ބޫޓާންގެ ރޮނާލްޑޯ: މިފަހަރުގެ ޓާގެޓަކަށް ހެދީ ފައިނަލް

Advertisement

ބޫޓާންގެ ރޮނާލްޑޯ: މިފަހަރުގެ ޓާގެޓަކަށް ހެދީ ފައިނަލް

ޢަބްދުﷲ އަޝްރަފް

ބޫޓާން ގެ ގައުމީ ފުޓްބޯޅަ ޓީމުގެ އިތުބާރު ފޯވާޑް ޗެންޗޯ ގިއެލްޝަން ގެ އުއްމީދަކީ ބަންގްލަދޭޝްގައި މާދަމާ ފަށާ ސާފް ސުޒުކީ ކަޕްގެ ފައިނަލަށް ދަތުރުކުރުންކަމަށް އޭނާ ބުނެފިއެވެ. ޗެންޗޯ އަކީ ބޫޓާންގެ ގައުމީ ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިންނާ ހިލާފަށް މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ ބޮޑެތި ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ބަންގްލަދޭޝް އާއި އިންޑިޔާގެ ބައެއް ކްލަބްތަކަށް ކުޅެ ހޯދައިފައިވާ ތަޖުރިބާގެ ސަބަބުން ބޫޓާން ޓީމް ފައިނަލާ ހަމައަށް ގެންގޮސްދިނުމަށް ޗެންޗޯއަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަމަށް އޭނާ ގަބޫލުކުރެވެއެވެ.

“މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި އަހަރެންނަށް ވަނީ މި ސަރަހައްދުގެ ގިނަ ޓީމްތަކަކަށް ކުޅެ ތަޖްރިބާތަކެއް ލިބިފަ. އެހެންވީމަ އަހަރެން ގަބޫލުކުރަނީ އެ ތަޖްރިބާގެ ބޭނުންކޮށްގެން ކުޅުންތެރިންނަށް ގައިޑް ކޮށްދެވޭނެކަމަށް. އަދި އިތުރަށް މަސައްކަތްކުރުމަށާއި، ޓީމެއްގެ ގޮތުގައި އަމާޒަށް ވާސިލްވާން މަސައްކަތްކުރުމަށް އަހަރެންނަށް ބާރެއް އަޅައިދެވޭނެ ކަމަށް” ޗެންޗޯ ބުނެފައިވެއެވެ.

“މިތަނުގައި (ޗިޓަގޮންގައި) މުބާރާތް އޮތުމަކީ އަހަރެންނަށް ލިބޭ އެޑްވާންޓޭޖެއް. އަހަރެންނަށް އެނގޭ ގާތްގަނޑަކަށް ބަންގްލަދޭޝްގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް. އެމީހުންގެ ކުޅުމުގެ ވައްޓަފާޅި އަހަރެންނަށް އެނގޭ. މި ސްޓޭޑިއަމްގައި އަހަރެން ވަރަށް ގިނަ މެޗްތައް ކާމިޔާބުވެސް ކުރިން. މިއީ ހައްތަހާވެސް އަހަރެންނަށް ފައިދާ ވާނެ ކަންކަން” ބޫޓާންގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ބުންޏެވެ.

ޗެންޗޯ ވަނީ 2016 ވަނަ އަހަރު ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗެއްގައި ބޫޓާނުން ބަންގްލަދޭޝް ބަލިކުރިއިރު ދެ ގޯލް ބަންގްލަދޭޝް ކޮޅަށް ވައްދާލައިފައެވެ. ކަން އެހެން އޮތަސް ޗެންޗޯ ގަބޫލުކުރާގޮތުގައި ގްރޫޕް އޭ ގެ ފޭވަރިޓަކީ ބަންގްލަދޭޝް އެވެ. ބޫޓާނާއި ބަންގްލަދޭޝްގެ އިތުރުން ގްރޫޕް އޭ ގައި ދެން ހިމެނެނީ ނޭޕާލާއި ޕާކިސްތާނެވެ.

“ބަންގްލަދޭޝްއާ ދެކޮޅަށް އަހަރެމެން ކުޅޭ މެޗަކީ ކުޅިބަލާ މީހުންނަށް ވަރަށް ޝައުގުވެރި މެޗަކަށް ވާނެ. މީގެ ކުރިން އަހަރެމެން ވަނީ ބަންގްލަދޭޝް އަތުން މޮޅުވެފަ. އެކަމަކު އަހަރެމެން ބަންގްލަދޭޝް އަންޑައެސްޓިމޭޓެއް ނުކުރަން. އެ ޓީމުގަ ވަރަށް ގިނަ އާ ކުޅުންތެރިން އެބަތިބި. ފުޓްބޯޅައިގައި އިދިކޮޅު ޓީމް އަންޑައެސްޓިމޭޓްކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. އަހަރެމެން ރެފްރީގެ އެންމެ ފަހު ކަށިގަނޑާ ހަމަޔަށް މަސައްކަތްކުރާނީ މޮޅުވާން” ޗެންޗޯ ބުންޏެވެ.

ޗެންޗޯއަށް ލިބިފައިވާ ވަރުގެ މަޝްހޫރުކަމެއް އަދި މިވީހާތަނަށް އެ ގައުމުގެ އެހެން ފުޓްބޯޅަ ކުޅުންތެރިޔަކަށް ލިބިފައެއް ނުވެއެވެ. ސަބަބެއް ކަމުގައި ބެލެވިފައިވަނީ އޭނާގެ ގޯލް ޖެހުމުގެ ކުޅަދާނަކަމާއި، ބޫޓާން ލީގުން ބޭރުގައި އޭނާ ކުޅެމުން ދިއުމެވެ. ޗެންޗޯ ވަނީ 2016 ވަނަ އަހަރުގެ ސީޒަންގައި ބަންގްލަދޭޝްގެ ޕްރިމިއަރ ލީގްގައި ޗިޓަގޮން އަބަހާނީ އަށް ކުޅެދިން ހަތް މެޗްގައި ފަސް ގޯލް ޖަހައި ލީގް ގެ ދެވަނަ އެޓީމަށް ހޯދައިދިނުމަށް އެހީތެރިވެދީފައެވެ. އޭގެ ފަހުން އިންޑިޔަން ފުޓްބޯލް ލީގް ގެ ޓީމެއް ކަމަށްވާ މިނާވާ ޕަންޖާބަށް ކުޅެ އެ ޓީމަށް ލީގް ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިވަގުތު  ޗެންޗޯ ކުޅެމުން އަންނަނީ އިންޑިޔާގެ ސުޕަ ލީގުގައި ކުޅޭ މަޝްހޫރު ބެންގަލޫރު އެފްސީ އަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *