ރޮނާލްޑޯ އެންމެ ގިނަ ހަމަލާ އުފެއްދިޔަސް ލަނޑު ލިސްޓުން ޖާގައެއް ނެތް

Advertisement

ރޮނާލްޑޯ އެންމެ ގިނަ ހަމަލާ އުފެއްދިޔަސް ލަނޑު ލިސްޓުން ޖާގައެއް ނެތް

ޢަލީ ޝަހީމް

އިޓަލީ ލީގުގައި ރޭ ޕާމާއާ ވާދަކޮށް 2-1 އިން ޔުވެންޓަސް މޮޅުވިޔަސް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑެއް ނުޖެހުމުން މީޑިޔާގައި އަނެއްކާވެސް އެވާހަކަ އިތުރަށް ގަދަވެއްޖެއެވެ. ލީގުގައި ރޭ ކުޅުނު މެޗުގައިވެސް ރޮނާލްޑޯ ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް ލަނޑެއް ވައްދާލެވޭ ގޮތެއް ނުވިއެވެ. ރޭގެ މެޗުގައި ދެވަނަ މިނެޓުގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖެހީ މާރިއޯ މަންޒުކިޗް އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕާމާ އަށް އެއްވަރު ކޮށްދިނީ ކުރިން އާސެނަލަށް ކުޅުނު ޖާވީނިއޯ އެވެ. މެޗުގައި ޔުވެންޓަސް މޮޅުވި ލަނޑު 58 ވަނަ މިނެޓުގައި ޖަހައިދިނީ ބްލައިސް މަޓުއިޑީ އެވެ. މި މޮޅާއެކު ކުޅުނު ތިންމެޗުންވެސް މޮޅުވެ ޔުވެންޓެސް އޮތީ ލީގުގެ އެއްވަނައިގައެވެ.

މި ސީޒަނުގައި ޔޫރަޕްގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނައިން ހަމަލާ އުފައްދައި ލަނޑެއް ނުޖެހޭ ކުޅުންތެރިންގެ ލިސްޓުގައި ރޮނާލްޑޯ އުޅެނީ އެއްވަނައިގައެވެ. ލީގުގައި ކުޅުނު ތިންމެޗުގައި ރޮނާލްޑޯ ވަނީ މިހާތަނަށް 23 ހަމަލާ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. ލިސްޓުގެ ދެވަނައިގައި އުޅޭ ފްރާންސް ލީގުގެ ނަންޓެސް އަށް ކުޅޭ ވެލެންޓިން ރޮހިއޭ ވަނީ ލަނޑެއް ނުޖެހި މިހާތަނަށް 15 ހަމަލާ އުފައްދާފައެވެ. ލިސްޓުގެ ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ކްރިސްޓަލް ޕެލޭސްއަށް ކުޅޭ ކްރިސްޓިއަން ބެންޓެކޭ އާއި ޓޯލޫސްގެ ފޯވާޑް އެންޑީ ޑެލޯގެ އިތުރުން ލިޔޯންގެ ތަރި ނަބިލް ފެކީރް އެވެ.

Advertisement

ޔުވެންޓަސްގައި ރޮނާލްޑޯއަށް މިހާތަނަށް ލަނޑެއް ޖެހިފައި ނުވާއިރު މިދިޔަސް ސީޒަނުގައިވެސް ކުރީކޮޅު ރެއާލް މެޑްރިޑްގައި ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ރެކޯޑް ފެނުނީ ދަށްކޮށެވެ. ނަމަވެސް ރަނގަޅު ފޯމަކަށް އެޅުމަށްފަހު ރޮނާލްޑޯ ވަނީ ލީގުގައި ކުޅުނު 27 މެޗުގައި 26 ލަނޑު މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ޖަހައިދީފައެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައިވެސް 15 ގޯލާއެކު ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ރޮނާލްޑޯ އެވެ. ފުރަތަމަ ތިން މެޗުގައި ރޮނާލްޑޯގެ ފަރާތުން ޔުވެންޓަސްއަށް ގޯލެއް ޖަހައި ނުދެވުނަސް އެޓީމުން އުއްމީދު ކުރަނީ ވަރަށް އަވަހަށް ރޮނާލްޑޯގެ ލަނޑުތަކުގެ ފައިދާ އެޓީމަށް ކުރާނެކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *