ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާދަމާ ފަށަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާދަމާ ފަށާނެއެވެ. އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ މުބާރާތުގައި ކުޅޭނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. މީގެ ކުރިން މި މުބާރާތް ބާއްވަމުން އައީ 21 އަހަރުން ދަށަށް އަމާޒުކޮށްގެންނެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ މާޒިޔާއާއި ނިއުރޭޑިއަންޓުގެ އިތުރުން ގްރީން ސްޓްރީޓްސް އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އީގަލްސް އެވެ. އެންމެ ފަހުން ކުޅުނު މުބާރާތުގައި ފައިނަލުގައި ވާދަކުރި ޓީސީ ސްޕޯޓްސް ކްލަބް މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.

ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ ޝެޑިއުލް. ފޮޓޯ: އެފްއޭއެމް
މުބާރާތް ކުރިއަށް ދާނީ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ދެބުރު ކުޅެ އެންމެ ކުރިލިބޭ ދެޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ. ލީގުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ގްރީން ސްޓްރީޓްސް އެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ފުރަތަމަ މެޗު ކުޅޭއިރު މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި އީގަލްސް އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އަންނަމަހު ފަށާ ސާފް ސުޒުކީ ކަޕްގައި ވާދަކުރާތީ ދިގު މިދިޔަ މަހުން ފެށިގެން ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް ވަނީ މެދުކަނޑާލާފައެވެ. މީގެ އިތުރުން ގައުމީ ފުޓްބޯޅަ ދަނޑު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބޭނުންކުރުމުން ދަނޑުގެ ވިނަގަނޑަށް ގެއްލުންވެ ޖުލައި މަހުގެ ފަހު ހަފްތާ ކުޅުމަށް ހަމަޖެއްސި ލީގު މެޗުތައްވެސް ވަނީ އަންނަމަހުގެ ފަހުކޮޅަށް ބަދަލުކޮށްފައެވެ. ޔޫތް ޗެމްޕިއަންޝިޕް މިފަހަރު ގަލޮޅު ދަނޑުގައި ބާއްވަން ނިންމީ ގިނަ ދުވަސްތަކަކަށް ލީގު މެދުކަނޑާލާފައި އޮތުމާއި ދަނޑުގެ ވިނަގަނޑުގެ ހާލަތު މިހާރު ރަނގަޅުވަމުން ދިއުމާއި ގުޅިގެންކަމަށް ބެލެވެއެވެ.
Advertisement


Leave a Reply