ފުރަތަމަ މޮޅާއެކު އެމެރީއަށް ހަމަނޭވާ ލެވިއްޖެ

Advertisement

ފުރަތަމަ މޮޅާއެކު އެމެރީއަށް ހަމަނޭވާ ލެވިއްޖެ

ޢަލީ ޝަހީމް

އާ ސީޒަނަށް އިނގިރޭސި ކްލަބް އާސެނަލްއާ ގުޅުނު އާ ކޯޗު އުނާއި އެމެރީގެ ދަށުން ލީގުގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިރޭ އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑާއި ވާދަކުރި މެޗުން އާސެނަލް މޮޅުވީ 3-1 އިންނެވެ. އެމެރީގެ އިރުޝާދުގެ ދަށުން ލީގުގައި ފުރަތަމަ ކުޅުނު ދެމެޗުންވެސް ބަލިވުމުން މި މެޗަށް އެޓީމު ނުކުތީ ތިން ޕޮއިންޓް ހޯދުމަށެވެ. ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީ އަތުން އަމިއްލަ ދަނޑުގައި ބަލިވިއިރު ދެވަނަ މެޗުގައި އެޓީމު ރަށުން ބޭރުގައި ބަލިވީ ޗެލްސީ އަތުންނެވެ.

މިރޭގެ މެޗުގެ 25 ވަނަ މިނެޓުގައި ލީޑު ނެގީ ވެސްޓެހަމް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން މާކޯ އަރްނަޓޮވިޗެވެ. އަރްނަޓޮވިޗް މި ލަނޑު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމާ އަލަށް ގުޅުނު ފެލިޕޭ އެންޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ވެސްޓްހަމް ލަނޑުޖެހިތާ ފަސް މިނެޓުފަހުން އާސެނަލަށް އެއްވަރު ކޮށްދިނީ ޑިފެންޑަރ ނަޗޯ މެންރިއާލް އެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލަށް ކުރި ލިބުނީ ވެސްޓްހަމްގެ އިއްސާ ޑިއޯޕް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ އޭނާ ވެސްޓަހްމް ޓީމުގެ ޖޯޒީގައި ކުޅެން އެރި ފުރަތަމަ މެޗެވެ. ޑިއޯޕް އަތުން ބޯޅަ ބައިކޮޅަށް ވަނީ އާސެނަލްގެ އެލެކްޒޭންޑާ ލަކަޒޭ ޖެހި ބޯޅައެއް ދިފާއު ކުރަން އުޅުމުގެތެރޭގައެވެ. އާސެނަލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޑެނީ ވެލްބެކެވެ.

“އަހަރެމެން މިތިބީ ވަރަށް އުފަލުން. ސަބަބަކީ މިއީ ދެމެޗުން ބަލިވުމަށްފަހު ލިބުނު ފުރަތަމަ ތިން ޕޮއިންޓް. އަދިވެސް އަހަރެމެން ރަނގަޅު ކުރަން ޖެހޭއެބަ. މިހާރު ޓީމަށް މިއަންނަ ބަދަލާއެކު މެޗުތަކުގައި ޓީމަށް ކުރިއެރުން ލިބޭނެ” ފުރަތަމަ މޮޅަށްފަހު ހިތްހަމަ ޖެހިފައިހުރި އާސެނަލްގެ ކޯޗު އެމެރީ ބުންޏެވެ.

މެޗުން ބަލިވުމުން ވެސްޓްހަމްގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނީ ބަލިވިޔަސް ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

“އެމީހުން މޮޅުވީ 3-1 އިން، އެކަމު މެޗު ބެލި ބަޔަކަށް އެނގޭނެ އަހަރެމެނަށް ވަރަށް ގިނަ ފުރުސަތުތައް ލިބުނުކަން” ކުޅުނު ތިންމެޗުންވެސް ބަލިވެ ތާވަލުގެ ފުލުގައި އޮތް ވެސްޓްހަމްގެ ކޯޗު ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *