަހާފައެވެ. އެމެޗުން ޔުވެންޓަސްގެ ޓީމު މޮޅުވީ 5-1 އިންނެވެ. މި މެޗު ބެލުމަށް ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭސް ވެސް އެތަނުގައި އިންކަމަށް އިޓަލީގެ ރިޕޯޓުތައް ބުނެއެވެ.
އުމުރުން އަށް އަހަރުގެ ކްރިސްޓިއާނޯ ޖޫނިއާ ވަނީ މީގެކުރިން މެޑްރިޑްގައި ކިޔެވި ސްކޫލް ޓީމުގައި ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް މިދިޔަ އޭޕްރީލް މަހު ހޯދާފައެވެ. ރޮނާލްޑޯ ބުނެފައިވަނީ އޭނާއަށް ލިބިފައިވާ ހަތަރު ކުދިންގެ ތެރެއިން ކްރިސްޓިއާނޯ ޖޫނިއާ އަކީ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށާއި، ދަރިފުޅު ވާނީ ހަމަ އޭނާއަށް އަށް ކަމަށެވެ. ސަބަބެއް ކަމަށް ރޮނާލްޑޯ ބުނެފައިވަނީ އޭނާގެ ދަރިފުޅަކީ ބަލިވާން ބޭނުންވާ ކުއްޖެއް ނޫންކަމަށެވެ. ދަރިފުޅަށް ދޭންވާ ހުރިހާ ސަޕޯޓެއްވެސް ދޭނެކަމަށްބުނެ ބައެއް ކަންކަން ދަސްކޮށްދޭން ބޭނުންވާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ޔުވެންޓަސްއަށް ބަދަލުވުމަށްފަހު ރޮނާލްޑޯ އަށް މިހާތަނަށް ގޯލެއް ޖެހިފައި ނުވިނަމަވެސް ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ ސީޒަން ފެށޭނީ އަންނަ ހަފްތާގައި ނިމޭ އިންޓަނޭޝަނަލް ބްރޭކަށް ފަހުގައި ކަމަށާއި އެއަށްފަހު ރޮނާލްޑޯގެ ގޯލުތައް ފެންނާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
އެންމެ ފަހުން ޕާމާއާ ކުޅުނު މެޗުގައި މޮޅުވި ލަނޑު ޖެހި ބްލައިސް މަޓުއީޑީ ބުނީ ރޮނާލްޑް އެމެޗުގައި ވަރަށް މޮޅަށް ކުޅުނު ކަމަށާއި ނަސީބު ދެރަކަމުން ގޯލެއް ނުޖެހުނީ ކަމަށެވެ.
“ރޮނާލްޑޯ ބޭނުންވޭ ލަނޑު ޖަހަން. އެކަމަށް އަހަރެމެން އެހީތެރިކަން ފޯރުކޮށްދޭނަން. ރޮނާލްޑޯ އަކީ މި ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް” މެޗަށްފަހު ރޮނާލްޑޯއާ ގުޅޭގޮތުން މަޓުއީޑީ ބުންޏެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު މިމަހުގެ 16 ވަނަ ދުވަހު ލީގުގައި ޔުވެންޓަސް ދެން ނުކުންނާނީ ސަސޮލޫއާ ދެކޮޅަށެވެ. އެކުވެރިކަމުގެ މެޗުތަކަށް ޕޯޗުގަލް މިހާރު ތައްޔާރުވަމުންދާއިރު ޔުވެންޓަސް އަށް ވަގުތު ދިނުމުގެ ގޮތުން ރޮނާލްޑޯގެ އެދުމުގެ މަތިން ޕޯޗުގަލް ޓީމުން އޭނާ ވަނީ ބާކީ ކޮށްފައެވެ.
Advertisement
Leave a Reply