އަލްކަސާރ ޑޯޓްމުންޑްއަށް، ސްޓްރޫޓްމަން މާސޭއަށް

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ފޯވާޑް ޕަކޯ އަލްކަސާރ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑަށް ބަދަލުވިއިރު، އިޓަލީގެ ރޯމާއަށް ކުޅެމުން އައި ހޮލެންޑްގެ މިޑްފީލްޑަރ ކެވިން ސްޓްރޫޓްމަން ފްރާންސްގެ މާސޭއަށް ބަދަލުވެއްޖެއެވެ.
އުމުރުން 24 އަހަރުގެ އަލްކަސާރ ޑޯޓްމުންޑަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަން ނިމެންދެންނެވެ. 2016 ވަނަ އަހަރު ސްޕެއިންގެ ވެލެންސިއާ އިން 30 މިލިއަން ޔޫރޯއަށް ބާސެލޯނާއަށް ބަދަލުވި ފޯވާޑްއަށް ބާސެލޯނާގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމުގައި ދަތިތަކެއް ކުރިމަތިވިއެވެ.

ޕަކޯ އަލްކަސާރ
ޑޯޓްމުންޑުން ބުނެފައިވަނީ ސީޒަން ނިމުމުން 25 މިލިއަން ޔޫރޯގެ އަގަކަށް އަލްކަސާރ ގަތުމުގެ އިޚްތިޔާރު އޭނާގެ ލޯން އެއްބަސްވުމުގައި ވާކަމަށެވެ. ޑޯޓްމުންޑަށް ބަދަލުވުމަށްފަހު އަލްކަސާރ ބުނެފައިވަނީ، ޑޯޓްމުންޑުގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުމަށް އޭނާ ކެތްމަދުވެފައި ހުރިކަމަށާއި، އޭނާ ޑޯޓްމުންޑަށް ބަދަލުވެވުމުން އުފާކުރާކަމުގައެވެ.
ބާސެލޯނާއަށް 51 މެޗު ކުޅެދީ 15 ގޯލު ކާމިޔާބުކޮށްފައިވާ ފޯވާޑު ޑޯޓްމުންޑުގައި ބޭނުންކުރާނީ 9 ނަންބަރު ޖާޒީއެވެ.
ރޯމާގެ މިޑްފީލްޑަރު ކެވިން ސްޓްރޫޓްމަން މާސޭއަށް ބަދަލުވީ 25 މިލިއަން ޔޫރޯގެ އަގަކަށެވެ. އޭނާވަނީ ރޯމާއަށް ނިމިގެންދިޔަ ސީޒަނުގައި 44 މެޗު ކުޅެދީފައެވެ. ސްޓްރޫޓްމަން ވަނީ މާސޭގެ މިހާރުގެ ކޯޗު ރުޑި ގާސިއާގެ ކޯޗުކަމުގައި 2013 ވަނަ އަހަރު ޕީ.އެސް.ވީ އަށް ވެސް ކުޅެފައެވެ.

ކެވިން ސްޓްރޫޓްމަން
ހޮލެންޑުގެ ގައުމީ ޓީމަށް 41 މެޗު ކުޅެދީ 3 ގޯލު ކާމިޔާބުކޮށްފައިވާ މިޑްފީލްޑަރު ވަނީ ނިމިގެން ދިޔަ ސީޒަނުގައި ރޯމާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ގެންދިއުމުގައި މުޙިއްމު ދައުރެއް އަދާކޮށްފައެވެ.
ސްޓްރޫޓްމަންގެ އިތުރުން ރޯމާއިން ވަނީ އެޓީމުގެ މުޙިއްމު ދެ ކުޅުންތެރިންކަމަށްވާ ގޯލްކީޕާރ އެލިސަން ބެކާ އާއި ރަޖާ ނައިންގޮލާން ވެސް ޓްރާންސްފާރ ބާޒާރުގެ ކުރީކޮޅު ވިއްކާލާފައެވެ.
Advertisement


Leave a Reply