ޗެލްސީއާ ލިވަޕޫލުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއަރ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީއާ ލިވަޕޫލުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ. ރާއްޖެ ގަޑިން އިއްޔެ ހަވީރު 4:30 ގައި ފެށި މެޗުގައި ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި ލެސްޓަރ ސިޓީއާ ވާދަކޮށް 2-1 އިންނެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ބޯންމައުތް އަތުން ޗެލްސީ މޮޅުވީ 2-0 އިންނެވެ.
މި މޮޅާއެކު ޗެލްސީ އަދި ލިވަޕޫލްވެސް ވަނީ ކުޅުނު ފުރަތަމަ ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހަމަކޮށްފައެވެ. ފައިދާ އެއްގޯލު އިތުރަށް ހޯދައިގެން ތާވަލުގެ އެއްވަނައިގައި އޮތީ ލިވަޕޫލެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރީހުގައި ފުރަތަމަ ހަތަރުން މެޗުން ލިވަޕޫލް މޮޅުވި ފުރަތަމަ ސީޒަނެވެ.
ލިވަޕޫލާ ލެސްޓާ ބައްދަލުކުރި މެޗުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ކުޑަ އިރުކޮޅެއްތެރޭ ޖަހައިދިނީ ސަދިއޯ މާނޭ އެވެ. އޭގެ ކުރިން މިދިޔަ ސީޒަނުގެ އެންމެ ގިނަ ގޯލް ޖެހި މުހައްމަދު ސަލާހަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެޗުގައި މޮޅަށް ކުޅުނު ލިވަޕޫލުން މެޗުގެ ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ރޮބާޓޯ ފިރްމީނޯ އެވެ. ޖޭމްސް މިލްނާގެ އެހީތެރިވެދިން މި ގޯލަކީ އޭނާ ޕްރިމިއަރ ލީގުގައި ހެދި 80 ވަނަ އެސިސްޓެވެ.
ފުރަތަމަ ހާފުގައި ނެގި ލީޑާއެކު ފަސޭހަ ކަމާއެކު ލިވަޕޫލް މެޗުން މޮޅުވާނެކަމަށް ބެލެވުނަސް ލެސްޓަރ ސިޓީން ވަނީ މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ލިވަޕޫލްގެ ޑިފެންސަށް ބާރު ބޮޑުކޮށްފައެވެ. މެޗުގެ ތެރެއަށް ވަންނަން ލެސްޓާއަށް ފުރުސަތު ލިބުނީ ބޮޑު އަގަކަށް މި ސީޒަނަށް ލިވަޕޫލާ ގުޅުނު ގޯލްކީޕަރ އެލިސަން ބެކާ ހެދި ގޯހެއްގެ ފައިދާ ނަގާ ލެސްޓާގެ ރާޝިދް ގެޒަލް ވައްދާލި ގޯލުންނެވެ. ގެޒަލް މި ގޯލު ޖެހީ އެލިސަން އަތުގައި އޮތް ބޯޅައެއް ލެސްޓާގެ ކެލެޗީ އިހެނާޗޯ ކައިރިން ނައްޓާލަން މަސައްކަތް ކުރަނިކޮށް އިހެނާޗޯ ބޯޅަ އަތުލުމަށްފަހު ގެޒަލްއަށް ދިނުމުން ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ލަނޑަށްފަހު ލެސްޓާއިން އިތުރު ފުރުސަތުތައް ތަނަވަސް ކުރިނަމަވެސް ލިވަޕޫލުން ވަނީ މެޗު ނިމެންދެން 2-1 ގައި ހިފަހައްޓާފައެވެ.
މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ގޯލް ކީޕަރުގެ ފަރާތުން މިސްޓޭކް ފެނުނަސް އެލިސަން އަކީ ވަރަށް މޮޅު ކީޕަރެއް ކަމަށެވެ.
“އަހަރެންނަށް އިނގޭ ކޮންމެސް ދުވަހަކުން މިހެން ވާނެކަން. އެކަމް ހިއެއް ނުކުރަން ބްރައިޓަން މެޗަށްފަހު މިމެޗުގަ އެހެން ވެދާނެ ކަމަކަށް. މިދިޔަ ހަފްތާ އަހަރެން ބުނިން ކުޅުންތެރިން ގާތު އަބަދު ކީޕަރަށް ބޯޅަ ނުދޭން. ކީޕަރަށް ނުދީ އެހެން ހައްލުތައްވެސް ހުންނާނެ” އެލިސަންގެ ފަރާތުން ފެނުނު ކަންތައް ދިފާއު ކުރަމުން ކްލޮޕް ބުންޏެވެ.
ޕްރިމިއަރ ލީގުގައި ރޭ ބޯންމައުތް އަތުން ޗެލްސީ މޮޅުވި މެޗުގައި އެޓީމަށް ލަނޑުތައް މެޗުގެ 72 ވަނަ މިނެޓާއި 85 ވަނަ މިނެޓުގައި ޖަހައިދިނީ ޕެޑްރޯ ރޮޑްރިގޭޒް އާއި އެޑެން ހެޒާޑެވެ. މިދިޔަ ސީޒަނުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަކިކުރުމަށްފަހު ޓީމާ ހަވާލުވި މައުރިޒިއޯ ސާރީ ވަނީ ޗެލްސީއާއެކު ފެށުން ރަނގަޅު ކޮށްފައެވެ. ރޭގެ މެޗުގެ ފަހު 15 މިނެޓުގައި ދެގޯލު ޖެހިއިރު ބޯންމައުތުން ވަނީ ވަރުގަދައަށް ޑިފެންސް ކޮށްފައެވެ.
“ހަތަރު މެޗުން 12 ޕޮއިންޓް ލިބުމުން ވަރަށް އުފާވޭ. އެކަމު އަހަރެންނަށް އަބަދުވެސް ގަބޫލުކުރެވޭ އަދިވެސް ރަނގަޅު ކުރެވޭނެކަން. ލީގު ފެށިއިރު 30 ޕޮއިންޓުގެ ތަފާތެއް (ސިޓީއާ) އޮތް. އެންމެ ސީޒަނަކުން މި ތަފާތު ނައްތާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ” މިދިޔަ ސީޒަނުގެ ނަޕޯލީގެ ކޯޗަކަށް ހުރި ސާރީ ބުންޏެވެ.
ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަންނާއި އަލަށް ޕްރޮމޯޓްވި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ސައުތުހަމްޓަން އިން 2-0 އިން ކްރިސްޓަލް ޕެލޭސް ބަލިކުރިއިރު އެވަޓަން އާއި ހަޑަސްފީލްޑް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 1-0 އިން ވެސްޓްހޭމް ބަލިވިއިރު އެޓީމު އޮތީ ކުޅުނު ހަތަރު މެޗުންވެސް ބަލިވެ ތާވަލުގެ ފުލުގައެވެ.
Advertisement


Leave a Reply