އަލަށް ޕްރޮމޯޓްވި ރެއާލް ވަލަޑޮލިޑް އަތުން ބާސާއަށް އުނދަގޫ މޮޅެއް

Advertisement

އަލަށް ޕްރޮމޯޓްވި ރެއާލް ވަލަޑޮލިޑް އަތުން ބާސާއަށް އުނދަގޫ މޮޅެއް

ޢަލީ ޝަހީމް

ސްޕެނިޝް ލީގަށް މި ސީޒަނަށް ކޮލިފައިވި ރެއާލް ވަލަޑޮލިޑްއާ ވާދަކުރި މެޗުން ހަނިގޮތަކަށް ބާސެލޯނާ މޮޅުވެއްޖެއެވެ. ވަލަޑޮލިޑްގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 57 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ޖަހައިދިން ލަނޑުންނެވެ. މިއީ މިދިޔަ ސީޒަނުގައި ބާސާއާ ގުޅުނު ފަހުން ޑެމްބެލޭ ލީގުގައި އެޓީމަށް ޖަހައިދިން ހަތަރު ވަނަ ގޯލެވެ. މި މޮޅާއެކު ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު ބާސެލޯނާ އޮތީ ޓޭބަލްގެ އެއްވަނައިގައެވެ.

ރޭގެ މެޗުން ބާސާ މޮޅުވި ނަމަވެސް ވަލަޑޮލިޑް އިން ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. މީގެ ހަތަރު އަހަރު ކުރިން ބާސާ އާއި ވަލަޑޮލިޑް ބައްދަލުކުރި މެޗުގައި އެޓީމު ވަނީ 1-0 އިން ބާސާ ބަލިކޮށްފައެވެ. މި މެޗުން ބާސާ މޮޅުވާން ދަނިކޮށް ވަލަޑޮލިޑްގެ ކެކޯ ވަނީ މެޗުގެ ފަހުވަގުތު ގޯލެއް ޖަހާފައެވެ. ނަމަވެސް ވީއޭއާރުގެ އެހީތެރިކަމާއެކު ކެކޯ ޖެހި ލަނޑު ރެފްރީ ގަބޫލު ކޮށްފައެއް ނުވެއެވެ. ވީއޭއާރު ސްޕެނިޝް ލީގަށް ތައާރަފް ކުރީ މި ސީޒަނަށެވެ.

މި މެޗުގައި ވަލަޑޮލިޑްގެ ކީޕަރު ޖޯޑީ މަސިޕް ވަނީ ބާސާގެ ލުއިސް ސުއަރޭޒް އަދި ފިލިޕް ކުޓީނިއޯ ފޮނުވާލީ ތިން ހަމަލާއެއް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ދަނޑުގެ ވިނަގަނޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން މި މެޗުގައި ކުޅުންތެރިންނަށް އުނދަގޫވެގެން ގޮސްފައިވެއެވެ. ވިނަގަނޑު ހާލަތު ގޯސްވުމުގެ ސަބަބުން މެޗު ތެރޭގައި ކުޅުންތެރިން ވިނަގަނޑު އެއްވަރު ކުރުމުގައިވެސް ހަރަކާތެރިވިއެވެ.

ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެތްލެޓިކޯ މެޑްރިޑުވެސް ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ރަޔޯ ވަޔެކާނޯއާ ބައްދަލުކުރި މެޗުގައި އެތްލެޓިކޯގެ ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ޖެހީ އެންޓޮއިން ގްރިޒްމަން އެވެ. ގްރިޒްމަން މި ލަނޑު ޖެހީ އެޓީމުގެ ސްޓެފަން ސަވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ރޭގެ މެޗަކީ ލީގުގައި އަމިއްލަ ދަނޑުގައި އެތްލެޓިކޯ ކުޅުނު ފުރަތަމަ މެޗެވެ.

ލީގުގައި މިރޭ ރެއާލް މެޑްރިޑް ނުކުންނާނީ ޖިރޯނާއާ ދެކޮޅަށް ނުކުންނައިރު މި މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 1:15 ގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *