ސުޒުކީ ކަޕް: އުމައިރުއަަށްް ގައުމީ ޓީމުން ފުރުސަތެއް ނެތް

Advertisement

ސުޒުކީ ކަޕް: އުމައިރުއަަށްް ގައުމީ ޓީމުން ފުރުސަތެއް ނެތް

ޢަލީ ޝަހީމް

އަންނަ އަންގާރަ ދުވަހު ބަންގްލަދޭޝްގެ ޑާކާގައި ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އުމައިރުއާއެކު އިތުރު ހަތަރު ކުޅުންތެރިއަކު ބާކީކޮށްފިއެވެ. މިދިޔަ ސީޒަނުގައި މާޒިޔާއަށް ކުޅުމަށްފަހު މި ސީޒަނުގައި ނިއު ރޭޑިއަންޓުގެ މެދުތެރޭގައި އުމައިރު އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ. މީގެ އިތުރުން އުމައިރުއަކީ 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.

އުމައިރުގެ އިތުރުން ކޯޗު ޕީޓަރ ސެގަޓް ޓީމުން ބާކީ ކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ މުހައްމަދު ސާމިރު އާއި މުހައްމަދު އައްޒާމުގެ އިތުރުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރ މުހައްމަދު ސާއިފް އަދި ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހްމަދު  އެވެ.

ރާއްޖޭގެ ގައުމީ ޓީމު އަންނަނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން 27 ކުޅުންތެރިންނާއެކު ގަތަރުގައި  ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ސްކޮޑްގައި 20 ކުޅުންތެރިން ހިމަނާއިރު މުބާރާތަށް މިމަހުގެ ދެވަނަ ދުވަހު ފުރުމުގެ ކުރިން އަދި އިތުރު ދެކުޅުންތެރިއަކު ޓީމުން ވަކިކުރާނެއެވެ. އިތުބާރު ހުރި ގޮތަކަށް “ފަހުމިނެޓް” އަށް މައުލޫމާތު ލިބިފައިވާގޮތުގައި ޓީމުން ވަކިކުރި ފަސް ކުޅުންތެރިންވެސް މާދަމާގެ ވަގުތެއްގައި ރާއްޖެ އަންނަގޮތަށް ވަނީ ހަމަޖެހިފައެވެ.

ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކުރިއަށްގެންދާ ކޭމްޕުގައި ރާއްޖޭގެ ގައުމީ ޓީމު ވަނީ އެކުވެރިކަމުގެ އެއްމެޗު ކުޅެފައިވެއެވެ. ގަތަރުގެ ދެވަނަ ޑިވިޝަނުގެ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބާ ވާދަކޮށް ރާއްޖޭން އެމެޗު ކާމިޔާބު ކުރީ 4-3 އިންނެވެ. އޭގެފަހުން ގައުމީ ޓީމުން ވަނީ ޕާކިސްތާނާ އެކުވެސް އެކުވެރިކަމުގެ މެޗެއް ކުޅެން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޕާކިސްތާން ޓީމަށް ގަތަރަށް ނުދެވުމުން އެ މެޗު ވަނީ ކެންސަލް ކޮށްފައެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެއާއެކު ގްރޫޕް ބީގައި ހިމެނެނީ ސްރީ ލަންކާ އަދި އިންޑިޔާ އެވެ. ގްރޫޕް އޭގައި މުބާރާތް ބާއްވާ ބަންގްލަދޭޝް އާއެކު ހިމެނެނީ ބޫޓާނާއި ޕާކިސްތާން އަދި ނޭޕާލް އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރ މަހުގެ ހަތްވަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *