ސުޒުކީ ކަޕް: ބަންގްލަދޭޝްގެ ކޯޗުގެ ފޭވަރިޓުންގެ ލިސްޓުގައި ރާއްޖެ

Advertisement

ސުޒުކީ ކަޕް: ބަންގްލަދޭޝްގެ ކޯޗުގެ ފޭވަރިޓުންގެ ލިސްޓުގައި ރާއްޖެ

ޢަލީ ޝަހީމް

އަންގާރަ ދުވަހު ފަށާ ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނެނީ ރާއްޖެ އާއި އިންޑިޔާގެ އިތުރުން ޕާކިސްތާން ކަމަށް ބަންގްލަދޭޝްގެ ކޯޗު ޖެމީ ޑޭ ބުނެފިއެވެ. ކުޅިވަރު ވެބްސައިޓް މޯލްޑިވްސް ސޮކާއަށް ޖެމީ ޑޭ ދިން އިންޓަވިއުއެއްގައި ބުނީ ބަންގްލަދޭޝްއަށްވުރެ މަތީ ފެންވަރުގެ ގައުމުތައް އޮތުމުން އޭނާގެ ޓީމަށްވުރެ ބޮޑަށް އެޓީމުތަކަށް ފުރުސަތު ބޮޑުކަމަށެވެ.

“އަހަރެންގެ އަމިއްލަ ވިސްނުމުގަ ބުނާނަމަ އިންޑިޔާއާ ދިވެހި ރާއްޖެ އެ ގްރޫޕުން ދާނެ. ޕާކިސްތާންވެސް ވަރުގަދަ. އެމީހުނަށް ލިބިފަ ހުރީ ރަނގަޅު ކޯޗެއް އަދި އެމީހުންގެ ތެރޭގައި ޔޫރަޕްގައި ކުޅޭ ކުޅުންތެރިންވެސް ހިމެނޭ. އެހެންވީމަ ތިން ޓީމު އެބައޮތް ސެމީ ފައިނަލުގެ ޖާގަ ހޯދާނެ. ދެން އޮތް ޖާގައަށް އެހެން ޓީމުތައް ޖެހޭނީ މަސައްކަތް ކުރަން” ކުރިން އިނގިރޭސި ވިލާތުގެ އާސެނަލަށްވެސް ކުޅުނު ޖެމީ ޑޭ ބުންޏެވެ.

Advertisement

އިއްޔެ ނިމުނު އޭޝިއަން ގޭމްސް ފުޓްބޯޅަ އިވެންޓުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ގޮވައިގެން ދެވަނަ ބުރަށް ދަތުރުކުރި ކޯޗު އިތުރަށް ބުނީ އެޓީމުގެ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުން ކަމަށެވެ. އޭޝިއަން ގޭމްސްގައި ބަންގްލަދޭޝްގެ ޒުވާން ޓީމު ވަނީ ގަތަރު ބަލިކޮށް ތައިލެންޑާއި އެއްވަރު ކޮށްފައެވެ. އޭޝިއަން ގޭމްސްއިން އެޓީމު ކެޓީ ދެވަނަ ބުރުގައި އުތުރު ކޮރެއާއާ ވާދަކޮށް 3-1 އިން ބަލިވުމުންނެވެ. އޭޝިއަން ގޭމްސްއަށްފަހު ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން މީގެ ދެދުވަސް ކުރިން އެޓީމު ވަނީ ސްރީ ލަންކާއާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. ތިރީސް ހާސް އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު އެމެޗުން ބަންގްލަދޭޝް ބަލިވީ 1-0 އިންނެވެ. އަމިއްލަ ގައުމުގަ މުބާރާތް ކުޅޭއިރު ބަންގްލަދޭޝް ވާދަކުރަން ޖެހޭނީ ޕާކިސްތާނާއި ބޫޓާންގެ އިތުރުން ނޭޕާލް އާއެވެ. ޑޭ ބުނީ އިދިކޮޅު ޓީމުތަކާ ރަނގަޅު ވާދައެއް ކުރެވޭނެ ޓީމެއް ބަންގްލަދޭޝްގައި އެބައޮތް ކަމަށެވެ.

ލަންކާ މެޗުގައި ބަންގްލަދޭޝް ޓީމަށް ލިބުނު ސަޕޯޓާއި ގުޅިގެން ހިތްހަމަ ޖެހިފައިހުރި ކޯޗު ބުނީ އޭގެ ސަބަބުން ކުޅުންތެރިންގެ ހިތްވަރު އިތުރުވެފައިވާކަމަށެވެ.

“ލަންކާ މެޗަކީ އަހަރެން ޓީމު ގޮވައިގެން ކުޅުނު އެންމެ ރަނގަޅު މެޗު.  ތިރީސް ހާހަށްވުރެ ގިނަ ސަޕޯޓަރުން އެދުވަހު ދަނޑުގަ ތިބި. ދިހަ ވަރަކަށް ހާސް މީހުނަށް ދަނޑަށް ނުވަދެވިފައި ތިބި. އެގޮތަށް ޓީމަށް ސަޕޯޓް ދޭނަމަ އަހަރެމެނަށް އެމީހުން އުފާކޮށްދެވޭނެ” ރަހްމަތްތެރިކަމުގެ މެޗުގައި ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރު ފާހަގަ ކުރަމުން ޖެމީ ޑޭ ބުންޏެވެ.

ބަންގްލަދޭޝްގެ ކޯޗުގެ ލިސްޓުގައި އިންޑިޔާއާއި ރާއްޖެ އަދި ޕާކިސްތާން ފޭވަރިޓުންގެ ގޮތުގައި ބުނެފައިވާއިރު އިންޑިޔާ ވަނީ މި މުބާރާތް 7 ފަހަރު ކާމިޔާބު ކޮށްފައެވެ. ރާއްޖެއިން މި މުބާރާތް 2008 ވަނަ އަހަރު ކާމިޔާބު ކުރިއިރު ޕާކިސްތާނަކީ މި މުބާރާތުގެ ތަށި މިހާތަނަށް ހޯދިފައިވާ ގައުމެއް ނޫނެވެ. އެޓީމަށް މިހާތަނަށް މުބާރާތުގެ ފައިނަލަށްވެސް ދަތުރު ކުރެވިފައި ނުވާއިރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1997 ވަނަ އަހަރުގެ ތިންވަނަ އެވެ.

ސާފް ސުޒުކީ ކަޕް އަންގާރަ ދުވަހު ފަށާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން އެދުވަހު 15:00 ގައި ޕާކިސްތާނާއި ދެކޮޅަށް ނުކުންނާނީ ނޭޕާލް އެވެ. އެދުވަހުގެ 18:00 ގައި ކުޅޭ މެޗުގައި މުބާރާތް ބާއްވާ ބަންގްލަދޭޝް ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *