ކޮވަޗްގެ އިރުޝާދުގެ ދަށުން ލީގުގެ ފުރަތަމަ މޮޅު ބެޔާން އަށް

ޖަރުމަނު ބުންޑަސްލީގާގެ ކުޅުން ރޭ ފެށިއިރު، އާ ސީޒަނަށް ބެޔާންގެ ކޯޗުކަމާ ހަވާލުވި ކްރޮއޭޝިޔާގެ ނިކޯ ކޮވިޗްގެ އިރުޝާދުގެ ދަށުން ކުޅުނު ބެޔާން މިއުނިކް ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިދިޔަ ހަ ސީޒަނުގައިވެސް ލީގު ޗެމްޕިއަންކަން ހޯދި ބެޔާންގެ ކޯޗުކަމާ ނިކޯ ކޮވަޗް ހަވާލުވީ މިދިޔަ ސީޒަނަށް ފަހު އެވެ. އޭނާގެ ކޯޗުކަމުގައި އެއިންޓްރެކްޓް ފްރެކްފާޓް މިދިޔަ ސީޒަނުގެ ވަނީ ޖަރުމަނު ކަޕް ފައިނަލުގައި ބެޔާންއާ ވާދަކޮށް މޮޅުވެފައެވެ.
ހޮފެންހެއިމް އާ ވާދަކޮށް ރޭގެ މެޗު ބެޔާން ކާމިޔާބު ކުރީ 3-1 އިންނެވެ. ހޮފެންހެއިމްއަކީ ފަހަކަށް އައިސް ޖަރުމަނު ލީގުގައި ރަނގަޅު ވާދައެއް ކުރަމުން އަންނަ ޓީމެކެވެ. އެޓީމު ވަނީ މިދިޔަ ސީޒަނުގައި އެ ލީގުގެ ތިންވަނަ މަގާމް ހޯދާފައެވެ.
ރޭ ބެޔާންގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތޯމަސް މުލާއެވެ. މެޗުގެ 23 ވަނަ މިނެޓުގައި މުލާ، ބެޔާނަށް ލީޑު ނަގައިދިން ނަމަވެސް މެޗުގެ 57 ވަނަ މިނެޓުގައި ހޮފެންހެއިމްގެ އާދަމް ސްލަޒާއި ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މެޗުން ބެޔާން މޮޅުވި ދެ ލަނޑު ޖެހީ މެޗުގެ ފަހު ދިހަ މިނެޓުގައެވެ. 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވަންޑޮސްކީ ބެޔާންގެ ދެވަނަ ލަނޑު ޖެހިއިރު ތިންވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ޖެހީ އާޔަން ރޮބެން އެވެ. ލެވަންޑޮސްކީ ޖެހި ޕެނަލްޓީ ފުރަތަމަ ފަހަރު ނާކާމިޔާބުވި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީތެރިކަމާއެކު އެ ޕެނަލްޓީ ދެވަނަ ފަހަރު ޖަހަން ލިބުނު ފުރުސަތުގެ ލެވަންޑޮސްކީ ހިފިއެވެ. އޭނާއަށް ދެވަނަ ފަހަރު ޕެނަލްޓީ ޖަހަން ފުރުސަތު ލިބުނީ ފުރަތަމަ ފަހަރު ޕެނަލްޓީ ޖެހިއިރު އެޓީމުގެ ރޮބެން އޭރިޔާ ތެރޭގައި ހުރުމުން ވީޑިއޯ ރީޕްލޭ ބެލުމަށްފަހު އެވެ. މީގެ އިތުރުންވެސް ވީއޭއާރުގެ ބޭނުންކޮށްގެން މި މެޗުގައި ރެފްރީ ވަނީ ބެޔާންގެ ލެއޮން ގޮރެޓްޒްކާ ޖެހި ލަނޑެއްގެ ނިންމުންވެސް ބަދަލު ކޮށްފައެވެ. އެ ލަނޑު ގަބޫލު ނުކުރީ ގޮރެޓްޒްކާ ޖެހި ބޯޅަ އެޓީމުގެ މުލާ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނުމުން އޮފްސައިޑް ކަމަށް ބުނެއެވެ.
ޖަރުމަނު ލީގުގައި މިރޭވެސް އިތުރު މެޗުތަކެއް ކުޅޭނެއެވެ. މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން ފާހަގަ ކޮށްލެވެނީ 19:15 ފަށާ ވޯލްސްބާގް އަދި ޝާލްކޭ ބައްދަލުކުރާ މެޗެވެ.
Advertisement


Leave a Reply