ސުޒުކީ ކަޕް: އެކުވެރިކަމުގެ މެޗުން ލަންކާއަށް ބޮޑު ހިތްހަމަޖެހުމެއް

Advertisement

ސުޒުކީ ކަޕް: އެކުވެރިކަމުގެ މެޗުން ލަންކާއަށް ބޮޑު ހިތްހަމަޖެހުމެއް

ޢަލީ ޝަހީމް

އަންނަމަހު ހަތަރުވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާގައި ފަށާ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ސްރީ ލަންކާއިން ބަންގްލަދޭޝް ބަލިކޮށްފިއެވެ. އިއްޔެ ހަވީރު ބަންގްލަދޭޝްގެ ނިލްފާމަރީގެ ޝައިހް ޖަމާލް ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ލަންކާ މޮޅުވީ 1-0 އިންނެވެ.

މި މެޗުގައި ލަންކާގެ ހަމައެކަނި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވާޑް މުހައްމަދު ފަޒަކް އެވެ. ފައިޒަލް މި ލަނޑު ޖެހީ ބަންގްލަދޭޝް ކީޕަރު ކުޑަ ތަންކޮޅެއް ކުރިއަށް ނުކުމެ ހުއްޓައި 35 ޔާޑު ދުރުން ފޮނުވާލި ހަމަލާއެއްގައި ކީޕަރު ބޯމަތިން ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ. މިއީ މިދެޓީމު އެންމެފަހުން ވާދަކުރި 16 މެޗުގެ ތެރެއިން ލަންކާއަށް ލިބުނު ހަތަރުވަނަ މޮޅެވެ.

Advertisement

ފީފާގައި ރަޖިސްޓަރ ކޮށްގެން ކުޅުނު މި މެޗަކީ އޭޝިއަން ގޭމްސްގައި ބަންގަލަދޭޝް ހޯދި ކާމިޔާބީއަށްފަހު އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. އޭޝިއަން ގޭމްސްގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ވަނީ ގަތަރު ބަލިކޮށް އަދި ތައިލެންޑާއި އެއްވަރުކޮށް މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. އޭޝިއަން ގޭމްސްގައި ހޯދި ކާމިޔާބީއާއެކު ބަންގްލަދޭޝްގައި ފުޓްބޯޅައިގެ ފޯރި ގަދަވެ ގިނަ އަދަދެއްގެ ސަޕޯޓަރުން އިއްޔެ ހަވީރު ޝައިހް ޖަމާލް ފުޓްބޯޅަ ދަނޑަށް ވަނީ ވަދެފައެވެ.

ލަންކާއިން މެޗުގައި ލީޑު ނެގުމުން ދެވަނަ ހާފުގައި ބަންގްލަދޭޝް ޓީމުން ވަނީ އެޓީމު ސީނިއާ ބައެއް ކުޅުންތެރިން އަރުވާފައެވެ. ނަމަވެސް ލަންކާގެ ޑިފެންސް ފޫއަޅުވާލަން ބަންގްލަދޭޝްގެ ކުޅުންތެރިންނަށް މާބޮޑު ކަމެއް ނުކުރެވުނެވެ. އެކުވެރިކަމުގެ މެޗަކަށް ވިޔަސް ކުރިއަށް އޮތީ ސާފް ސުޒުކީ ކަޕް ކަމަށްވުމާއެކު ދެޓީމުގެ ފަރާތުންވެސް އިއްޔެގެ މެޗުގައި ފެނުނީ ވާދަވެރި ކުޅުމެކެވެ.

ސާފް ސުޒުކީ ކަޕްގައި ލަންކާ ހިމެނެނީ ރާއްޖާ އާއި އިންޑިޔާއާއެކު ގްރޫޕް ބީ ގައެވެ. މުބާރާތުގައި ލަންކާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު އެންމެފަހުގެ ޗެމްޕިއަން އިންޑިޔާއާ ދެކޮޅަށް ނުކުންނައިރު ރާއްޖެއާ ދެކޮޅަށް އެގައުމު ނުކުންނާނީ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހުއެވެ. މުބާރާތް ބާއްވާ ބަންގްލަދޭޝް ހިމެނެނީ ޕާކިސްތާނާއި ނޭޕާލް އަދި ބޫޓާނާއެކު ގްރޫޕް އޭގައެވެ.

 

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *