ސަންޗޭޒް ކްލަބަށް ބޭނުންވާނެތީ ގައުމީ ޓީމުން ބާކީކޮށްފި

މެންޗެސްޓަރ ޔުނައިޓެޑް މި ސީޒަނުގައި އޮތް ހާލަތުން އެޓީމު އެލެކްސިސް ސަންޗޭޒްގެ އެހީތެރިކަން އެ ކްބަލަށް ބޭނުންވާނެކަމަށް ބުނެ، ސެޕްޓެމްބަރ މަހު ކުޅުމަށް ހަމަޖެހިފައިވާ ރަހްމަތްތެރިކަމުގެ ދެމެޗަށް ނެގި ޗިލީ ޓީމުން ސަންޗޭޒް ބާކީ ކޮށްފިއެވެ. ޗިލީގެ ކޯޗު ރެއިނާލްޑޯ ރުއެޑާ ޗިލީ ޓީމަށް ސަންޗޭޒް ނުނެގީ ޔުނައިޓެޑަށް އޭނާގެ ބޭނުން ވަރަށް ބޮޑުވާނެކަމަށް ބުނެއެވެ.
ސެޕްޓެމްބަރު މަހު ޗިލީ ކުޅޭ އެކުވެރިކަމުގެ ދެމެޗުގައި ވާދަކުރާނީ އޭޝިޔާގެ ގަދަ ދެބާރު ޖަޕާނާއި ސައުތް ކޮރެއާ އާއެވެ. މި ދެގައުމުވެސް ވަނީ މިހާރު އިންޑޮނޭޝިޔާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. ސައުތް އެމެރިކާއަށް ނިސްބަތްވާ ޗިލީ ރަހްމަތްތެރިކަމުގެ މެޗުތައް ކުޅެން އޭޝިޔާއަށް ކުރަން ޖެހޭނީ ވަރަށް ދިގު ދަތުރެކެވެ. ސަންޗޭޒް ޓީމަށް ނުނެގުމުގައި ދަތުރުތަކުގެ ދިގުމިނުގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ ވަރުބަލިވުންވެސް އެއީ ސަބަބެއް ކަމަށް ރުއެޑާ ބުނެފައިވެއެވެ.
ޕްރިމިއަރ ލީގުގައި ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗުން ޔުނައިޓެޑް ބަލިވެފައިވާއިރު މިއީ ލީގު ފެށި 93/1992 ސީޒަންގެ ފަހުން އެޓީމު އެންމެ ދަށްކޮށް ފެށި ފަހަރެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުގައި ބްރައިޓަން އާއި ޓޮޓެންހަމް ހޮޓްސްޕާސް އަތުން އެޓީމު ވަނީ ބަލިވެފައެވެ. ރަށުން ބޭރުގައި ބްރައިޓަން އަތުން 3-2 އިން ބަލިވިއިރު އެންމެ ފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން އެޓީމު ބަލިވީ 3-0 އިންނެވެ. މިއީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން އަމިއްލަ ދަނޑުގައި ޓީމެއް ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
ސަންޗޭޒް، 29، އަކީ ޗިލީގެ ގައުމީ ޓީމަށް 121 މެޗު ކުޅެދީ 39 ގޯލާއެކު އެޓީމުގެ ލަނޑުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާއެވެ. 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކުރުމުގައި ސަންޗޭޒްވަނީ އެޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މި ދެއަހަރުވެސް ޗިލީން ކޮޕާ އެމެރިކާ ކާމިޔާބުކުރީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށްގެންނެވެ. ކޮޕާ އެމެރިކާ ކާމިޔާބު ކުރިނަމަވެސް މިދިޔަ މަހު ރަޝިޔާގައި ނިމުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް އެޓީމު ކޮލިފައި ވެފައެއް ނުވެއެވެ. ސަންޗޭޒްގެ ބަދަލުގައި އިސް ކުޅުންތެރިއެއްގެ ގޮތުގައި ޓީމާއެކު ދާނީ މި ސީޒަނަށް ބެޔާން މިއުނިކުން ބާސެލޯނާއަށް ބަދަލުވި އާޓުރޯ ވިޑާލް އެވެ.
Advertisement


Leave a Reply