އޭޝިއަން ގޭމްސްގެ ތައްޓާއެކު ސޮންއަށް ދެއުފާ

Advertisement

އޭޝިއަން ގޭމްސްގެ ތައްޓާއެކު ސޮންއަށް ދެއުފާ

ޢަލީ ޝަހީމް

އިންޑޮނޭޝިޔާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ތަށި ދެކުނު ކޮރެއާއަށް ހޯދައިދިނުމަށްފަހު އަސްކަރީ ހިދުމަތުން ސޮން ހެއުން މިން ސަލާމަތް ވެއްޖެއެވެ. މިއަދު އިންޑޮނޭޝިޔާގެ ޕަކަން ސާރީ ސްޓޭޑިއަމްގައި ވާދަވެރި ޖަޕާނާ ވާދަކޮށް ސޮންގެ ދެކުނު ކޮރެއާ މޮޅުވީ 2-1 އިންނެވެ. 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކުރާ މި މުބާރާތުގައި އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ސޮން ޓީމުގައި ހިމެނީ ސީނިއަރ ކުޅުންތެރިން ހިމަނަން ލިބޭ ޖާގައެއްގައެވެ.

މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިތަނާ ދެކުނު ކޮރެއާއަށް ލީޑު ނަގައިދިނީ ލީ ސެއުން ވޫ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮރެއާގެ ދެވަނަ ލަނޑު ޖެހީ ވަން ހީ ޗަން އެވެ. 2-0 އިން މޮޅުވާން ދަނިކޮށް ޖަޕާނަށް އުއްމީދެއް ގެނެސްދިނީ 115 ވަނަ މިނެޓުގައި އުއެޑާ އަޔާސޭ އެވެ. މެޗުގެ ފަހު ކަށިގަނޑާއެކު ލިބުނު އުފަލުން ސޮން ރުއި މަންޒަރު މިހާރު ސޯޝަލް މީޑީޔާގައި ދަނީ ދައުރުވަމުންނެވެ.

Advertisement

މިއީ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ މުބާރާތް ދެކުނު ކޮރެއާއިން ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. މި މުބާރާތުގެ 2014 ވަނަ އަހަރުގެ ޗެމްޕިއަންކަންވެސް ހޯދީ ދެކުނު ކޮރެއާ އެވެ. އެފަހަރުގެ މުބާރާތުގައި ސޮންއަށް ފުރުސަތު ނުލިބުނީ އޭރު އޭނާ ކުޅުނު ޖަރުމަނުގެ ބެޔާން ލެވަކޫސަން އިން ދޫނުކުރުމުންނެވެ. ނަމަވެސް މި މުބާރާތް ކާމިޔާބު ނުކުރެވިއްޖެނަމަ ސޮން ދެ އަހަރު ދުވަހުގެ އަސްކަރީ ހިދުމަތް ފުރިހަމަ ކުރަން ޖެހޭނެތީ އޭނާ މިހާރު ކުޅޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ދެކުނު ކޮރެއާ ތަމްސީލު ކުރުމަށް ވީއްލަދީފައެވެ.

މެޗަށްފަހު ސޮން. ތައްޓާއެކު ސޮން ވަނީ އަސްކަރީ ހިދުމަތުން ސަލާމަތްވެފަ

ދެކުނު ކޮރެއާގެ ގާނޫނުގައި ބުނާގޮތުން އެގައުމުގެ ފިރިހެނުން 28 އަހަރު ފުރުމުގެ ކުރިން އަސްކަރީ (މިލިޓަރީ) ހިދުމަތް އަދާކުރުން މަޖުބޫރެވެ. ސޮންއަށް މިހާރު 26 އަހަރު ފުރިފައިވާއިރު ގާނޫނު ބުނާގޮތުން އޭނާ ދެން ނުކުންނަން ޖެހޭނީ އަސްކަރީ ހިދުމަތަށެވެ. މި މުބާރާތް ކާމިޔާބު ނުކުރިނަމަ އަސްކަރީ ހިދުމަތުގައި 21 މަސްދުވަސް އޭނާ ހޭދަކުރަން ޖެހޭނެއެވެ.

ސޮންއަށް އަސްކަރީ ހިދުމަތުގައި ބައިވެރިނުވެ ސަލާމަތް ވެވެން އޮތީ މިއަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ކާމިޔާބު ކޮށްގެންނެވެ. އެގައުމުގެ ސަރުކާރުން މީގެ ކުރިންވެސް ވަނީ ކުޅިވަރުގައި ޓީމުތަކުން ހޯދާފައިވާ ކާމިޔާބީއަށް ބަލައި އަސްކަރީ ހިދުމަތް ފުރިހަމަ ކުރަން ނުޖެހޭގޮތް ހަދާފައެވެ. އެގޮތުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ކެޓީ ޓީމާއި 2006 ވަނަ އަހަރުގެ ބޭސްބޯލް ކްލަސިކް މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު އެގައުމުގެ ބޭސްބޯލް ޓީމަށް އަސްކަރީ ހިދުމަތް އަދާކުރާކަށް ނުޖެހުނެވެ. އަސްކަރީ ހިދުމަތުން ސަލާމަތްވާ ދެކުނު ކޮރެއާގެ ފުޓްބޯޅަ ޓީމަށް މިފަހަރުގެ ވޯލްޑް ކަޕްގައިވެސް ވަނީ ޓާގެޓެއް ކަނޑައަޅާފައެވެ. އެއީ އެންމެ ދަށްވެގެން ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދިއުމެވެ. ނަމަވެސް ޖާމަނީއާއި ސްވިޑެން އަދި މެކްސިކޯ ހިމެނުނު ގްރޫޕުގެ ގަދަ ދެޓީމުގެ ތެރެއިން އެޓީމަށް ފުރުސަތެއް ނުލިބުނެވެ.

ގައުމަށް ހޯދައިދިން މި ކާމިޔާބީއާއެކު ސޮންގެ އިތުރުން ދެކުނު ކޮރެއާ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށްވެސް އަސްކަރީ ހިދުމަތް ފުރިހަމަނުކޮށް ސަލާމަތްވާނެއެވެ. ޓޮޓެންހަމްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮން އަކީ ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި އޭޝިޔާއަށް ނިސްބަތްވާ ކުޅުންތެރިޔާއެވެ. 22 މިލިއަން ޕައުންޑަށް ޓޮޓެންހަމަށް ބަދަލުވުމަށްފަހު ސޮންގެ ފަރާތުން ފެންނަ މޮޅު ކުޅުމުގެ ސަބަބުން އެ ކްލަބުން އޭނާއާއެކު އިތުރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ ޖުލައި މަހުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *