ބޮޑު މޮޅަކާއެކު ބާސެލޯނާ އެއްވަނަ އަށް
ސްޕެނިޝް ލަލީގާއަށް އަލަށް ޕްރޮމޯޓްވި ހުއެސްކާ އާ ވާދަކުރި މެޗު 8-2 އިން ކާމިޔާބުކޮށް ލަނޑުގެ ތަފާތުން ބާސެލޯނާ ލީގުގެ އެއްވަނައަށް އަރައިފިއެވެ. ލީގުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އެއްވަނައިގައި އޮތީ ރެއާލަށްވުރެ ފައިދާ ދެގޯލު އިތުރުވުމުންނެވެ. ފައިދާ ގޯލު އިތުރުވި ނަމަވެސް ރެއާލް އާއި ބާސެލޯނާ ވާދަކުރާ މެޗަށްފަހު ދެޓީމު ރޭންކު ކުރެވޭނީ ހެޑް ޓު ހެޑަށް ބެލުމަށްފަހު އެވެ.
ރޭގެ މެޗުގައި ތިންވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖެހީ ހުއެސްކާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ކްލަބް ވެޓްފޯޑުން ލޯނެއްގެ ގޮތުގައި ހުއެސްކާއަށް ބަދަލުވި ކަމިލޯ ހެނާންޑޭޒް އެވެ. މި ލަނޑުން ބާސާއަށް ސިހުން ގެނުވި ނަމަވެސް އެޓީމުގެ ތަރިންގެ ލަނޑުތަކުން މެޗުގެ ނަތީޖާ ވަނީ އަނބުރާލާފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-2 އިން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. ބާސެލޯނާގެ ތިންލަނޑުގެ ތެރެއިން ދެވަނަ ލަނޑަކީ ހުއެސްކާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ލިއޮނެލް މެސީ ޖެހިއިރު ތިންވަނަ ލަނޑު 39 ވަނަ މިނެޓުގައި ޖެހީ ލުއިސް ސުއަރޭޒް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުއެސްކާއިން ވަނީ އިތުރު ގޯލެއްޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސާއިން ވަނީ އިތުރު ފަސްގޯލު ޖަހާފައެވެ. ދެވަނަ ހާފުގައިވެސް ސުއަރޭޒް އާއި މެސީ ގޯލް ޖެހިއިރު އަނެއް ތިން ގޯލު ޖެހީ އިވާން ރަކިޓިޗާއި އެންމެ ފަހުން ސްޕެއިން ޓީމަށް ނެގި ސްކޮޑުން ބާކީވި ޖޯޑީ އަލްބާ އާއި އޮސްމާނޭ ޑެމްބެލޭ އެވެ. މި މެޗުގައި ސުއަރޭޒް އިތުރު ވަގުތުގައި އަށްވަނަ ލަނޑު ޖެހީ އޭނާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިބުމުން ސުއަރޭޒް ފުރަތަމަ ބޯޅަ ދިނީ ހެޓްރިކް ފުރިހަމަ ކުރެވެން އޮތް މެސީއަށެވެ. ނަމަވެސް މެސީ އެބޯޅަ އަނބުރާ ސުއަރޭޒްއަށް ދިނުމުން ޕެނަލްޓީ ވައްދާލީ ސުއަރޭޒް އެވެ.
15/2014 ވަނަ އަހަރުގެ ސީޒަނުގައިވެސް ބާސެލޯނާއާ ހުއެސްކާ ވަނީ ކޮޕަޑެލްރޭގައި ވާދަކޮށްފައެވެ. ބާސެލޯނާ ދަނޑުގައި ކުޅުނު އެމެޗުން ހުއެސްކާ ބަލިވީ 8-1 އިންނެވެ.
Advertisement
Leave a Reply