ޓޮޓެންހަމުން މޮރީނިއޯގެ ރިހޭފައިމައްޗަށް ފޮއި ވައްޓާލައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ރަށުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ވާދަކޮށް މެންޗެސްޓަރ ޔުނައިޓެޑް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ. އޯލްޑް ޓްރެފޯޑްގައި ހަތްދިހަ ހަތަރުހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗް ޓޮޓެންހަމުން ކާމިޔާބުކުރީ 0-3 އިންނެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ 9 ޕޮއިންޓާއެކު ޓޭބަލްގެ ދެ ވަނައަށް އަރައިފައެވެ. ޓޭބަލްގެ އެއްވަނައިގައި ލިވަޕޫލް އޮތީ ގޯލްގެ ތަފާތުންނެވެ. އެއާ ހިލާފަށް ޔުނައިޓެޑް ޖެހިޖެހިގެން ދެ މެޗުން ބަލިވުމާއެކު ވަނީ ޓޭބަލްގެ 13 ވަނައަށް ވެއްޓިފައެވެ. މިއީ ޕްރިމިއަރ ލީގް ތައާރަފްވި އަހަރުގެ ސީޒަންގެ ފަހުން މެންޗެސްޓަރ ޔުނައިޓެޑުން މިހާތަނަށް ތަޖްރިބާކުރި އެންމެ ގޯސް ފެށުމެވެ. އަދި، މިއީ މޮރީނިއޯގެ ކޯޗްކަމުގެ ދަށުގައި އަމިއްލަ ރަށުގައި އޭނާއަށް ކުރިމަތިވި އެންމެ ތަފާތު ބޮޑު ބައްޔެވެ.
ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ ރޭގެ މެޗަށް ނުކުތީ ކުރީ މެޗްގައި ބްރައިޓަން އާ ދެކޮޅަށް ޔުނައިޓެޑުން ދެއްކި ދަށް ކުޅުމުން އަރައިގަނެވޭނެ ކަމުގެ އުއްމީދުގައި ގިނަ ބަދަލުތަކަކާއެކުއެވެ. ރޭގެ މެޗުގައި އަނިޔާއިން ރަނގަޅުވި ނިމެންޔާ މަޓިޗާއި އެންޑަރ ހެރޭރާއަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. މީގެ އިތުރުން ކެޕްޓަން އެންޓޯނިއޯ ވެލެންސިޔާ ފުރަތަމަ އެގާރައިގައި ހިމެނިއިރު ކްރިސް ސްމޯލިންގް އާއި ފިލް ޖޯންސްއަށްވެސް މޮރީނިއޯ ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. ބްރައިޓަން މެޗުގައި ފެނުނު ދަށް ކުޅުމާ ގުޅިގެން އެރިލް ބެއިލީ އާއި އެންތަނީ މާޝިއަލް އަދި އެންދްރެސް ޕެރެއިރާ ޓީމުގައިވެސް ހިމަނާފައި ނުވާއިރު މޮރީނިއޯ ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައިވަނީ ޖެސީ ލިންގާޑަށެވެ. މި ބަދަލުތަކާ އެކުވެސް މެޗްގެ ފަހު ހާފްގެ ކުރީ ކޮޅު ދެ މިނެޓެއްހާއިރު ތެރޭ ޔުނައިޓެޑް ކޮޅަށް ޓޮޓެންހަމުން ވައްދާލި ދެ ގޯލާއެކު އެ އުއްމީދުތައް ފެނަށް ވިއެވެ.
ޓޮޓެންހަމްގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ މެޗްގެ 50 ވަނަ މިނިޓްގައި ހެރީ ކޭން އެވެ. ޔުނައިޓެޑް ކޮޅަށް ކޭން ބޮލުން ޖަހައި ވައްދާލި މި ލަނޑަކީ އޯލްޑް ޓްރެފޯޑްގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. ދެވަނަ ގޯލް މެޗްގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ލޫކަސް މައުރާ ޖެހީ 52 ވަނަ މިނެޓްގައެވެ. މައުރާ މި ލަނޑު ޔުނައިޓެޑްގެ ގޯލަށް ވައްދާލީ ކްރިސްޓިއަން އެރިކްސަން ދިން ހިތްގައިމް ޕާހަކުންނެވެ. އަދި މެޗް ނިމެން ހަ މިނެޓަށް ވެފައި އޮއްވައި މައުރާ ވަނީ ދެވަނަ ގޯލެއް ޖަހައި މި ސީޒަންގައި ޓޮޓެންހަމުން ދަމަހައްޓަމުން އަންނަ ސައްތައިން ސައްތަ ރެކޯޑް ޔަގީންކޮށްފައެވެ.
މެޗްގެ ރެފްރީގެ ފަހު ކަށިގަނޑާއެކު މޮރީނިއޯ ފެނުނީ އޮއްސިފަ ހުރި މީހެއްގެ ގޮތުގައެވެ. އޭރު ސްޓޭޑިއަމްގެ ބޮޑު ބައި އޮތީ ފަޅަށެވެ. މިއީ މޮރީނިއޯގެ ކެރިއަރުގައިވެސް ޕްރިމިއަރ ލީގްގެ ފުރަތަމަ ތިން މެޗްގެ ތެރެއިން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. މޮރީނިއޯ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޗެލްސީއަށް ކޯޗްކޮށްދީފައެވެ. އެއާ ޚިލާފަށް ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނިއޯ މެޗް ނިމުމާއެކު ދިޔައީ ޓޮޓެންހަމްގެ ކޯޗެއްގެ ގޮތުގައި އޯލްޑް ޓްރެފޯޑްގައި އޭނާއަށް ލިބުނު ފުރަތަމަ މޮޅުގެ އުފާ ފާޅުކުރަމުންނެވެ. މީގެ ކުރިން ޕޮޗެޓީނިއޯގެ ކޯޗްކަމުގެ ދަށުގައި ޔުނައިޓެޑްގެ ދަނޑުގައި ޓޮޓެންހަމުން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފައެވެ. އަދި، އެއިން އެއްވެސް މެޗެއްގައި އެ ޓީމަށް ގޯލެއްވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
Advertisement
Leave a Reply