ސްޓާލިން ރެއާލް މެޑްރިޑަށް ގެންދަނީ؟
ސްޕޭންގެ ރެއާލް މެޑްރިޑުން މެންޗެސްޓަރ ސިޓީއަށް ކުޅޭ ރަހީމް ސްޓާލިން ގެންދަން ޝައުގުވެރިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ސްޓާލިން އަށް ރެއާލުން ފާރަލާއިރު މެންޗެސްޓަރ ސިޓީގެ އާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަދި އިތުރުކޮށްފައެއް ނުވެއެވެ. ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން 44 މިލިއަން ޕައުންޑަށް ލިވަޕޫލް ދޫކޮށް ސްޓާލިން ސިޓީއާ ގުޅުނީ 2015 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
ސްޓާލިންއަށް ރެއާލުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޭނާ ގެންދަން މި މިމަހުގެ ނިޔަލަށް ހަމަވާ ޓްރާންސްފާ މުއްދަތުގައި އަގެއް ހުށަހަޅާނެ ކަމަކަށް ނުބެލެވެއެވެ. ރެއާލުން ސްޓާލިން ގެންދަން ރަސްމީކޮށް ހުށަހަޅަން ވިސްނަނީ އަންނަ ސީޒަނުގެ ހޫނު މޫސުގެ ޓްރާންސްފާ މުއްދަތުގައެވެ. ސިޓީގެ ކޯޗު ގާޑިއޯލާ މިމަހު ކުރީކޮޅު މީޑިޔާއާ ވާހަކަ ދައްކަމުން ބުނީ ސްޓާލިން އަކީ ވަރަށް މުހިއްމު ކުޅުންތެރިއެއްކަމަށާއި ސިޓީގައި ސްޓާލިން ބަހައްޓަން ބޭނުންވާ ކަމަށެވެ.
ސްޓާލިން އަކި މިދިޔަ ސީޒަނުގައި ސިޓީން ލީގު ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ސިޓީއަށް މިދިޔަ ސިޒަނުގައި ހުރިހާ މުބާރާތެއްގައި 23 ގޯލް ސްޓާލިން ޖަހައިދިންއިރު ކޯޗު ޕެޕް ގާޑިއޯލާގެ ރޭވުންތެރިކަމުގައި ސްޓާލިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ސިޓީގައި މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު މިފަހަރުގެ ވޯލްޑް ކަޕްގެ ހަތަރުވަނަ ހޯދި އިނގިރޭސި ޓީމުގެ ފުރަތަމަ އެގާރައިގައިވެސް ސްޓާލިން ވަނީ ކުޅެފައެވެ. އިނގިރޭސިންނަށް ވޯލްޑް ކަޕްގެ ހަތަރުވަނަ ލިބުނު ނަމަވެސް ސްޓާލިން އަށް ވޯލްޑް ކަޕްގައި ލަނޑެއް ނުޖެހުމުން އޭނާއަށް ފާޑުކިއުންތައް އަމާޒުވިއެވެ.
ރެއާލުން ސްޓާލިންގެ ކުޅުން މޮނިޓަރ ކުރިކަމުގައިވިޔަސް އެޓީމު އެންމެ ގެންދަން ބޭނުންވާ ކުޅުންތެރިއަކީ މިދިޔަ ސީޒަނަށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާ އެވެ. ދުނިޔޭގެ ރެކޯޑް އަގަކަށް ނޭމާ ޕީއެސްޖީއަށް ބަދަލުވިނަމަވެސް އަންނަ އަހަރުގެ ޓްރާންސްފާ މުއްދަތުގައި ރެއާލުން ނޭމާއަށް ބޮޑު އަގެއް ހުށަހަޅާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ނޭމާ ގެންދަން ރެއާލުން އެންމެ ބޮޑަށް ބޭނުންވަނީ އެޓީމު ދޫކޮށް މި ސީޒަނަށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯގެ މަގާމު ފުރުމަށެވެ.
Advertisement
Leave a Reply