ސުޒުކީ ކަޕް: ހަފްތާއެއް ކުރިން ލަންކާ ޓީމު ބަންގްލަދޭޝް އަށް

Advertisement

ސުޒުކީ ކަޕް: ހަފްތާއެއް ކުރިން ލަންކާ ޓީމު ބަންގްލަދޭޝް އަށް

ޢަލީ ޝަހީމް

ސާފް ސުޒުކީ ކަޕް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާގައި ފަށާއިރު މުބާރާތުގައި ބައިވެރިވާ ސްރީ ލަންކާ ޓީމު ރޭގެ ވަގުތެއްގައި ބަންގްލަދޭޝްއަށް ގޮސްފިއެވެ. ލަންކާ ޓީމު ބަންގްލަދޭޝް އަށް ދިޔައިރު މުބާރާތުގައި ވާދަކުރާ އެހެން ޓީމުތައް ބަންގްލަދޭޝް އަށް ދާނީ މުބާރާތް ފެށުމުގެ ދެދުވަސް ކުރިންނެވެ.

ލަންކާ ޓީމު އެ ހަފްތާ ކުރިން ބަންގްލަދޭޝްއަށް ގޮސްފައިވަނީ އަންނަ ބުދަ ދުވަހު ބަންގަލަދޭޝްއާ ރަހްމަތްތެރިކަމުގެ މެޗެއް ކުޅުމަށެވެ. 1995 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ލަންކާ ގައުމީ ޓީމާއި ބަންގްލަދޭޝް ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު 4:00 ގައެވެ.

ލަންކާއާއި ބަންގްލަދޭޝް އެކުވެރިކަމުގެ މެޗަކަށް ނުކުންނައިރު، ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ވަނީ އިންޑޮނޭޝިޔާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ދެވަނަ ބުރުން ފުރަތަމަ ފަހަރަށް ޖާގަ ހޯދާފައެވެ. ގްރޫޕް ސްޓޭޖުގައި އެޓީމު ވަނީ ގަތަރު 1-0 އިން ބަލިކޮށް ތައިލެންޑާއި އެއްވަރު ކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި އެޓީމު ހަމައެކަނި ބަލިވީ 3-0 އިން އުޒްބަކިސްތާން އަތުންނެވެ. ބަންގްލަދޭޝް މުބާރާތުން ކެޓީ ގަދަ 16 ގައި އުތުރު ކޮރެއާއާ ވާދަކޮށް 3-1 އިން ބަލިވެގެންނެވެ.

މި ދެޓީމު ވާދަކުރާ މެޗަށް ވިހިހާސް ޓިކެޓް ވިއްކާއިރު މިހާރު 13 ހާސް ޓިކެޓް ވިކިފައިވާކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަންގެ ސެކެޓްރީ އަބޫ ނައީމް ޝޮހަގް ވަނީ ބުނެފައެވެ. ބަންގްލަދޭޝްގައި ސުޒުކީ ކަޕް ބާއްވާއިރު އޭޝިއަން ގޭމްސްގައި އެޓީމު ހޯދި ކާމިޔާބީއާއެކު އެގައުމުގައި ފުޓްބޯޅައިގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ.

ސާފް ސުޒުކީ ކަޕްގެ ގްރޫޕް އެކެއްގައި ހިމެނެނީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނާއި ބޫޓާން އެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާ ހިމެނެނީ ރާއްޖޭ އާއި ލަންކާއާއެކު އެއް ގްރޫޕެއްގައެވެ. މުބާރާތުގެ މެޗުތައް އަންނަ މަހުގެ 4 އިން 15 އަށް ކުރިއަށްދާނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *