ދެއަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކެރިއަސް ބެޝިކްޓާސް އަށް
އިންގްލެންޑްގެ ލިވަޕޫލަށް ކުޅެމުން އަންނަ ޖަރުމަނުގެ އުމުރުން 25 އަހަރުގެ ގޯލްކީޕަރު ލޮރިސް ކެރިއަސް ދެއަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެޝިކްޓަސްއަށް ބަދަލުވެއްޖެއެވެ.
ނިމިގެން ދިޔަ ޗެމްޕިއަންސް ލީގު ފައިނަލުން ލިވަޕޫލު ބަލިވި މެޗުގައި ކެރިއަސްގެ ސަބަބުން އެޓީމު ކޮޅަށް ވަން ދެ ގޯލަށްފަހު، ވާދަވެރި މެޗެއްގައި އޭނާއަށް ލިވަޕޫލުގެ ފުރަތަމަ އެގާރައިން ޖާގައެއް ނުލިބެއެވެ.
2016 ވަނަ އަހަރު ޖަރުމަނުގެ މައިންޒް އިން 4.7 މިލިއަން ޕައުންޑުގެ އަގަކަށް ލިވަޕޫލަށް ބަދަލުވި ކެރިއަސް ވަނީ ލިވަޕޫލަށް 49 މެޗު ކުޅެދީފައެވެ.
ލިވަޕޫލުގެ ކޯޗު ޖާގަން ކްލޮޕް ބުނީ، ކެރިއަސް ބެޝިކްޓާސް އަށް ބަދަލުވުމަކީ އޭނާއަށް އޭގެ ފައިދާ ކުރާނޭ ކަމެއްކަމާއި، ބެޝިކްޓަސް އަކީ ޔޫރޮޕާ ލީގުގައި ކުޅޭ ތަޖުރިބާހުރި، ޔޫރޮޕާ ލީގު ހޯދުމުގެ ފުރުޞަތު އޮތް ޓީމެއް ކަމާއި، އެއީ ހުރިހާ ގޮތަކުންވެސް ކެރިއަސް އަށް ފައިދާކުރާނެ ކަމެއްކަމަށެވެ.
ލިވަޕޫލުން ވަނީ މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، 66.8 މިލިއަން ޕައުންޑްގެ އަގަކަށް އިޓަލީގެ ރޯމާއަށް ކުޅެމުން އައި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އެޓީމަށް ގެނެސްފައެވެ.
ތުރުކީ ލީގުގައި ކުޅުނު ދެމެޗުންވެސް މޮޅުވެ މިވަގުތު ޓޭބަލްގެ ދެވަނައިގައި އޮތް ބޭޝިކްޓަސް ސްކޮޑްގައި ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ތަކެއް ތިބެއެވެ. އޭގެ ތެރޭގައި، ޕޯޗުގަލްގެ ރިކާޑޯ ކުއަރެސްމާ އާއި ޕެޕޭ، ބްރެޒިލްގެ އެޑްރިއާނޯ އާއި ވެގްނާ ލަވް، ސްޕެއިންގެ އަލްވާރޯ ނެގްރޭޑޯ، ޗިލީގެ ގެރީ މެޑެލް، ހޮލެންޑުގެ ރަޔަން ބަބެލް އާއި ޖެރެމިއަން ލެންސް ގެ އިތުރުން ކްރޮއޭޝިއާގެ ވީޑާ ހިމެނެއެވެ.
Advertisement
Leave a Reply