އެންމެންވެސް ހީކުރީ މެޗު ނިމޭނީ އެއްވަރުވެގެން ކަމަށް: ހެޒާޑް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާއި ވާދަކުރި މެޗުގެ 87 ވަނަ މިނެޓުގައި އެޓީމުގެ ޑިއެންދްރޭ ޔެދްލިން އަތުން ބައިކޮޅަށް ވަން ގޯލުން ޗެލްސީން ލީގުގައި މުހިއްމު މޮޅެއް ހޯދައިފިއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބު ކުރީ 2-1 އިންނެވެ. މި މޮޅާއެކު ޗެލްސީ ވަނީ ކުޅުނު ތިންމެޗުންވެސް މޮޅުވެ ލިވަޕޫލް އަދި ވެޓްފޯޑާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފައެވެ.
މެޗަށްފަހު ޗެލްސީގެ ފުރަތަމަ ލަނޑު ޖެހި އެޑެން ހެޒާޑް ބުނީ ނިއުކާސަލް ލަނޑު ޖެހުމުން އެންމެންވެސް އުއްމީދުކޮށްގެން ތިބީ މިރޭގެ މެޗު ނިމޭނީ އެއްވަރުވެގެންކަމަށެވެ.
“އެންމެންވެސް ހީކުރީ ނިއުކާސަލް ލަނޑު ޖެހުމުން މެޗު އެއްވަރުވާނީ ކަމަށް އެކަމު މިއީ ޗެލްސީ، އަހަރެމެން އެއްވެސް ވަރަކަށް ހިތްވަރު އެލުވައެއް ނުލާނަން. ވަރަށް ރަނގަޅު ފުރުސަތުތަކެއް މިރޭ ތަނަވަސްކުރި. އަހަރެންނަށް ވަރުބަލިކަން އިހުސާސް ކުރެވޭ. މުޅި ޓީމުވެސް އޮތީ ވަރުބަލިވެފަ އެކަމު އަހަރެމެން ބޭނުންވާ ވަރަށް ޕޮއިންޓް ލިބުނު” ހެޒާޑް ބުންޏެވެ.
މިރޭގެ މެޗުގައި ޗެލްސީން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް މެޗުގެ ފަހު ފަނަރަ މިނެޓާ ހަމައަށް ނިއުކާސަލް އިން ވަނީ ޗެލްސީގެ ކުޅުންތެރިން ހުއްޓުވާފައެވެ. މެޗުގައި ޗެލްސީން ލީޑު ނެގީ މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޑެން ހެޒާޑެވެ. ޗެލްސީއަށް ޕެނަލްޓީ ލިބުނީ އެޓީމުގެ މާކޮސް އެލޮންސޯ ބޯޅަ ހިފައިގެން ދަނިކޮށް ނިއުކާސަލްގެ ފަބިއަން ޝާރ ކުރި ފައުލަކަށެވެ. އާ ސީޒަނުގައި ފުރަތަމަ ފަހަރަށް ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ހެޒާޑްގެ މި ގޯލަކީ ޕްރިމިއަރ ލީގުގައި ޗެލްސީއަށް އޭނާ ޖަހައިދިން 70 ވަނަ ގޯލެވެ. ޕްރިމިއަރ ލީގުގައި ހެޒާޑަށް ވުރެ ގިނައިން ޗެލްސީއަށް ލަނޑު ޖަހައިދީފައިވަނީ 104 ލަނޑު ޖެހި ޑިޑިއޭ ޑްރޮގްބާ އާއި 147 ޖެހި ފްރޭންކް ލަމްޕާޑެވެ. މިރޭގެ ލަނޑާއެކު ހެޒާޑަށް ލަނޑު ލިސްޓުގެ ތިންވަނަ ލިބުނީ އެޓީމުގެ ލެޖެންޑް ޖިމީ ފްލުއެޑް ހެސަލްބޭންކަށްވުރެ އެއްގޯލު އިތުރުވުމުންނެވެ.
ހެޒާޑުގެ ގޯލަށްފަހު ނިއުކާސަލްގެ ޔެދްލިން ނަގައިދިން ހުރަހަކުން މެޗުގެ 83 ވަނަ މިނެޓުގައި ޖޮސެލޫ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗު އެއްވަރުވާން ދަނިކޮށް ނިއުކާސަލްގެ ޔެދްލިން އަތުން ބައިކޮޅަށް ގޯލު ވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ޗެލްސީން މުޅި މެޗު ކޮންޓްރޯލް ކުރިއިރު އެޓީމުގެ ޕެޑްރޯ އާއި ސެސާ އަޒްޕިލިކުއެޓާ އަދި އަލްވާރޯ މޮރާޓާއަށް ލިބުނު ފުރުސަތުގެ ބޭނުން މި މެޗުގައި ނުހިފުނެވެ.
ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވެޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސް 2-1 އިން ބަލިކޮށް ޓޭބަލްގެ ކުރީގައި އޮތް ޗެލްސީ އަދި ލިވަޕޫލާ އަރާ ހަމަކޮށްފައެވެ. ފުރަތަމަ ތިން މެޗުންވެސް މޮޅުވުމުން ވެޓްފޯޑަށް މިހާރު ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. މިރޭ ފުލަމް އާއި ބާންލީ ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ފުލަމް އެވެ. މިއީ ފުލަމްއަށް ލީގުގައި ލިބުނު ފުރަތަމަ މޮޅެވެ. ޔޫރަޕާ ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ބާންލީ މިރޭގެ މެޗުން ބަލިވުމާއެކު އެޓީމުވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ.
Advertisement


Leave a Reply