އިހްތިރާމް ކުރޭ، އަހަރެން އަތުގަ ތިނެއް، އެމީހުނަށް ދޭއް: މޮރީނިއޯ

Advertisement

އިހްތިރާމް ކުރޭ، އަހަރެން އަތުގަ ތިނެއް، އެމީހުނަށް ދޭއް: މޮރީނިއޯ

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ރުޅިގަދަވެ އޭނާގެ ކާމިޔާބީއަށް އިހުތިރާމް ކުރުމަށް ނޫސްވެރިންގެ ކިބައިން އެދެފިއެވެ. ރޭގެ މެޗަކީ މޮރީނިއޯ ކޯޗެއްގެ ގޮތުގައި އަމިއްލަ ދަނޑުގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވިމެޗެވެ. ރޭގެ މެޗުން ވީ ބައްޔާއެކު ކުޅުނު ތިން މެޗުން ތިން ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 13 ވަނައިގައެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން މޮރީނިއޯ ބުނީ 3-0 އިން ބަލިވިޔަސް ޔުނައިޓެޑުން ރަނގަޅަށް ކުޅުނު ކަމަށެވެ. 3-0 އިން ބަލިވިއިރު އަތުގެ އިޝާރާތުން ނޫސްވެރިންނަށް ތިން އިނގިލި ދެއްކުމަށްފަހު މޮރީނިއޯ ބުނީ ޕްރިމިއަރ ލީގުގެ ތިން ތަށި އޭނާ ހޯދުމުން އެކަމަށް އިހުތިރާމް ކުރުމަށެވެ.

“ދެންތިބި 19 މެނޭޖަރުންނަށްވުރެ ގިނައިން އަހަރެން އެކަނިވެސް ޕްރިމިއަރ ލީގު ނަގައިފިން. އެމީހުނަށް ދޭއް. އަހަރެންނަށް ތިނެއް. އިހުތިރާމް ކުރޭ” ޗެލްސީއާއެކު ތިންފަހަރު ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފައިވާ ކޯޗު ބުންޏެވެ.

އެއަށްފަހު މޮރީނިއޯ ވަނީ ނޫސްވެރިންގެ ސުވާލުތަކަށް އިތުރަށް ޖަވާބުނުދީ ގޮސްފައެވެ. ޕްރިމިއަރ ލީގުގައި މި ސީޒަނުގައި ތިބި ކޯޗުންނަށް ބަލާއިރު ޕްރިމިއަރ ލީގު ހޯދާފައިވަނީ މެންޗެސްޓަރ ސިޓީއަށް ލީގު ހޯދައިދިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާއި މިހާރު ވެސްޓަހަމްގެ ކޯޗު މެނުއަލް ޕެލެގްރީނީ އެވެ.

ރޭގެ މެޗަށްފަހު މޮރީނިއޯ ވަނީ ދަނޑުގައި ތިބި ސަޕޯޓަރުންނާއެކު ވަގުތު ހޭދަކޮށްފައެވެ. މޮރީނިއޯ ބުނީ ރޭގެ މެޗުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑުން ނުކުމެގެން ދިޔައީ ޓީމު ބަލިވާތީ ކަމަށާއި، އޭނާއަކީވެސް ސަޕޯޓަރެއްނަމަ ދަނޑުން ނުކުމެގެން ދާނެކަމަށެވެ. ރޭގެ މެޗުގައި 70 ހާހަށްވުރެ ގިނަ ސަޕޯޓަރުން މެޗު ބެލުމަށް ޔުނައިޓެޑްގެ ދަނޑަށް ވަނީ ވަދެފައެވެ.

“އަހަރެންވެސް 3-0 އިން ބަލިވާނަމަ ދެގަޑިއިރުގެ ދަތުރެއް ކޮށްފަ އަވަހަށް އަހަރެން އުޅޭތަނަށް ދާން ބޭނުންވާނެ. އެކަމު ދަނޑުގައި ތިބި ސަޕޯޓަރުން ކުޅުންތެރިންނަށް ހިތްވަރުދިނީ ކުޅުންތެރިންނަށް އެކަން ހައްގުވީމަ. މިދިޔަ ސިޒަނުގެ ޗެމްޕިއަންސް ލީގުގައި ސެވިއްޔާ ކައިރިން ބަލިވި މެޗަށްފަހު ސަޕޯޓަރުން ހިތްވަރު ނުދިނީ އަހަރެމެން އެމެޗުގައި ރަނގަޅު ނޫންވިމަ” މީޑިޔާގެ ފާޑުކިޔުން އިންތިހާއަށް އަމާޒުވެފައިވާ ކޯޗު ބުންޏެވެ.

ނޫސްވެރިންނަށް ރައްދުދެމުން މޮރީނިއޯ އިތުރަށް ބުނީ މެޗަކުން މޮޅުވާ ދުވަހު ނޫސްވެރިން ދައްކަނީ އެދުވަހަކު ދައްކާ ކުޅުމުގެ ވާހަކަ ކަމަށެވެ.

“އަހަރެން މޮޅުވާ ދުވަސްދުވަހު މިތަނަށް އަންނައިރު ވަރަށް ގިނަ ފަހަރު ތިމީހުން ތިބެނީ އުފަލަކުން ނޫން. މެޗަކުން މޮޅުވީމަ ތިމީހުން ބުނަނީ މެޗެއްގެ އެންމެ މުހިއްމީ ކުޅުމުގެ ވައްޓަފާޅިކަމަށް. އެކަމު ބަލިވާ މެޗެއްގެ މޮޅަށް ކުޅުނަސް އެކަމެއް ފާހަގައެއް ނުކުރޭ” ޓޮޓެންހަމާއި ބައްދަލުކުރި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް 30 މިނެޓު ކުރިން ހާޒިރުވެ ފަސް މިނެޓު ނުވަނިސް ޕްރެސް ކޮންފަރެންސް ނިންމާލި ކޯޗު ބުންޏެވެ.

މޮރީނިއޯ ވަނީ ކޯޗެއްގެ ގޮތުގައި އިންގްލެންޑްގެ އިތުރުން ޕޯޗުގަލްއާއި އިޓަލީ އަދި ސްޕެއިންގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ޔުނައިޓެޑްގެ ކޯޗުގެ މަގާމުން މޮރީނިއޯ ވަކިކޮށްފާނެ ކަމަށް މީޑިޔާގައި ވާހަކަ ދެކެވޭއިރު ބަދަލުގައި ޒިނެދިން ޒިދާން އެ މަގާމާއި ހަވާލުވުމުގެ ވާހަކަތަކެއްވެސް މީޑިޔާގައި މިހާރު ވަނީ ތިލަވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *