ރާއްޖެއާ ޕާކިސްތާން މިއަދު ކުޅެން ހަމަޖެއްސި މެޗު ކެންސަލް ވެއްޖެ
ސާފް ސުޒުކީ ކަޕަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ހެނދުނު ޕާކިސްތާނާ ކުޅެން ހަމަޖެހުނު ރަހްމަތްތެރިކަމުގެ މެޗު ކެންސަލް ވެއްޖެއެވެ. މެޗު ކެންސަލްވިކަން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޭސްބުކް ޕޭޖުން ކަށަވަރު ކޮށްދީފައިވާއިރު މެޗު ކެންސަލްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖެއާ ޕާކިސްތާން ބައްދަލުކުރާ ރަހްމަތްތެރިކަމުގެ މެޗު ފެށުމަށް ހަމަޖައްސާފައިވަނީ މިއަދު ރާއްޖެ ގަޑިން ހެނދުނު 10 ޖަހާއިރު އެވެ.
އަންނަ މަހުގެ 4 އިން 15 އަށް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ވަނީ މިމަހުގެ 14 ވަނަ ދުވަހު ގަތަރުގެ ދެވަނަ ޑިވޝަނުގެ ކްލަބެއް ކަމަށްވާ އަލް މަޚްރިޔާ ސްޕޯޓްސް ކްލަބާއެކު މެޗެއް ކުޅެފައެވެ. މި މެޗު 4-3 ގެ ނަތީޖާއަކުން ރާއްޖެ ކާމިޔާބު ކުރިއިރު ލަނޑުތައް އެމެޗުގައި ނާއިޒް ހަސަން (ދާދު) ވަނީ ދެ ލަނޑު ޖަހާފައެވެ. އަނެއް ދެ ލަނޑު ރާއްޖޭގެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު އާރިފް (ބަކާ) އެވެ.
ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނޭ ގްރޫޕް “ބީ” ގައި ހިމެނެނީ ސްރީ ލަންކާ އަދި މި މުބާރާތް 7 ފަހަރު ކާމިޔާބު ކޮށްފައިވާ އިންޑިޔާ އެވެ. ގްރޫޕް “އޭ” ގައި ހިމެނެނީ މުބާރާތް ބާއްވާ ބަންދްލަދޭޝް އާއި ބޫޓާންގެ އިތުރުން ޕާކިސްތާން އަދި ނޭޕާލް އެވެ.
Advertisement
Leave a Reply