ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް މޮޑްރިޗަށް
މިދިޔަ ދެއަހަރު ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މިދިޔަ ސީޒަނުގައި ލިވަޕޫލް ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މުހައްމަދު ސަލާހް ފަހަތަށް ޖައްސާލުމަށްފަހު ރެއާލް މެޑްރިޑްގެ ތަރި ލޫކަ މޮޑްރިޗް ޔޫއެފާއިން ހޮވާ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފިއެވެ. މޮޑްރިޗަށް މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ މިރޭ ފްރާންސްގެ މޮނާކޯގައި ބޭއްވި ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މޮޑްރިޗަށް 313 ޕޮއިންޓް ލިބުނުއިރު ދެވަނައަށް ދިޔަ ރޮނާލްޑޯއަށް ލިބިފައިވަނީ 223 ޕޮއިންޓެވެ. ސަލާހަށް ތިންވަނަ ލިބުނީ 134 ޕޮއިންޓާއެކުއެވެ. ގަދަ ދިހައެއްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 55 ޕޮއިންޓާއެކު މެސީއަށް މިފަހަރު ލިބުނީ ލިސްޓުގެ ފަސްވަނައެވެ. މޮޅު ކުޅުންތެރިޔާގެ މަގާމަށް ވޯޓުލަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ޓީމުތަކުގެ ކޯޗުންނާއި ޔޫރަޕާ ލީގުގައި ވާދަކުރާ 48 ޓީމުގެ ކޯޗުންގެ އިތުރުން ޔޫރަޕިއަން ސްޕޯޓްސް މީޑިޔާއިން ކަނޑައަޅާ ކުޅިވަރުގެ 55 ނޫސްވެރިންނެވެ.
ޔޫއެފާގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މޮޑްރިޗަށް ވަނީ ޗެމްޕިއަންސް ލީގުގެ މިދިޔަ ސީޒަނުގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމް ވެސް ލިބިފައެވެ. ރެއާލް މެޑްރިޑުން ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މޮޑްރިޗަކީ އެޓީމުގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މޮޑްރިޗް ވަނީ މިދިޔަ މަހު ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކްރޮއޭޝިޔާ އާއެކު ދަތުރުކޮށް އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. ފައިނަލުގެ ކްރޮއޭޝިޔާ ބަލިވީ ފައިނަލުގައި ފްރާންސާއި ވާދަކޮށެވެ.
ޗެމްޕިއަންސް ލީގުގެ އެހެނިހެން މަގާމްތަކަށް ބަލާއިރު އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމް ރެއާލްގެ މެޑްރިޑްގެ ކޭލާ ނަވާސް އަށް ލިބުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ރެއާލްގެ ސާޖިއޯ ރާމޯސް އެވެ. މޮޑްރިޗަށް މިޑްފީލްޑަރުގެ މަގާމް ލިބުނުއިރު އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ވޭތުވެދިޔަ ހަ ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި މިހާރު ޔުވެންޓަސްއަށް ބަދަލުވެފައިވާ ރޮނާލްޑޯ އަށެވެ.
ޔޫއެފާގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ޖަރުމަނުގެ ވޯލްސްބާގްގެ ޕެނިއްލޭ އަށް ލިބުނުއިރު ފުޓްބޯޅައަށް ކޮށްދީފައިވާ ހިދުމަތަށް ޔޫއެފާގެ ރައީސްގެ އެވޯޑު މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ތަރި ޑޭވިޑް ބެކަމްއަށް ވަނީ އަރުވާފައެވެ.
Advertisement
Leave a Reply